38 ރަށެއްގެ ކައުންސިލްތަކަށް އެސްޖީން ހޯދަނީ

38 ރަށެއްގެ ކައުންސިލްތަކަށް އެސްޖީން ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2023 09:56
0

38 ރަށެއްގެ ރަށު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

ކޮންމެ ކައުންސިލެއްގައިވެސް ސެކްރެޓަރީ ޖެނެރަލެއް ހުންނަންޖެހެއެވެ. އެ ކޮމިޝަނުން އެންމެ ފުރަތަމަ އެސްޖީންގެ މަޤާމަށް ހުޅުވާލީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު އެކޮމިޝަނުން 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށް ހުޅުވާލިއެވެ.

ނަމަވެސް މިއަހަރުގެ ޖެނުއަރީއާއި ހަމައަށް އައްޔަން ކުރެވިފައިވަނީ 159 ސެކްރެޓަރީ ޖެނެރަލުންނެވެ. އެސްޖީން ހޯދަންޖެހޭ ކައުންސިލްތަކަށް އެސްޖީން ހޯދުމުގެ އިތުރުން ބައެއް ކައުންސިލްތަކުގެ އެސްޖީން އިސްތިއުފާދިނުމުގެ ސަބަބުން އެސްޖީން ހޯދުމުގައި ދަތިވާކަން ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކުރެއެވެ.

އެހެންކަމުން ސީއެސްސީން އަނެއްކާވެސް މިވަނީ، އެސްޖީން ހަމަނުޖެހި ހުރި ކައުސިލްތަކަށް އެސްޖީން ހޯދުމަށް އިޢުލާންކޮށްފައެވެ. އެގޮތުން 38 ރަށު ކައުންސިލް އިދާރާއަކަށް މީހުން ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ. މީގެތެރޭގައި ތިން އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ ރަށްރަށް ހިމެނެއެވެ. އެސްޖީންގެ ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285 ރުފިޔާއެވެ.

ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ދަތިވެފައިވާތީ، ސިވިލް ސާރވިސް ކޮމިޝަނުން ވަނީ އެމަޤާމުގެ ޝަރުތުގެ ތެރޭގައި ޑިގްރީ އޮތް މީހަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައި އޮތް އޮތުން ދަށްކޮށް، ޑިޕްލޮމާގެ ފެންވަރު މީހުންނަށްވެސް ކުރިމަތިލެވޭގޮތަށް ބަދަލުކޮށްފައެވެ.

އެހެންކަމުން މި މަޤާމަށް ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 13ވަނަ ދުވަހުގެ 13:00އާއި ހަމައަށް ފޯމު ހުށައެޅުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މަޤާމުގެ ޒިންމާއާއި އުސޫލުތައް އަދި ފޯމު ހުށައެޅުމުގެ އުސޫލުތައް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ގެޒެޓްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.