ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބުނީ އެޕާޓީއިން ބޭނުންކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަންކަމަށެވެ.
ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް ވަނީ އެއްބަސްވެވިފައިކަމަށާއި ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, ޕާޓީގެ މުދަލަށް ގެއްލުންދީފައިވާކަމަށެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތުކުރާ އަދި ތަރުހީބު ދޭ ޕާޓީއެއް. ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި މި ޕާޓީއިން ދެކެން. އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ މި ޕާޓީގެ ފަރާތުން ހުށަހަޅާނެ.
– އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ އެޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެސް އެދިފައިވާނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން އެ ޕާޓީއިން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
އެމްޑީޕީން މިހެން ބުނި ނަމަވެސް ރައީސް ނަޝީދަށް ތާއީދުކުރާ ދަ ޑިމޮކްރެޓްސްއަށް ތާއީދުކުރާ އިސް ބޭފުޅުން ހަރުގެ ހުޅުވާފައިވަނީ ގޭގެ ވެރިފަރާތުން ދިން ތަޅުދަނޑި ބޭނުންކޮށްގެންނެވެ. ނަމަވެސް ހަރުގޭގެ ބޭރު ފާރުގައި ހަރުކޮށްފައި ހުރި ރައީސް ޞާލިހުގެ ޕޯސްޓަރެއް ވަނީ ކަފާލުމަށްފަހު ހަރުގެ ތެރެއަށް ލާފައެވެ.