ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު، އެ މާތް މަސްވަރަށް އެޗްޑީސީން އަންނަނީ ގިނަ ތަރައްޔާރީތަކެއް މިހާރު ދަނީ ވަމުންނެވެ.
މިގޮތުން އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، އެ ކޯޕަރޭޝަނުން ދަނީެ ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ ގޮތުންވެސް ކުރިޔަށް އޮތް ރޯދަމަހަށް ތައްޔާރު ވަމުންނެވެ.
އޭގެ ތެރޭގައި އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފައިވާއިރު، އެ ޔުނިޓުގައި އެސްޓީއޯގެ އައު ފިހާރައެއް މިހާރު ވަނީ ހުޅުވާފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން، ހަމަ އެ ސަރަހައްދަށް ޚާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވެސް މި މިހާރުދަނީ ވަމުންނެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތުތަކުގެ މަސައްކަތްވެސް އެ ކޯޕަރޭޝަންއިން ދަނީ ކުރަމުންނެވެ.
އެޗްޑީސީން ބުނެފައިވަނީ، މި މަސައްކަތަކުގައި އެ ކޯޕަރޭޝަންގެ ގިނަ މުވައްޒަފުންތަކެއް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން ދާއިރު ރަމަޟާން މަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެކީ ނިންމާލެވޭނެކަމުގެ ޔަގީންކަން އޮތް ކަމުގައެވެ. މީގެ އިތުރުންވެސް، މިހަފްތާގައި ފެށޭ ރޯދަމަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށްވެސް އެޗްޑީސީ މިހާރުވަނީ ތައްޔާރުވެފައެވެ.
އެޗްޑީސީންވަނީ ފާއިތުވި ހުކުުރުދުވަހު ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް ބާއްވާފައެވެ.
އެޗްޑީސީން ބުނެފައިވަނީ، ކުރިޔަށް އޮތް ރޯދަމަސް ތެރޭގައިވެސް އެކި ކަހަލަ ހަރަކާތްތައް އެކޯޕަރޭޝަންއިން ކުރިއަށް ގެންދިއުމަށް ތައްޔާރު ވެފައިވާކަމުގައެވެ. އޭޣެ ތެރޭގައި ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައްވެސް ހިމެނެއެވެ. އެގޮތުން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތްވެސް އެކުންފުނިން ހާމަ ކޮށްފައި ވެއެވެ. މީގެ އިތުރަށްވެސް ރޯދަމަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވެސް އެޗްޑީސީންވަނީ ނިންމާފައެވެ.