ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިންތާ 10 ދުވަސްފަހުން މައްސަލައިގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރުއެވެ.
ފުލުހުން ބުނީ މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ކޯޓު ޢަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އެއީ 21 އަހަރުގެ މީހަކާ 22 އަހަރުގެ މީހެއްކެވެ.
އެ ދެމީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ. އަދި އެ މައްސަލަ ތަޙްޤީޤްކުރައްވަމުން އަންނަކަމަވެސް ފުލުހުން ވަނީ ބުނެފައެވެ.
މެންބަރު ޒަރީރަށް ޙަމަލާދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ. މެންބަރު ޒަރީރަށް ބަޔަކު ޙަމަލާދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ބޭނުންކޮށްގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ޙަމަލާދިނީ ކޮން އެއްޗަކުން ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ކޮމެންޓު ފޮނުވާ