ސަން ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައިފި

ސަން ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
20 ޖުލައި 2023 11:25
0

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިއެވެ.

ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކުރީ 2013 ގައެވެ. ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފައެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފ އެވެ.

ސިޔާމް ސިންގަޕޫރަށް މި ވަޑައިގަތީ އެ މައްސަލަ ސިންގަޕޫރުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އަންގާފައި އޮއްވާ ކަން އެނގިފައިވެއެވެ.

އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލައަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައެވެ. ކޮންޓްރެކްޓް ބާޠިލްކުރި ސަބަބެއް މިހާތަނަށް ސަންޓްރެވަލް އިން ވެސް އަދި ހިލްޓަންއިން ވެސް ހާމަކޮށްފައެއް ނުވެއެވެ. ދުނިޔޭގައި އެތައް ސަތޭކަ ހޮޓަލެއް ހިންގާ ހިލްޓަން އިން ވެސް ހަމައެކަނި ބުނެފައި ވަނީ ރިސޯޓުގެ މެނޭޖްމަންޓު އެ ކުންފުނިން ވަކިކުރީ ބާރު ނުފޯރުވޭ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ހިލްޓަން އިން މައްސަލަ ހުށަހަޅާފައިވެއެވެ.

ރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ސަން ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ރަށްރަށުގެ ކެމްޕޭންގައި އުޅުއްވުމަށް ފަހުއެވެ. އެގޮތުން ރައީސް ސޯލިހްގެ ކެމްޕެއިން ފަށަން ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި އާއި އެ އަތޮޅުގައި އޮންނަ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ނޫމަރާ އަށް ކުރެއްވި ދަތުރުގައި ސިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.