ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކުރި ފުލުހުންގެ މައްސަލާގައި މާދަމާ ގޮތެއް ނިންމަނީ

ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކުރި ފުލުހުންގެ މައްސަލާގައި މާދަމާ ގޮތެއް ނިންމަނީ

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2020 02:06
0

މ.އުޖާލާގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުސް އޮފިސަރުންތަކެއް މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް ފިޔަވަޅު އެޅުމާއި ގުޅިގެން ފޭސްބުކް އެކައުންޓްގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލުކޮށްގެން އިހްތިޖާޖް ކުރި ފުލުހުންގެ މައްސަލަ އަލުން ބަލަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގަން އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީގެ ނިންމުން ތަޅުމުގެ މާދަމާ ހަވީރު ބާއްވާ ޖަލްސާއަށް ވަނީ އެޖްންޑާ ކޮށްފައެވެ. މިމައްސަލާގައި ގޮތެއް ކަނޑައެޅިގެންދާނީ މާދަމާގެ މަޖިލީހުގެ ޖަލްސާގައެވެ. މި މައްސަލަ ދިރާސާކޮށް 241 ކޮމިޓީ އިން އެކުލަވާލާފައިވާ ރިޕޯޓްގައި ވަނީ އެންއައިސީ އިން ފުލުހުންތަކެއް އިހްތިޖާޖް ކުރި މައްސަލަ ތަހުގީގުކޮށް އެ ތަހުގީގުގެ ރިޕޯޓް މަޖިލީހުގެ އެކޮމިޓީއަށް ހިއްސާ ކުރަން ޖެހޭނެ ކަން އެންއައިސީއަށް މަޖިލީހުން އެންގުމަށް ކޮމިޓީއިން ފާސްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފެންމަތިވީ އެ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މި މައްސަލައިގައި ފުލުހުންގެ އެތެރޭގެ ތަހުގީގެއް ހިންގުމަށް ފަހު ހަތް އޮފިސަރުން ސަސްޕެންްޑްކޮށްފައިވެއެވެ.

މި ރިޕޯޓުގައި ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށްފައިވާ ކަމަށް ފާހަގަކުރެވުނު ހުރިހާ ފުލުހުން ޕްރޮފައިލް އެހެން ކުލައަކަށް ބަދަލުކުރުމުން އެ ފުލުހުންނާމެދު ނަސޭޙަތްދިނުން ފިޔަވައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމެވުމަކީ މި ކޮމިޓީން ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިބާވަތުގެ އިޙްތިޖާޖުތަކަކީ ފުލުހުންގެ މުއައްސަސާފަދަ މުއައްސާއެއްގެ އަޚްލާޤީ އަދި ސުލޫކީ މިންގަޑުކަމަށް މި ކޮމިޓީއަށް ޤަބޫލުނުކުރެވޭކަމަށާއި، އެބާވަތުގެ އިޙްތިޖާޖަކާގުޅޭފަދަ ކަމެއް ފުލުހުންގެ އެއްވެސް މީހަކު ހިންގާނަމަ، އެފަދަ ޢަމަލަކަށް އެކަށޭނަ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅިފައި އޮތުން މުހިންމު ކަމުގައި މި ކޮމިޓީއަށް ޤަބޫލުކުރެވޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް ފުލުހަކު އިޙްތިޖާޖުގެ އެއްވެސް ޢަމަލެއް ހިންގުމާއި އަދި އެފަދަ އެއްވެސް ޢަމަލެއްގައި ބައިވެރިވުމަކީ ކުށެއްކަމަށް ކަނޑައަޅައި، އެކަމަށް އެކަށޭނަ އަވަސް ފިޔަވަޅުތަކާއި، އަދަބުތަކާއި، އެފިޔަވަޅުތަކާއި އަދަބުތައް ކަމާގުޅޭ ފަރާތްތަކުން އަވަސްކޮށް އެޅުމަށާއި ތަންފީޛު ކުރާނެގޮތުގެ ކަމާގުޅޭ މާއްދާތައް މިހާރު ރައްޔިތުންގެ މަޖިލީހުގައި އިޞްލާޙުކުރަމުންދާ "ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު"ގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުންނާއި އަދި ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އަވަސްކޮށް ކުރުުމަށްވެސް ވަނީ ލަފާ ދީފައެވެ.

ކޮމިޓީއިން އެކުލަވާލި އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސެއް ވެސް އަދި ހިންގަން ޖެހޭނެއެވެ. އަދި ކޮމިޓީ ރިޕޯޓް ފާސްކުރުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.