ރާއްޖޭގެ ކުރީގެ ރައީސް، އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމަކީ ރާއްޖޭގެ ތާރީޚު ހެކިދޭ އިލްމީ ހުނަރުވެރި، މުފައްކިރެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ 30 އަހަރުގެ ދިގު މުއްދަތަކަށް މިސްރުގައި ހުންނަ އަޒްހަރު ޔުނިވާސިޓީއިން ތައުލީމު ހާސިލް ކުރެއްވި "މުދިމަކު" ވެރިކަން ކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ ރައީސް މައުމޫނުގެ އިލްމީ ޤާބިލްކަމާއި އަދި އަޒުހަރު ޔުނިވާސިޓީގެ ފެންވަރާއިމެދު ސުވާލު އުފެއްދުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު އިމާމުވެ ނަމާދު ކުރެއްވުމަކީ ވެރިކަމުގެ ޝަހުޝިއްޔަތުގެ ފުރިހަމަކަން ރަމްޒުކޮށްދޭ އަލިގަދަ ދަލީލެއް ކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.
ރައީސް މައުމޫން އާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް އަލް އަޒުހަރު ޔުނިވާސިޓީއާއި ރައީސް މައުމޫންގެ އިލްމީ ފެންވަރަށް ޖޯކު ޖެހައިގެން ނުވާނެ. ރައީސް މައުމޫން އަކީ ރާއްޖެ ދުށް ވަރަށް ބޮޑު މުފައްކިރެއް. އިސްލާމީ ޤައުމެއްގެ ވަރިޔަކު އިމާމުވެ ނަމާދު ކުރުމަކީ ވެރިކަމުގެ ޝަހުޝިއްޔަތުގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އަޒުހަރު ޔުނިވާސިޓީގެ ފެންވަރާއި، އެ ޔުނިވާސިޓީގެ ތައުލީމާއި މެދު ސުވާލު އުފައްދަވައި ސިޔާސީ ވާހަކަ ދައްކަވާއިރު، މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުގައި އެޔުނިވާސިޓީން ތައުލީމު ހާސިލްކޮށް، އުގެނުނު އެތައް ދަރިވަރަކު ޤައުމުތަކުގެ ރައީސުންގެ ގޮތުގައާއި، އެކި ފެންވަރުގެ މަޤާމުތައް ފުރުމުގައާއި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި މަސައްކަތް ކުރައްވަމުންދާކަމަށެވެ.
އަލް އަޒުހަރު ޔުނިވާސިޓީ އަކީ އިސްލާމީ އުންމަތުގެ އެންމެ ފަހުރުވެރި އެއްހާހަށްވުރެ އަހުރުވީ އިލްމީ ކިއްލާ. އެތަނުން ތައުލީމް ހާސިލް ކުރެއްވި ބޭފުޅުން ދުނިޔޭގެ އެތައް މިތަނުގައި ޤައުމު ތަކުގެ ވެރިންގެ ގޮތުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
މަޖިލީހުގައި އަބަދުވެސް ވާހަކަ ދައްކަވާ އިރު ރައީސް މައުމޫނަށް ފާޑު ވިދާޅުވާ މެންބަރު ހަލީމް ވިދާޅުވީ "ރާއްޖެއަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ އަޒްހަރުން އައި މުދިމަކަށް 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަން ކުރަން ލިބުން،" ކަމަށެވެ. އެމްޑީޕީގެ މެންބަރު ހަލީމް ރައީސް މައުމޫނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ އިރު ރައީސް މައުމޫނަކީ މިހާރު ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރެވެ.
މެމްބަރު ހަލީމު ވަނީ އިއްޔެވެސް ރާއްޖޭގެ ދީނީ އިލްމުވެރިންގެ އެއް ޖަމްއިއްޔާ ކަމުގައިވާ ޖަމްއިއްޔަތުލް ސަލަފަށްވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ ސަލަފަކީ ކިޔަވައިގެން ތިބި ދީނީ އިލްމުވެރިންތިބި ތަނެއް ނޫންކަމަށް ވިދާޅުވެ، ސަލަފުގެ ބައެއް ދީނީ އިލްމު އުގެންނެވުމުގައި މަަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ