ޞަލީބު ރަމްޒުކޮށްދޭ ފަދަ ފަށުފޫ ނުވަތަ އެފަދަ ގަހަނާ އެޅުމަކީ މުސްލިމުންނަށް ޙަރާމްކަމެއްކަމަށާ، އެފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ފަހަށްއައިސް ބައެއް ދިވެހިން މިފަދަ ގަހަނާއާއި އެހެނިގެން ތަކެތި ބޭނުންކުރެއެވެ. އެކަމަށް އިޝާރާތްކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިފަދަ ގަހަނާ ބޭނުންކުރާ ބައެއް މީހުން އެއީ "ކޫލް"ކަމެއް ކަމަށް ދެކުނަސް އެއީ އެއްވެސް ޙާލެއްގައި ކޫލް ކަމެއް ނޫންކަމަށެވެ. އަދި މިއީ ވަރަށްބޮޑު ގޯހެއްކަމަށާ، މިފަދަ ގަހަނާ އަޅާއިރު (އެތަކެތި ރަމްޒުކޮށްދޭ އެއްޗެއް ނުވަތަ ދީނަކާމެދު) އެއްވެސް އެއްޗެއް ހިތުގައި ނެތްކަމަށްބުނެ ބައެއް މީހުން އެފަދަ ގަހަނާ ބޭނުންކުރާކަމަށް ޒައިދު ވިދާޅުވެފައިވެއެވެ.
އެހެން އެކަން ނުވާނެކަމަށާ، މިއީ ކަނޑައެޅިގެން ޙަރާމްކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ. އަދި ޞަލީބާ މުސްލިމުން ދުރުހެލިވާން ޖެހޭކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން މިކަހަލަ ސަލީބު ޖެހި، ފަށް އެއްޗެތި އެބަ އަޅާ! އެއްވެސް ކޫލެއް ނޫން! މިއީ ވ ބޮޑު ގޯހެއް! ހިތަށް އެކައްޗެއްވެސް ނާރައޭ، އެހެންވީމާ އޯކޭވާނެއް ނޫންހޭ!! ނޫން ނޫން! އޯކޭއެއް ނުވޭ މިއެއް! މިއީ ކަނޑައެޅިގެން ޙަރާމް ކަމެއް! ޞަލީބާ މުސްލިމުން ދުރުވާންވާނެ! pic.twitter.com/4SJUoSGHCt
— Ali Zaid (@alizaid1000) November 28, 2022
ޞަލީބު ނުވަތަ އެފަދަ އެހެން ޣައިރު ދީންތަކުގެ މީހުން އަޅުކަންކުރަން ގެންގުޅޭ ތަކެއްޗާއި، ގައިރުދީންތަކުގެ ޝިޢާރުތަކާއި އެކަންކަން ރަމްޒުކޮށްދޭ ތަކެއްކާއި ކަންކަމަކީ މުސްލިމުން ބޭނުންކުރުން ހުއްދަވާނެ އެއްޗެއް ނޫންކަމަށް ދީނީ ޢިލްމުވެރިން އިރުޝާދުދެއްވައެވެ. އަދި އެކަންކަމާ ދުރުހެލިވުމަށް އިރުޝާދުދެއްވައެވެ.
ފަހަކަށްއައިސް ރާއްޖޭގެ މުޖުތަމަޢުގެ ތެރެއަށް ޣައިރުދީންތަކުގެ ޝިޢާރުތަކާއި ކަންކަން ތަޢާރަފްކޮށް އެއީ އާދައިގެ ކަންކަން ކަމުގައި ހަދަން ބައެއްފަރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިކަންކަމާ ދެކޮޅަށް ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް ނާޅުއްވާކަމުގެ ތުހުމަތު ޢާމުންކުރެއެވެ.