އެއްވެސް މީހަކަށް ހަމަލާ ދޭކަށް ނޫޅެން، ބަލި ކުރާނީ ވޯޓުން: ނިޔާ

އެއްވެސް މީހަކަށް ހަމަލާ ދޭކަށް ނޫޅެން، ބަލި ކުރާނީ ވޯޓުން: ނިޔާ

Author
ހުސެއިން
06 ޖޫން 2023 05:50
0

އެއްވެސް މީހަކަށް ހަމަލާ ދޭން ނޫޅޭ ކަމަށާއި، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ބަލި ކުރާނީ ވޯޓުން ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޒާޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައމަދު ނަޝީދުގެ ގައިގަ ތަޅަން އަލީ ނިޒާޒު އިސްވެ ހުންނަވައިގެން، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުލް މުޢުނީ ފޮނުވިކަމުގެ ތުހުމަތުކޮށް ނަޝީދު ނިޔާޒުއަށް މިއަދު އިންޒާރު ދެއްވާފައި ވަނިކޮށެވެ.

ނިޔާޒު ކުރެއްވު ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ ކުޅިވަރު ކުޅުނު މީހެއް ކަމަށާއި، ކުޅިވަރުގައި ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުން ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ކޮންމެ ފަހަރަކު މޮޅު ނުވާނެ ކަމަށާއި ބަލިވާ ފަހަރު ބަލި ގަބޫލުވެސް ކުރަންވާނެ ކަމުގައެވެ. އެއީ ރީތިސިފައެއް ކަމަށް ވިދާޅުވަމުން އޭނާގެ ޓުވީޓުގައި ލިޔުއްވާފައިވަނީ އެއްވެސް މީހަކަށް ހަމަލާ ނުދޭކަމަށާއި، ބަލިކުރާނީ ވޯޓުން ކަމުގައެވެ.

އެއްވެސް މީހަކަށް ހަމަލާ ނުދޭކަމަށް ނިޔާޒު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަަމް މިއަދު ޓުވީޓު ކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ނަޝީދު ރުޅިވެރިކަމާއެކު ވަޑައިގެން، މަޖިލިސް ކުޑައެއްގެ ދަށުގައި އިންނެވި ހުޅުމާލޭ މެމްބަރު އަލީ ނިޔާޒަށް އަތުން އިޝާރާތްކޮށް ވިދާޅުވިކަމަށް ވީޑިއޯއިން އަޑު އިވެނީ 'ކަލޭ މީހުން ނުފޮނުވައްޗޭ މަގޭ ގަޔަށް އަރަން" މި އިބާރާތެވެ.

ނަޝީދު މެމްބަރު ނިޔާޒަށް ތުހުމަތުކޮށް އިންޒާރު ދީފައިވާއިރު، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިއްޔެ މަޖިލީހުގައި ކުރިއަށްދިޔަ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާއިގައި ތަޅުމުގައި ކަންކަން ހިނގައިދިޔަ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދީ، ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

އެގޮތުން މަޖިލިސް ރައީސް ރިޔާސަތުން ފައިބައިގެން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމާއި މަޝްވަރާ ކުރެއްވުމަށް ވަޑައިގެންނެވި ވަގުތު މުޢުނީ ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި، ރައީސް ނަޝީދާއި ދިމާލަށް ވަޑައިގެން އިންޒާރުދީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ، މުޢުނީ ނަޝީދަށް އިންޒާރު ދޭ ވީޑިއޯއިން އިވޭ ގޮތުގައި، މުޢުނީ ނަޝީދަށް ނިސްބަތްކޮށް ވިދާޅުވެފައިވަނީ "ތަޅާލަން ޖެހޭ ހިސާބަށް ގޮސްފައި ތިހުރީ މިހާރު، ހޭބަލިވެފައޭ ތިހުރީ،" މިއިބާރާތެވެ.

އިއްޔެގެ ޖަލްސާގައި ކަންކަން ހިނގާދިޔާ ގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ރައީސަށް އިތުބާރު ނެތްކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް ނަޝީދު މިއަދުގެ ޖަލްސާގައި ޕާކް ކުރުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ ނަޝީދަށް މުގާބޭއަށް ގޮވާ މަޖިލިސް ހުއްޓުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.