ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބްއަށް މަރުގެ އިންޒާރު ދިން މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ ވިދާޅުވީ މަރުގެ އިންޒާރު ދިނީ ސޯޝަލް މީޑިއާގައި ކަމަށެވެ. އެ އިންޒާރު ދީފައިވަނީ އިލްޔާސްއަށާއި، ދަ ޑިމޮކްރެޓްސް ޕާޓީއާއި ކެމްޕޭނަށް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އެހެންކަމުން އެކަން އާދައިގެ މައްސަލައެއްގެ ގޮތުގައި ނެގެން ނެތް ކަމަށާއި ޓެރަރިޒަމްގެ މައްސަލަތަކަކީ ބިރުވެރި މައްސަލަތަކެއް ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ. އެހެންވެ އެ މައްސަލަ މިއަދު ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިމްތިޔާޒް ވިދާޅުވީ އިންޒާރު ދިނީ ޓުވިޓާގައި ހަރަކާތްތެރިވާ "ރޯނު އެދުރު 813″ ނަމަކަަށް ކިޔާ އެކައުންޓަކުން ކަމަށެވެ.
ޓުވީޓުގައި އިންނަނީ ބޮމެއް ދައްކާފައި. މި ހަމަލާ އެބަ އަންނަ ކަމުގެ އިންޒާރު. އަދި ވަކި މުއްދަތެއް ވެސް ބުނެފައެއް ނުވޭ. އަދި އޭގެ ފަހުން އޭނާ ކޮށްފައި ހުރި ޓުވީޓުތަކުގައި ވެސް ހަމަ އިންޒާރު. ދީނާ ގުޅުވައި މުރުތައްދުވެއްޖެ ކަމަށް ބުނެ މަރުގެ އިންޒާރުތަކުގެ ޓުވީޓުތަކެއް ކޮށްފައި ވަނީ.
– އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ މީގެ ކުރިންވެސް އެފަދަ މައްސަލަތައް ނުބަލާކަން ހާމަވެފައިވާ އިރު ޓެރަރިޒަމްގެ އެންމެ ބޮޑު ޝިކާރައަކަށްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އިލްޔާސް ވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ