ގދ.ފަރެސްމާތޮޑާގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިންމާލެވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ނިމޭނެ ތާރީހެއް ސާފު ކުރެއްވުމަށް އެދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މުޙައްމަދު އަޞްލަމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓް އެޅުމަށްޓަކައި ބިން ހިއްކުމުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ކުރުމަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށާއި މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެއަރޕޯޓް އެޅުމަށްޓަކައި މޮބިލައިޒް ކުރަން ފަށާނެކަމަށެވެ.
އަންނަ އަހަރުގެ ފަހުކޮޅު އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭނެ. އެއަރޕޯޓް އެޅުމަށް ނިންމާފައިވަނީ ފަރެސްމާތޮޑާއާ ގާތްގަޑަކަށް 100 މީޓަރު ދުރުގައި އޮންނަ ރަށެއްގައި ކަމަށްވުމުން ދެ ރަށް ކޯސްވޭއަކުން ގުޅާލުމަށް ވަނީ ހަމަޖެހިފަ.
– މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ ޑިޒައިން މަސައްކަތާއި، ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައެވެ. އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި، އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށެވެ. މިއީ 144.8މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް އެމްޓީސީ އާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ.
ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. 2018ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ.
ކޮމެންޓު ފޮނުވާ