"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، H7 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ވަނީ މިރޭ އާންމުކޮށްފައެވެ.
ހުޅުމާލެ އިން 805 ފްލެޓް ކަނޑައަޅާފައިވާ މި ކެޓަގަރީން ހުށަހެޅި ފޯމުތައް ފްލެޓް ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ވަގުތީ ދެ ލިސްޓެއް ނެރެފައިވެ އެވެ. އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު ވެސް ވަކިން ނެރެފައިވެ އެވެ. މި ކެޓަގަރީއަށް ކުރިމަތިލީ މީހުންގެ ތެރެއިން 1،000 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ކުރިން ވެސް މި ކެޓަގަރީ އަށް ޝަރުތު ހަމަނުވާ ގިނަ ބަޔަކު ކުރިމަތިލައި ފްލެޓް ލިބުނު ކަމުގެ ޝަކުވާ ބޮޑެވެ.
"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅިފައިވާ ޝަރުތުތައް:
- ދިވެއްސަކަށްވުން
- ފޯމު ހުށަހަޅާ ތާރީޚާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީގޮތުން 41 އަހަރު ފުރިފައިނުވުން
- ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން
- ފޯމުގައި ހިމެނޭ ޖުމްލަ އާމްދަނީއަށް މަހަކު 7000 (ހަތްހާސް) ދިވެހި ރުފިޔާ ލިބުން
- މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފްލެޓަށް އެދޭމީހާ ނުވަތަ ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ވަޒީފާ އަދާކުރުން ނުވަތަ، ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ނުވަތަ/އަދި ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި ފްލެޓަށް އެދޭ މީހާ ކ. އަތޮޅު އެއްވެސް ރަށެއް/ރިސޯޓެއްގައި ވަޒީފާ އަދާކުރުން
- މާލެއިން 600 އަކަފޫޓު ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް/ފްލެޓެއް/ރޯހައުސެއް ލިބިފައިވާ ފަރާތެއްކަމުގައި ނުވުން.
"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވާލާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. މިގޮތުންhttps://hcp.presidency.gov.mv/ މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭއިރު، މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުމަށް ވަނީ ދަންނަވާފައެވެ.
"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓު 1 އަދި ލިސްޓު 2 މި އިޢުލާނާއެކު އާންމުކުރީމެވެ. އަދި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓުވެސް މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ. އަދި މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެސްވެއެވެ.
ކޮމެންޓު ފޮނުވާ