މަގުމަތިން މީހުންނާ ފޮށިގަތުމަށް ހިތްވަރު ނުދެއްވުމަށް ދީނީ އިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު، ސަލަފްގެ އިސް ބޭފުޅެއް ކަމަށްވާ ޢަލީ ރަމީޒަށް ގޮވާލައްވައިފިއެވެ.
ޒައިދު މިހެން ގޮވާލެއްވީ ދިނީ އިލްމުވެރިއެއްގެ ޓެގުގައި ވަކަރުގޭ ކުދިން އުޅުއްވާހެން ނޫޅުއްވުމަށް ޑރ.އިޔާޒަށް އަލީ ރަމީޒު ގޮވާލައި ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒަށް ޕީޕީއެމްގެ އިކްޓިވިސްޓުންތަކެއް ވަނީ މަގުމަތި ދިމާކޮށް ފުރައްސާރަ ކޮށްފައެވެ.
މިކަމާއި ގުޅިގެން ދީނީ އިލްމުވެރިންނާއި، އާންމު ގިނަ ބަޔަކު ވަނީ އެއަމަލު ކުށްވެރި ކޮށްފައެވެ. މިކަމާއި ގުޅިގެން ޢަލީ ރަމީޒު ވިދާޅުވެފައިވަނީ ޓުވިޓާގައި 24 ގަޑިއިރު ވަކަރުގޭ ކުދިން އުޅޭހެން އުޅުއްވުމަކީ އެއްގޮތަކަށްވެސް ދީނީ އިލްމުވެރިން އުޅުއްވާ ގޮތެއް ނޫންކަމަށެވެ. ލާދީނީ މީހުންގެ މިލަ ދޮންނަމުން މުސްލިމުން ރުޅިއަރުގައި ދީނާ ގައުމުގެ ހައްގުގައި ކަމަށްބުނެ ވާހަކަ ދައްކަވަމުންދާއިރު ހަގީގަތަކީ ކޮބައިކަން ބަލަންޖެހޭކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.
އަލީ ރަމީޒުގެ ވާހަތަކާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ އެއްވެސް މީހަކަށް މަގުމަތިން ފޮށި ފުރައްސާރަކޮށް ގަޔަށް ބޮލަށް އަރަން ހިތްވަރުލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ ގޯސް ކަމެއްކަމަށެވެ. މިފަދަ ކަންކަމަކީ ސަލަފް ޖަމްއިއްޔާ އަދި އަދާލަތު ޕާޓީއެއް ބެލުމެއްނެތި ކުށްވެރި ކުރަންޖެހޭ ކަމެއްކަަމަށް ޒައިދު ވިދާޅުވިއެވެ.
ނޭނގިނަމަވެސް ޢަލީއަށް ތިޔަކުރެއްވެނީ ރަނގަޅުކަމެއް ނޫން! މަގުމަތިން މީހުންނާ ފޮށިގަތުމަށް ހިތްވަރު ނުދެއްވާ! މިފަދަ ކަންކަމަކީ ސަލަފެއް އޭޕީއެއް ބެލުމެއްނެތި ކުއްވެރި ކުރެވެންޖެހޭ ކަންކަން! މީހެއް ދެކެ އަންނަ ރުޅިއަކީ މިފަދަ ވިޔާނުދާކަންކަމަށް ހިތްވަރުދޭ ކަމެއްކަމުގައި ނަހަދަމާ!
– ޒައިދު ވިދާޅުވިއެވެ.
ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އިޔާޒުއާ ދިމާކޮށްލީ އެ މީހުން އެޗްއާރްސީއެމްގެ ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށް ޑރ. އިޔާޒު އެ ސަރަހައްދުން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ. މުޒާހަރާ ކުރަން ތިބި އަންހެނުންތަކެއް ވަނީ އިޔާޒު ފަހާ ދުވެފައެވެ.
ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރައްވާ ޓްވީޓް ކުރައްވާ ބޭފުޅެކެވެ. އޭނާގެ ޓްވީޓްތަކަށް އަބަދުވެސް އިދިކޮޅު މީހުން ފާޑު ކިޔައެވެ.
ކޮމެންޓު ފޮނުވާ