ބޮޑެތި ތުހުމަތުތަކާއިއެކު ޤާޟީ އިބްރާހީމް ޢަލީ މަޤާމުން ވަކިކުރުމަށް މަޖިލީހަށް

ބޮޑެތި ތުހުމަތުތަކާއިއެކު ޤާޟީ އިބްރާހީމް ޢަލީ މަޤާމުން ވަކިކުރުމަށް މަޖިލީހަށް

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2020 09:13
0

ބޮޑެތި ތުހުމަތުތަކާއިއެެކު ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމައިފި އެވެ.

ޖޭއެސްސީން ވިދާޅުވީ މިހާރުވެސް ސަސްޕެންޝަނުގައި ހުންނެވި ޤާޟީ އިބްރާހީމް ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވަން ނިންމާފައިވަނީ ފަނޑިޔާރުގެ މަސައްކަތުގައި އިތުރަށް ދެމި ހުރެއްޖެނަމަ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެއްލި ޤާނޫނީ ނިޒާމުގެ ބާރު ނެތިދާނެތީކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީގެ މައްޗަށް ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ މައްސަލައަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީޢަތް ނިމެންދެން މައްސަލައިގައި ތުޚުމަތުކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ފެށި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާލިބޭ ފަރާތްތަކުގެ އެދުމުގެމަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިޢުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖަޢާކޮށް އެމައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް ޢަމަލުކުރުން ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވުނު 10 މީހުންގެ ތެރެއިން 9 މީހެއްގެ މައްސަލައިގައި، އެކި ތާރީޚުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޢަލީ ޢަމަލުކުރައްވާފައި ނުވާކަމާއި، އެމައްސަލަތަކުގައި ބަންދު މުރާޖަޢާކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައިއާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެންވެސް ބަންދު މުރާޖާޢާ ކުރުމަށް އަޑުއެހުމެއް ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ތާވަލުކޮށްފައި ނުވާކަން ކޮމިޝަނުންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

މި މައްސަލައިގައި ހިމެނޭ 10 މީހުންގެ ތެރެއިން އެންމެ ފަހު ފަރާތްކަމަށްވާ ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްސަލައިގައި، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން 17 އޭޕްރީލް 2019 ދުވަހު ބާޠިލުކޮށް ނިންމި ނިންމުމުގައި، ވ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގެ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ތ.ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންނެކަމަށް ކަނޑައަޅާފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހެޅިކަމުގައި ވީނަމަވެސް، އެމައްސަލައިގައި ހިމެނޭ އެހެންފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައިކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖަޢާނުކޮށް ބޭއްވިގޮތަށް، ހައިކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވާ މުހުލަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރު ތ.ބުލޫނިޔާއާގޭ މޫސާ އިބްރާހީމްގެ މައްސަލައިގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމާމެދު ގޮތެއް ނުނިންމައި، ޤާޟީ އިބްރާހީމް ޢަލީ ގަސްތުގައި، ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށް އެމައްސަލަ ލަސްކޮށްފައިވާކަން މިކޮމިޝަނުގެ ތަޙްޤީޤަށް ފާހަނގަ ކުރެވިފައިވާކަމަށް ޖޭއެސްސީން ވިދާޅުވެ އެވެ.

ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ޤާޟީ އިބްރާހީމް ޢަލީ ޢަމަލުނުކުރާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ފޮނުވަމުން ދިޔަ ސިޓީތަކަށް އަޅާލުމެއްނެތި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުން ގަސްތުގައި ދިގުދަންމާފައިކަމާއި، އެންމެފަހުން ޤާޟީ އިބްރާހީމް ޢަލީ އެމައްސަލައިގައި އަޑުއެހުމެއް ބޭއްވީ ހައިކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން 10 ޖޫން 2009 ގައިކަންވެސް ފާހަގަކުރެވިފައިވާކަމަށް ޖޭއެސްސީން ވިދާޅުވެ އެވެ. އަދި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި، ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ހުރިގޮތުން ދައުވާލިބޭ މީހުންނަށް ހިތްވަރު ލިބޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވޭކަމާއި، އެ މީހުން ބަންދުކުރަނީ ފަނޑިޔާރު ބޭނުންވެގެން ނޫންކަމާއި އަދި މަތީމަރުޙަލާގެ ކޯޓަކުން އެގޮތަށް އަމުރުކޮށްފައިވާތީ މަޖުބޫރީ ޙާލަތެއްގައިކަން ދޭހަވާފަދަ މޭރުމަކުން ހައިކޯޓުގެ ޙުކުމުގެ ހުރުމަތަށް އަސަރުކުރާ ގޮތަށް ޤާޟީ އިބްރާހީމް ޢަލީގެ ބަސްމަގު ބައްޓަންކޮށްފައިވާކަންވެސް ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށް މިބަޔާނުގައި ވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.