ކުރިޔަށް އޮތް ރިޔާސީ އިންޔތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ގެނައި ބަދަލުތައް ގެޒެޓް ކުރުމަށްފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަންއިން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންއިން ބުނެފައިވަނީ މިހާރު އާންމު ކޮށްފައިވާ ލިސްޓަކީ ފާއިތުވި ޖޫންމަހުގެ 11 ވަނަ ދުވަހު އާންމު ކުރި ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާއެކު އިސްލާހު ކުރެވިފައިވާ ލިސްޓެއް ކަމުގައެވެ.
އިލެކްޝަންސް ކޮމިޝަންއިން ބުނެފައިވަނީ މިހާރު އާންމު ކުރެވިފައިވާ ލިސްޓް އެކޮމިޝަންގެ ވެބްސައިޓުގެ އިތުރުން، މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށެވެ.
އަދި އޭގެ އިތުރުން 1414އަށް އެސްއެމްއެސް ކޮށްގެންވެސް ލިސްޓުގައި ހުރި މައުލޫމާތު އޮޅުން ފިލުވޭނަކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.
އިލެކްޝަންސް ކޮމީޝަނުން އެންމެ ފުރަތަމަ އާންމު ކުރި ލިސްޓުގައިވާ ގޮތުން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 138،317 އަންހެނުންނާއި، 144،355 ފިރިހެނުން އެބަތިއްބެވެ. އެއާއެކު އެ ލިސްޓުގައި ވާގޮތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 282،672 މީހުންނަށެވެ. އެހެންނަމަވެސް ގެނެވުނު އިސްލާހުތަކާއެކު، މިހާރު އާންމު ކޮށްފައިވާ ލިސްޓުގައިވާގޮތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 282،406 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމު ކޮށްފައިވާ ލިސްޓަކީ އެންމެ ފުރަތަމަ ހުށަހެޅުނު 551 ޝަކުވާއާއި ގުޅިން ގެނެވުނު 337 އިސްލާހަކާއެކު އާންމު ކޮށްފައިވާ ލިސްޓެކެވެ.
އިލެކްޝަންސް ކޮމިޝަންއިން ބުނެފައިވަނީ މިހާރު އާންމު ކުރެވިފައިވާ ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2023 ޖުލައި 4 އިން 2023 ޖުލައި 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށެވެ.