ރާއްޖޭގެ ފުރަތަމަ ސްމާޓް ޝޮޕް އެސްޓީއޯއިން ހުޅުވައިފިއެވެ. މި ޝޮޕް ހުޅުވައި ދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ސައީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފިހާރައަކީ އާރޓިފިޝަލް އިންޓެލިޖެންސް ވިޝަންއާއި، އައިއޯޓީ ސެންސަރުތައް ބޭނުން ކޮށްގެން 24 ގަޑިއިރު ޚިދުމަތް ދޭގޮތަށް ތައްޔާރު ކުރެވިފައިވާ ފިހާރައެކެވެ. އެސްޓީއޯއިން ބުނެފައިވަނީ މި ފިހާރައިން 24 ގަޑިއިރު ޚިދުމަތް ދޭގޮތަށް ހަމަޖެހިގެން ދާނީ އެކަމަށް ބޭނުންވާ ހުއްދަތައް ލިބުމުން ކަމުގައެވެ.
މި ފިހާރަ ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކަޓަރ ވިދާޅުވީ މިފަދަ ފިހާރަތަށް ރާއްޖެ ހިމެނޭ ސަރަހައްދުގައިވެސް ހުރީ ވަރަށް މަދުން ކަމަށާއި، މިފަދަ ފިހާތައް ހުރީ ސިންގަޕޯރ އަދި ދުބާއީ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިފަދަ ފިހާރައެއް ރާއްޖޭގައި ހުޅުވުމަކީ ލިބިގެންދިޔަ ވަރަށްބޮޑު ކުރުއެރުމެއް ކަމުގައެވެ.
އަދި އޭނާ ވިދާޅުވީ އޭއައި ޓެކްނޮލޮޖީއާއެކު، ފިހާރާގައި މީހުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެ ކަމުގައެވެ.
ސްމާޓް ޝޮޕުން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއްވެސް ކުރިޔަށް ދާނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އަދި ފިހާރައަށް ވަނުމަށްވެސް އެޕްލިކޭޝަން މެދުވެރިކޮށް ޖެނެރޭޓް ކުރާ ކިއުއާރު ކޯޑެއް ނުވަތަ ފޭސް ރިކޮގްނިޝަންގެ ބޭނުން ކުރަން ޖެހޭނެއެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ވުމަށްފަހު ފިހާރައިގެ ހަރުތަކުން ތަކެތި ނަގަމުންދާ ވަރަކަށް އެޕްލިކޭޝަންގެ ކާރޓަށް ނަގާ ތަކެތި ޖަމާވަމުން ދާނެއެވެ. އަދިފިހާރައިން ގަންނަ ތަކެތީގެ މުއާމަލާތް ނިމޭނީ ގަންނަން ބޭނުންވާ ތަކެތި ހިފައިގެން ފިހާރައިން ބޭރަށް ނިކުތުމުންނެވެ. ފިހާރައިން ނިކުތުމަށް ގަތް ތަކެތީގެ ރަސީދު ފޯނަށް ލިބޭނެއެވެ.
އެސްޓީއޯއިން ބުނެފައިވަނީ ރާއްޖޭގައި ސްމާޓް ފިހާރަތައް ހުޅުވުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެކުންފުނިން ތައްޔާރަށް އޮތް ކަމުގައެވެ.
ކޮމެންޓު ފޮނުވާ