ރައީސް ނަޝީދަށް ތިނަދޫއިން ހޫނު މަރުހަބާއެއް!

ރައީސް ނަޝީދަށް ތިނަދޫއިން ހޫނު މަރުހަބާއެއް!

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2022 06:09
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު ގދ.ތިނަދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މިދަތުރުފުޅަކީ ތިނަދޫގައި މިއަދު އޮތް ރަސްމިއްޔާތެއް ޝަރަފްވެރި ކޮށްދެއްވުމަށާއި، އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއްވެފައި ތިބި މީހުންގެ ސަފު ތިނަދޫ ބަނދަރު ސަރަހައްދުން ފެށިގެން އެރަށުގައި ހުރި ތިނަދޫ އެމްޑީޕީ ހަރުގެއާއި ހަމަައަށް އޮތެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި، މިހާރުގެ މަޖިލީހުގެ ތިނަދޫ ތަމްސީލްކުރާ ދެމެމްބަރުން ނެތްކަމުގައި ވީނަމަވެސް މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާންއާއި، އެމްޑީޕީގެ ތިނަދޫ ކުރީގެ މެމްބަރެއް ކަމަށްވާ ނާޒިމްވެސް ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވިއެވެ.

ރައީސް ނަޝީދުގެ މިދަރުފުޅަކީ އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެކަން ރަސްމީކޮށް އިއުލާން ކުރުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއްކަމަށް އަޑުތައް ފެތުރިފައިވެއެވެ. ޕްރައިމަރީގައި ވާދަކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދު މަޖިލީހުގެ އާސްކް ސްޕީކާ ޕްރޮގުރާމުގައި ވިދާޅުވީ ޕްރައިމަރީއަކަށްވުރެ ކުރިން ނިޒާމީ ވޯޓު މުހިންމުކަމަށެވެ. އަދި އެއީ މިހާރު ވެރިކަން ކުރާ އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެވިފައިވާ ބޮޑު ވައުދެއް ކަމަށާއި، މިވައުދަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންވެސް އެއްބަސް ވެފައިވާކަމަށެވެ.

ނަޝީދު ވިދާޅުވީ، އިންތިހާބުގެ ޕްރައިމަރީއަކަށް އެމްޑީޕީ ދާއިރު، މިދިޔަ އިންތިހާބަށް ނެރުނު މެނިފެސްޓޯއަށް ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އޭގައިވާ ވަރަށް ގިނަ ކަންކަން ވަމުންދާ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން، އެމްޑީޕީގެ މެންބަރުންގެ އަރިހުގައި ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްދޭނެ ކަމަށް ވީ ވައުދު ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މެނިފެސްޓޯގެ 98 ވަނަ ސޮފްހާގައި އެބަ އޮތް ގާނޫނު އަސާސީ އިސްލާހް ކުރުމަށް ފަހުގައި އެކުލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލީހުގެ ތެރެއިންނޭ. މިހެން މިގޮތަށް މަތިބަރުކަން މާބޮޑަށް ކުޑަކުރެވި ދާނެއޭ، ދައުލަތުގެ ހަރަދު އިންތިހާއަށް ކުޑަވެގެން ދާނެ، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއޭ.

– ނަޝީދު ވިދާޅުވިއެވެ.

އިތުރަށް އެ މެނިފެސްޓޯގައިވާކަންކަމާއި ގުޅޭގޮތުން ވާހަކަދެއްކެވުމަށްފަހު ނަޝީދު ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ މި މެނިފެސްޓޯއާއި އެކުގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.