އެޗްޑީސީގެ ނަން "އާބަންކޯ"އަށް ބަދަލުކޮށްފި

އެޗްޑީސީގެ ނަން "އާބަންކޯ"އަށް ބަދަލުކޮށްފި

ހުޅުމާލޭގެ ހައުސިން ކަންކަން ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ ނަމުގައި އުފައްދައި ފަހުން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ކަންކަން ބެލެހެއްޓުމަށް އަމާޒުކޮށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ހިންގަމުންދިޔަ ކުންފުނީގެ ނަން "އާބަންކޯ"ގެ ނަމަށް ބަދަލުކޮށް ރީ ބްރޭންޑްކޮށްފިއެވެ.

އެކުންފުނީގެ 22ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "އާބަންކޯ"އަށް ނަން ބަދަލުކޮށް އެކަންވަނީ ހާމަކޮށްފައެވެ. މިކަމަށްޓަކައި މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެއީ ކުންފުނީގެ އަހަރީ ޙަފްލާއެވެ.

މިކަމާ ގުޅިގެން އެކުންފުނިން ވިދާޅުވީ ރައްޔިތުންނަށް އެކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމަކީ ރީބްރޭންޑްކުރުމުގެ މައިގަނޑު މަޤުސަދުކަމުގައެވެ. "އާބަންކޯ"ގެ ނަމަށް ނަން ބަދަލުކުރީ އެކުންފުންޏަކީ މިހާރުވެސް ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނިކަމަށްވާތީ އެގޮތަށް ހަރުދަނާކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށްކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކުންފުނީގެ އާ މޮބައިލް އެޕްލިކޭޝަން ލޯންޗުކޮށްފައެވެ. 

އެންމެ ފުރަތަމަ އެޗުޑީސީއަކީ އުފެއްދީ ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓްގެ ނަމުގައި ރައީސް އޮފީހުގެ ޔުނިޓެއްގެ ގޮތުގައެވެ. ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏަކަށް ބަދަލުވީ 2001ވަނަ އަހަރުގައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ނަން ބަދަލުކުރީ 2008ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *