ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ފުލުހުން ހިންގާފައިވާ އަމަލުތަކުގެ މަތީން ހަނދާން ނައްތާލައި ފުލުހުންގެ ޤާނޫނަށް އިސްލާހު ގެނެސްފިނަމަ އެއީ ޒަމާންތަކެއް ވަންދެން ދެވޭ ވަރަށްބޮޑު ދެރައެއް ކަމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީން ދިރާސާ ކުރަމުންދާ ޒަމާނީ ފުލުހުންގެ ހިދުމަތް ތަޢާރަފްކުރުމަށް މަޖިލީހުން އެކުލަވާލާ ބިލުގެ މަސައްކަތުގައި ރައީސް ނަޝީދުގެ ބައިވެރިވުން ނުހިމަނައި، އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުތައްވެސް ވަނީ ކޮމިޓީން ބޭރުކޮށްލާފައެވެ. ފުލުހުންގެ ބިލަކީ އެބިލާއިމެދު މަޝްވަރާ ކުރަމުން ދިޔަ އިރުގައި ވަރަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ބަހައްޓަމުން އައިބިލެއްކަމަށާއި، ނަމަވެސް ބިލުގައި އެމަނިކުފާނުގެ ބައިވެރިވުން ކޮމިޓީން ނުހިމެނިކަމަށެވެ.
ފުލުހުންގެ ބިލުގައި ފުލުހުނަށް ހަތިޔާރު ބޭނުންކުރުމުގެ ބާރު ދިނުމާއި ދެކޮޅަށް ވަކާލާތު ކުރަމުންދިޔަ ނަމަވެސް ފުލުހުންނަށް ހަތިޔާރު ބޭނުން ކުރުމުގެ ބާރު ދިނުމާއި ގުޅިގެން ރައީސް ނަޝީދު ވަނީ މިރޭ އަނެއްކާވެސް އެމަނިކުފާނުގެ ވެރިކަން ނިމުނުގޮތް ހަނދާނަށް ގެނެސްފައެވެ. ރައީސް ނަޝީދު ވިދާޅުވީ 7 ފެބުރުއަރީ 2012 ގައި ފުލުހުން ނިކުމެ ހިންގި މިއުޓިނީ އެއީ ނުހިންގާ ކަމެއްގެ ގޮތުގައި ދެކި ފުލުހުންގެ ޤާނޫނަށް އިސްލާހު ގެންނަން ވިސްނައިފިނަމަ އެއީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ވަރަށްބޮޑު ގެއްލުމެއްކަމަށެވެ.
7 February 2012 gai fuluhum nukume hingi mutiny eyee nuhingaa kameh ge gothugai dheki fuluhun ge qaanoon ah islaah gennan visnaifinama eyee zamaan thakeh vandhen Raajje ah dheveyne varah bodu gellumeh pic.twitter.com/u3cXlWxNLw
— Mohamed Nasheed (@MohamedNasheed) December 1, 2020
މަޖިލިސް ރައީސް ވަނީ ފުލުހުންގެ ކަންކަމުގައި އެމަނިކުފާނު ބައިވެރި ނުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ފުލުހުންގެ ބިލަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުތައް ފާސް ނުކުރުމަކީވެސް ނުހަނު ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެފައެވެ. މިވާހަތަކުގައި މަޖިލިސް ރައީސް ވަނީ ރައީސް ޞާލިހާއި، މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންގެ މަޖިލީހަށް އަމާޒުކޮށްވެސް ވާހަކަ ތަކެއް ދައްކާފައެވެ.
ދެން އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑުގެ ޝައުގުވެރިކަމަކަށް ކޮމިޓީއަކުން މާބޮޑު އަޅާލުމެއް ލާފައި ނެތްކަމަށް. އަޅުގަނޑު ބިލުގެ ބައެއް ސިފަތަކުގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ކަންކަން ބަލައި ގަނެވެން ނެތްކަމަށް ވޯޓު ލައްވާފައިވަނީ. ދެން އެއީ މިކަހަލަ ހަޔާތެއްގައި ދިމާވެދާނެ ކަންކަން ދެން އެހެން ނަމަވެސް މިދިވެހި ރާއްޖޭގެ ފުލުހުންނާއި ގުޅޭގޮތުން ދެން މިއަދު އަޅުގަނޑު ކައިރީގައި އަހާލަން ނުފެނިއްޖިއްޔާ އަޅުގަނޑު ހިތައް އަރާނެ މިދިވެހި ރާއްޖޭގެ ރައްޔިތުންގެވެސް އަދި މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންވެސް އަދި ރައީސުލް ޖުމްހޫރިއްޔާއަށްވެސް މިދިވެހި ރާއްޖެއާއި ގުޅޭގޮތުން އެހެންވީމާ އެ އެގުނީ ކޮއްޗެއްބާއޭ؟
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޖުމްލަ 139 މާއްދާގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބިލުގެ މަސައްކަތް ކޮމިޓީން ކުރިއިރު މައްސަލަ ދިމާވެފައިވަނީ 95 ވަނަ މާއްދާއާއި ހަމައިންނެވެ. ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާއަކީ ފުލުހުންނަށް ހަތިޔާރު ދިނުމަށް ޤާނޫނުން ބާރުދޭ މާއްދާއެވެ. އޭޖީ އޮފީހުން ފުލުހުންގެ ބިލް މަޖިލީހަށް ހުށްހެޅުއްވި އިރު މިމާއްދާ އެކުލަވާލާފައިވަނީ، ވަކި ހާލަތްތަކެއްގައި ލީތަލް ހަތިޔާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ދޭގޮތަށެވެ.
ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ މި ޤާނޫނުގެ ދަށުން ފުލުހުންނާއި މަތިކޮށްފައިވާ ކުށްކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް މިޤަނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ. މިޤާނޫނުގައި ފުލުހުނަށް ލީތަލް ހަތިޔާރާއި، ނޮން ލީތަލް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.
ކޮމިޓީ މަރުހަލާއިން ބިލުފާސްކޮށް ތަޅުމަށް ފޮނުވާއިރު، ފުލުހުންނަށް ހަތިޔާރުދޭ މައްދާ އުނިކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް އިސްބޭފުޅުން މަސައްކަތް ކުރައްވާއިރު، ސަރުކާރުގެ ވިސްނުން ހުރީ މިމާއްދާއާއިއެކު ބިލު ފާސް ކުުރުމަށެވެ. މަޖިލިސް ރައީސް ވަނީ މިދައުރުގެ ތެރޭގައި ބިލު ފާސްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ