އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއަށް ޕީޕީއެމްއިން ހުރަސް އަޅުމަށް ބޭއްވި ޖަލްސާއިން ޕީޕީއެމްއަކީ ޑިމޮކްރަސީ ދަންނަ ޕާޓީއެއް ނޫންކަން އެނގިގެން ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
މި މަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާއެއް އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އިރު، އެ ބިމާ ޖެހިގެން އޮންނަ އާޓިފިޝަލް ބީޗުގައި އިދިކޮޅު ފަރާތްތަކުން ވަނީ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެއްވުމެއް ބާއްވައިފައެވެ.
ރޭ ޕީޕީއެމްއިން ބޭއްވި އެއްވުމަށް އިޝާރާތް ކުރައްވައި މެމްބަރު އިކް ވިދާޅުވީ ރައީސް ޞާލިހުގެ ޖަލްސާއަށް ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ހުރަސް އަަޅަން ކުރި މަސައްކަތަކީ ޑިމޮކްރަސީއާއި ބީރައްޓިހި ކަމެއްކަމަށެވެ. އަދި ފެނިގެން ގޮސްފައިވަނީ ޤައުމުގެ ނިޒާމު އޮންނަވާނީ ހަމައެކަނި ޕީޕީއެމްއިން އެދޭގޮތަކަށް ކަމަށާއި، އެނޫން ގޮތަކަށް ކަންކަން ވުމަކީ ޕީޕީއެމްއިން ތާއީދު ކުރާ ކަމެއް ނޫންކަމެއްގެ ގޮތުގައިކަމަށެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ރައީސް ޞާލިހުގެ ޖަލްސާއަށް ޕީޕީއެމްގެ ލީޑާޝިޕުން ކުރި އުނދަގުލުން ޔަގީން ވަނީ ޕީޕީއެމް އަކީ ޑިމޮކްރަސީ ދަންނަ ޕާޓީއެއް ނޫންކަމާއި، ޕީޕީއެމް ދެކޭ ގޮތުގައި ޤައުމެއްގެ ނިޒާމު އޮންނަންވާނީ އެމީހުން ޖަޒުބާތާއި ހިންގާ ގޮތަކަށް.
– އިކްރާމް ވިދާޅުވިއެވެ.
އެމްޑީޕީގެ ހަރުގޭގައި އާއި އެ ސަރަހައްދު މަގުމަތީގައި ތިބީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަޕޯޓަރުންނެވެ. އާޓިފިޝަލް ބީޗުގައި ތިބީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަކީ "ހަރާމް" ހުކުމެއް ކަމަށް ބުނެ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ނުކުތް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނެވެ.
މި ދެ ހަރަކާތް ގާތްގަނޑަކަށް އެއް ތަނެއްގައި ކުރިއަށް ދިޔައިރު، ފުލުހުން އޮތީ އާޓިފިޝަލް ބީޗުގައި ތިބި މީހުން، އެމްޑީޕީ ހަރުގެއާ ދިމާލަށް ނުދެވޭނެ ހެން ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. ދެ ހަރަކާތް ވެސް ނިމިގެންދިޔައީ އެއްވެސް ހަމަނުޖެހުމެއް ނެތި ވަރަށް އަމާންކަމާ އެކުގައެވެ.
ކޮމެންޓު ފޮނުވާ