ފުލުހުން ބުނީ މީހާ ހައްޔަރުކުރީ ފުލުހުންނާއި ދިމާލަށް އެއްޗެއް އެއްލުމުން ކަމަށް!

ފުލުހުން ބުނީ މީހާ ހައްޔަރުކުރީ ފުލުހުންނާއި ދިމާލަށް އެއްޗެއް އެއްލުމުން ކަމަށް!

Author
މުޙައްމަދު ޝަޒައިމް
08 ޖުލައި 2023 11:18
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ކުރި އިޙުތިޖާޖުގެ ތެރެއިން މީހަކު ފުލުނުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ކުރިމައްޗަށް އައިސް ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލުމުން ހައްޔަރުކުރި މީހެއް ކަމަށާއި އެ ވަގުތު އެ މީހާގެ ކައިރީގައި ކުޑަކުއްޖަކު ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ސުލްޙަވެރި އިޙުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫންކަމަށްބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނާއި ގުޅިގެންނެވެ.

ފުލުނުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ އަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާ އަށް އެއްޗެއް އެއްލި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި އިރު އެމީހާ ކައިރީ ކުޑަކުއްޖަކު ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކަމަކު އާންމުވެފައިވާ ވީޑިއޯތަކުގައި ފުލުހުން އެ މީހާ ހައްޔަރުކޮށް ވެހިކަލަށް އެރުވި އިރު ކުޑަކުއްޖާ ފެންނަން ހުރެއެވެ. ކުޑަކުއްޖާ ހުއްޓާ މުޒާހަރާގެ ބައިވެރިން ހުތުރު ބަހުން ވާހަކަ ދައްކާތީ ވެސް ވީޑިއޯ އިން އަޑު އިވެއެވެ.

ރާއްޖޭގެ މަގުތަކަކީ ޢާންމުންނަށް އަމާން ތަނެއް ކަމުގައި ހެދުމުގެ ޒިންމާ ޙަވާލުވެފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިނގާ ބިގާވެ ދަތުރުކޮށް އުޅޭ މީހުންނަށް ސަބަބު ނޭނގި ފުލުހުން އަނިޔާކުރަން ފެށުމަކީ މާލޭގެ މަގުތަކުގެ އަމާންކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމަކަށްވާއިރު، މިމައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށްދިނުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު މިމައްސަލައަކީ ފުލުހުންގެ މުއައްސަސާއިންވެސް ބަލަންޖެހޭ މައްސަލައެއްކަމަށް ފެންނާތީ، މިމައްސަލަ ބަލާ މިކަން ހިނގާ ދިޔަ ގޮތް ޢާންމުނާއި ޙިއްސާކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށްވެސް ވަނީ ގޮވާލާފައެވެ. އަދި މިއަދުގެ ސުލްޙަވެރި އިޙުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ކުށެއް ނެތް އެންމެންނާއި އިޙުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި މީހާވެސް ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.