މިދައުރުގައި ނިންމި 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ޔާމީންގެ ވެރިކަމުގައި ފަށާފައިވާ ބަނދަރުތަކެއް ކަމުގައި މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
އޭނާ މިގެން ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަފާފުރުމުގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތާއި ގުޅޭގޮތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްކައި ކުރެއްވި ޓުވީޓެއްގައެވެ. އަލީ ނިޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި މިހާތަނަށް 47 ބަނދަރެއްގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި 36 ބަނދަރެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމަށެވެ.
ބަނދަރުގެ ބޭނުމަކީ އެތައް ބައެއްގެ ދިރިއުޅުން ބިނާކުރާ އޮޑިދޯނިފަހަރު ރަށުބަނދަރުގައި އެޅުމަށްފަހު ރޭގަނޑު ހަމަނިދި ނިދާލެވޭގޮތްވުން. ކުރިން ފޯކައިދޫ ބަނދަރަކަީ ވިލާގަނޑުހެދީމާ ބިރުން އޮޑިއާއިގެން ނުކުންނަ ބަނދަރެއް. މިދައުުރުގަ 47 ބަނދަރުނިމި 36 ބަނދަރު ހެދެމުން އެބަދޭ.
– އަލީ ނިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އަލީ ނިޔާޒުގެ ވާހަކަތައް ދޮގު ކުރައްވައި މުއިއްޒު ވިދާޅުވީ މިސަރުކާރުން ތަރައްޤީ ކުރިކަމަށް ބުނާ ބަނދަރުތަކުގެ ތެރެއިން ގިނަ ބަނދަރުތަކަކީ ރައީސް ޔަމީންގެ ވެރިކަމުގައި ފަށާފައިވާ ބަނދަރުތަކެއް ކަމަށެވެ. މިވެރިކަމުގައި 47 ބަނދަރެއް ނިންމި ކަމަށް ބުނާއިރު އޭގެ ތެރެއިން 26 ބަނދަރެއްގެ މަސައްކަތަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 108 ބަނދަރުގެ މަސައްކަތް ކޮށް ނިންމި. ވެރިކަން ބަދަލުވިއިރު 26 ބަނދަރުގެ މަސައްކަތް ހިނގަމުންދިޔަ. މި ވެރިކަމުގައި ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށިފައިވާ ބަނދަރުތައް.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ލަފާފުރުމުގެ މައްސަލަ ހައްލު ކުރުމަށް މިސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކޮންމެ ސަރުކާރަކުންވެސް މިމައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.