ކޯވިޑް19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިން 2 ވަނަ ގައުމަކަށް ބަހުރެއިން

ކޯވިޑް19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިން 2 ވަނަ ގައުމަކަށް ބަހުރެއިން

Author
ހުސެއިން
05 ޑިސެމްބަރ 2020 07:39
0

އެމެރިކާގެ ފިޒާ ކުފުންޏާއި އެކުންފުނީގެ ޕާޓްނަރ ކުންފުނި، ޖަރުމަނު ވިލާތުގެ ބައޯއެންޓެކް ކުންފުނިން އުފެއްދި ކޯވިޑް19 ވެކްސިން އެމަޖެންސީކޮށް އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ އަރަބި ގައުމެއްކަމުގައިވާ ބަހުރެއިނުން ދީފިއެވެ.

މި ހަފްތާގެ ހުކުރުދުވަހު ބަހުރެއިން މިވެކްސިންގެ އެމަރޖެންސީ ހުއްދަ ދިނުމާއެކު، ބަހުރެއިން ވެގެން ދިޔައީ ކޯވިޑް19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިން 2 ވަނަ ގައުމު ކަމުގައެވެ.

ދުނިޔޭގައި ކޯވިޑް19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިން އެންމެ ފުރަތަމަ ގައުމަކަށް މި ހަފްތާގެ އަންގާރަ ދުވަހު ވެގެން ގޮސްފައިވަނީ އިގިރޭސިވިލާތެވެ.

"ބަހުރެއިންގައި، ފިޒާ/ބައޯއެންޓެކްގެ ކޯވިޑް19 ވެކްސިން، ހައި ރިސްކް ގްރޫޕްތަކަށް ބޭނުން ކުރުމުގެ އެމަޖެންސީ ހުއްދަ ވަނީ ދޫކުރެވިފައި،" ބަހުރެއިންގެ ނޭޝަނަލް ހެލްތު ރެގިއުލޭޓަރީ އޮތޯރިޓީ (NHRA) އިން ބުނެފައިވެއެވެ.

ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދޫކޮށްފައި ވިނަމަވެސް، އެގައުމުން ގަނެފައިވަނީ ކިހާއަދަދެއްގެ ވެކްސިނެއް ކަމެއްވެސް، އަދި ވެންސިން ޖަހަން ފަށާނީ ކޮންދުވަހަކުން ކަމެއްވެސް ބަހުރެއިނުން ހާމަކޮށްފައެއް ނުވެއެވެ.

ބަހުރެއިންއިން ދޫކޮށްފައިވާ ވެކްސިންގެ އެމަޖެންސީ ހުއްދައާއި ގުޅޭގޮތުން ފިޒާކުންފުނިންވެސް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ބެލެވޭގޮތުގައި ވެކްސިންގެ ބޭނުންކުރުމުގެ ހުއްދަ ބަހުރެއިންގެ ކަމާގުޅޭ އިދާރާތަކުން ދީފައިވި ނަމަވެސް، އެގައުމަށް ކުރިމަތިވެގެންދާނެ އެންމެ ބޮޑު ގޮންޖެހުމަކީ، ވެކްސިން ރައްކާ ކޮށްފައި ބެހެއްޓުމެވެ.

ފިޒާ/ބައޯއެންޓެކްއިން ތައްޔާރު ކޮށްފައިވާ ކޯވިޑް19 ވެކްސިނަކީ، އާދަޔާ ޚިލާފަށް ބޮޑު ފިނީގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ ވެކްސިނެކެވެ. މިގޮތުން ވެކްސިން އެއްތަނުން އަނެއްތަނަށް އުފުލާއިރުގައާއި އަދި، ރައްކާކޮށްފައި ބަހައްޓާ ތަންތަނުގައިވެސް ވެކްސިންގެ ޑޯޒުތައް ބަހައްޓަން ޖެހެނީ، މައިނަސް 70 ޑިގްރީސް ސެލްސިއަސް (މައިނަސް 94 ޑިގްރީސް ފަރެންހެއިޓް)ގައެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ބަހުރެއިންއަކީ، ހޫނު މޫސުމުގައި ފިނުހޫނުމިން 40 ޑިގްރީ (104 ޑިގްރީ ފަރެންހެއިޓް)އަށް މައްޗަށް ދާގައުމެކެވެ. އަދި ހިއުމިޑިޓީ (ވައިގެ ތެތްކަން) އެހާމެ މަތީގައި ހުންނަ ގައުމެކެވެ.

ބަހުރެއިނަށް ވެކްސިން ފޯރުކޮށް ދިނުމަށްޓަކާ އެގައުމުގެ ގައުމީ އެއަރލައިން، ގަލްފް އެއަރ، އެގައުމަށް ބޭނުން ކުރެވިދާނެއެވެ. އަދި ހަމަ އެއާއެކު، އަރަބި އެމިރޭޓްސްގެ، މަޝްހޫރު އެމިރޭޓްސް އެއަރލައިނުންވެސް ބުނެފައިވަނީ، ކޯވިޑް19 ވެކްސިން ގަދަ ފިނީގައި އުފުލަން ޖެހުނު ކަމުގައި ވިނަމަވެސް، އެއަރލައިނުން މިހާރު ވަނީ ވެކްސިން އުފުލުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ކޮށް ނިންމާފައެވެ.

ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކުވެސް ޖަހަން ޖެހޭނެއެވެ. އަދި ކޮންމެ ޑޯޒެއްވެސް ޖަހަން ޖެހޭނީ 3 ނުވަތަ 4 ހަފްތާގެ ދުރުމިނެއްގައެވެ.

ފިޒާ/ބައޯއެންޓެކްގެ ކޯވިޑް19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާއިރު، ބަހުރެއިންއިން މީގެ ކުރިން ވަނީ، ޗައިނާއިން އުފައްދާފައިވާ ކޯވިޑް19 ވެކްސިނެއް ކަމުގައިވާ، "ސިނޯޕާރމް" ނަމަކަށް ކިޔާ ވެކްސިނެއްވެސް އެގައުމުގައި ބޭނުން ކުރުމުގެ އެމަރޖެންސީ ހުއްދަ ދޫކޮށްފައެވެ. އަދި މިވެކްސިން 6،000 މީހުންނަށް ބަހުރެއިންގައި މިހާތަނަށް ދީފައިވެއެވެ.

ޗައިނާގެ މިވެކްސިން އަވައްޓެރި ޔޫއޭއީގަވެސް ދަނީ ބޭނުން ކުރެވެމުންނެވެ.

"ފިޒާ/ބައޯއެންޓެކްގެ ކޯވިޑް19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދެވިގެން ދިއުމާއެކު، ސަރުކާރުން ކޯވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ހަރުފަތެއް ގިރާ ކުރެވުނީ،" މައިރިޔަމް އަލް-ޖަލަހުމާ، ބަހުރެއިންގެ ނޭޝަނަލް ހެލްތު ރެގިއުލޭޓޮރީ އޮތޯރިޓީ (NHRA)ގެ ޗީފް އެގްޒެކެޓިވް އެގައުމުގެ ގައުމީ ޓީވީއަށް މައުލޫމާޓު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

1.6 މިލިއަންގެ އާބާދީއެއް އޮންނަ ބަހުރެއިންގައި މިހާތަނަށް އައިއިރު، 87،000 މީހުންވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އަދި 341 މީހަކު ބަލީގައި މަރުވެފައިވާއިރު، 85،000 މީހުން ބަލިން ރަގަޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.