މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދިޔައީ މަޖިލިސް ގަވާއިދާ ޚިލާފަށް ކަމަށް ބުނެ، ނަޝީދަށް މުގާބޭއަށް ގޮވާ، އެމްޑީޕީގެ މެމްބަރުން މިޖިލިސް ޖަލްސާ ހުއްޓުވައިފިއެވެ.
އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން މަޖިލިސް ޖަލްސާ ހުއްޓުވާފައިވަނީ، މިއަދު ކުރިޔަށްދިޔަ، ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންގޮސް، ޕާކް ކޮށްލުމަށްފަހު، އެޖެންޑާގައި ހުރި އެހެން އައިޓަމްތަކާއެކު މަޖިލިސް ކުރިޔަށް ގެންދިއުމަށް ނަޝީދު މަސައްކަތް ކުރެއްވުމާއި ގުޅިގެންނެވެ.
ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނަޝީދު މިއަދުގެ ޖަލްސާގައި ނިންމެވީ، އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލިހަށް ޖަވާބުދާރީ ވަމުން، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް 13 މެމްބަރަކާއި މަޖިލިސް ރައީސް ހުށަހެޅުއްވީ ހަމައެކަނި އެބޭފުޅުންގެ ވިސްނުމަށް ކަމަށާއި އެއީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ސަބަބެއް ނޫންކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވާތީ އެއީ މަޖިލިސް މެމްބަރުން އިމްތިޔާޒަށް އަރައިގަތުން ކަމަށް ބުނެ، އިތުބާރު ނެތްކަމުގެ ވޯޓަށްވުރެ ކުރިން ކުރިޔަށް ގެންދަންވާނީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ މައްސަލަކަމަށް ވިދާޅުވެއެވެ.
އިމްތިޔާޒު މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއެވެ. މައްސަލަ ހުށަހަޅުއްވަމުން ހުސައިން ވިދާޅުވީ ބަންޑާރަނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ.
މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.
ބަންޑާރަ ނައިބުގެ މަސައްކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ ފަރާތާ ސުވާލުކޮށް ޖަވާބު ހޯދިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ދޭހެވާ މޭރުމުން އިބާރާތްކޮށްފައިވާ ކަމީ މުޅި މަޖިލީހަށް ކޮށްފައިވާ މަލާމާތެއް ކަމުގައި ދެކެން. އަދި ދައުލަތުގެ ބަންޑާރަ ނައިބު އެހެން ދެކުމަކީ އޭގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމުގައި ވެސް ދެކެން.
ހުސެއިން މުހައްމަދު ވިދާޅުވިއެވެ.
މެމްބަރު ހުސެއިން މުހައްމަދު ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެކަމަށް ގޮތެއް ނުނިންމައި ކުރިއަށް ނުދެވޭނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވިއެވެ. އެކަމަކު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވީ އެ މައްސަލަ ކޮމެޓީއަށް ނުފޮނުވޭނެ ކަމަށެވެ.
އެހެންނަމަވެސް ނަޝީދު ނިންމެވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާކު ކުރެއްވުމަށްފަހު، އެޖެންޑާގެ ހުރި އެހެން އައިޓަމްތަކާއިގެން މަޖިލިސް ޖަލްސާ ކުރިޔަށް ގެންދިއުމަށެވެ.
މިމައްސަލާގައި މަޖިލިސް ތަޅުން ހެނދުނަށް މެދު ކަނޑާލީ އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިންނެވެ. މަޖިލިސް ބްރޭކަށްފަހު އަލުން ފެށުމަށް މަސައްކަތް ކުރުމުން އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރުމުން ޖަލްސާ ވަނީ ނިންމާލާފައެެވެ.