ތިޖޫރީން ވައްކަމެއް ނުކުރޭ: އެޗްޑީސީ

ތިޖޫރީން ވައްކަމެއް ނުކުރޭ: އެޗްޑީސީ

Author
ހުސެއިން
17 މާރޗް 2023 09:09
0

ބައެއް މީޑިއާތަކުން، ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތިޖޫރީއަކުން މުވައްޒަފަކު ވައްކަން ކޮށްފައިވާ ކަމަށް ރިޕޯޓު ކުރުމާއި ގުޅިގެން އެކޯޕަރޭޝަނުން އެކަން ދޮގުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެކުންފުނީގެ މުވައްޒަފަކު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ކުންފުނިނ ބަލާ، އެ މުވައްޒަފު އެކަމަށް އިއުތިރާފުވުމާއެކު މިހާރު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމުގައެވެ.

އެޗްޑީސީން ބުނެފައިވަނީ މި އަމަލު ހިންގިކަން ފާހަގަކުރެވުނީ އެ ކުންފުނީގެ އިންޓާނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރަވުމުން ކަމަށެވެ.

އަދި ކައުންޓަރުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާއަށްވެސް އެ މުވައްޒަފުގެ އަމަލު ރެކޯޑުކުރެވިފައިވާ ކަމަށާއި،  އެ ކުންފުނީގެ ތިޖޫރިން ފައިސާ ވަގަށް ނަގާފައެއް ނުވާއިރު، އެފަދަ އެއްވެސް ފުރުސަތެއް ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ލިބިފައި ނޯންނާނެކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އަދި ކުންފުނީގައި ގާއިމްކޮށްފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން އެފަދަ އަމަލުތަކަށް ޖާގަ ނުލިބޭނެ ކަމަށާއި، މި މައްސަލަ ވެސް ސަމާލުކަމަށް އައިސްފައިވަނީ އެ ކޮންޓްރޯލްތައް ޤާއިމްކުރެވިފައިވާތީކަން އެޗްޑީސީން ފާހަގަ ކޮށްފައި ވެއެވެ.

މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން އެ ކޯޕަރޭޝަނުން ކުށްވެރި ކުރާ އަމަލެއްކަން ފާހަގަކޮށް، މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.