އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ހޮނިހިރު ދުވަހުން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށް އެމަގު ބަންދުކުރުމަށް ނިންމާފައިވާކަމަށް ޓްރެފިކް ފިލުހުން ބުނެފިއެވެ.
އެ މަގުގައި މިހާރު ތާރު އަޅާފައިވަނީ އަމީނީ މަގުން ބްރިޖު ފެށޭ ހިސާބުން ސްޓެލްކޯގެ އިމާރާތާ ހަމައަށެވެ. އެ ބައި މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ. މިހާރު ބަންދު ކޮށްފައި ވަނީ ސްޓެލްކޯއިން ފެށިގެން ފުރުގާން މިސްކިތާ ހަމައަށެވެ. ފުލުހުން މިއަދު ބުނީ މިހާރު ބަންދު ކޮށްފައިވާ ސަރަހައްދުގެ އިތުރުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ މަގުގެ އިތުރު ބައެއް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ފުރުގާން މިސްކިތުން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށެވެ.
އަމީނީމަގުގެ އެއްބައިގައި މިހާރުވަނީ ތާރު އަޅާ ހުޅުވާލާފައެވެ. އެއީ އަމީނީމަގު އިރުމަތީ ކޮޅުން ފެށިގެން ސްޓެލްކޯއާއި ހަމައަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބިލަބޮންގާއި ހަމައަށް މަސައްކަތް ނިމުމުން ތާރުއެޅުމުގެ ދެވަނަ ސެގްމެންޓް ކުރިއަށް ގެންދާނެއެވެ.
އަމީނީ މަގު ސެގްމަންޓް 6،5 އަދި 7 ގެ މަސައްކަތަށް އަމީނީ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިިވާގޮތް pic.twitter.com/AwUPVyI032
— Maldives Police (@PoliceMv) April 6, 2023
މި ރޯދަމަސް ފެށުމުން އާންމުންނަށް ފަސޭހަ ކުރުމަށް ތާރު އަޅައި އަމީނީ މަގު މިހާރު ހުޅުވާލާފައި އޮތް ހިސާބުގައި ސްޓެލްކޯގެ އިމާރާތާ ޖެހިގެން ހުޅަނގަށް އޮންނަ މަގަށް ވެހިކަލަށް ވަދެވޭ ގޮތް ހެދުމަށްޓަކައި، ހަތަރު އަނގޮޅި ކަންމަތީގައި ވަގުތީ ގޮތުން މިހާރު ހުރީ ގާ އަތުރައިފައެވެ.
މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިއީ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ