ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގަ 604 ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 2023 ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާގޮތަށް ކޮމިޝަނުން މިއަދު ނިންމާފައި ވާކަމުގައެވެ. އަދި ހަބީބުވަނީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ، ރާއްޖޭގެ ތަންތަނާއި އަދި ގައުމުތަކުގެ ލިސްޓެއްވެސް ޓުވީޓުގައި ހިމަނާފައެވެ.
މިގޮތުން އަތޮޅުތަކުގައި 319 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ރިސޯޓުގައި 78 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން ސްރީ ލަންކާގައި 4 ވޯޓު ފޮއްޓެއް ބަހައްޓާއިރު މެލޭޝިއާގައި 2 ވޯޓު ފޮއްޓެއް، އިންޑިއާގެ ޓްރިވެންޑްރަމްއާއި ނިއުދިއްލީގައި ކޮންމެ ސިޓީއެއްގައިވެސް ވަނީ ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖައްސާފައެވެ. އޭގެ އިތުރުން މިއަހަރު އަލަށް ޖަޕާންގެ ޓޯކިޔޯގަވެސް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ.
ހަބީބުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް މިރޭ އީސީ އިން އިޢުލާން ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން ބޭއްވުމަށް ހަމެޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ