ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުޞޫލުތަކާއި ޚިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލަ ތަޙްޤީޤުކޮށް، އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ވިދާޅުވިގޮތުގައި މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2014 އަދި 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާއި ގުޅިގެން، ސަޕްލަޔަރުންގެ މަސްލަޙަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު މައްސަލައެކެވެ.
"މިމައްސަލައިގެ ތަޙުޤީގަށް ހޯދާފައިވާ ލިޔެކިއުންތަކުން އެއްބަސްވުންތަކާއި ގުޅިގެން އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަން ވަނީ އެނގިފައެވެ. އަދި އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި، ކަނޑައަޅާފައިވާ ތާރީޚުގައި މުދާ ޑެލިވަރ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވަރކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑޭމޭޖަސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ އެއްބަސްވުންތަކާއި ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ ޢަދަދަށްވުރެ މަދުން އުނިކޮށްގެންކަން ތަހުޤީގަށް އެނގެއެވެ. އަދި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، 1,000,000.00 (އެއްމިލިއަން)އަށްވުރެ ގިނަ ރުފިޔާ، ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާކަން އެންގެން އޮވެއެވެ." އޭސީސީން ވިދާޅުވިއެވެ.
މީގެ އިތުރުން މިމައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކުން ފެނަކަ ކޯޕަރޭޝަނުގެ މަސްލަހަތަށްވުރެ އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މަސްލަޙަތަށް އިސްކަންދީފައިވާކަން ތަޙުޤީގަށްވަނީ ހާމަވާކަމަށާ، އެހެންކަމުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލައިގައި ތުހުމަތުކުރެވޭ 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވާފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ.
ދަޢުވާކުރަން ފޮނުވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް (މ. ކޮކާހަނދުވަރު / ކ.މާލެ)އާއި ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމުގައި އޭރު ހުރި މިންހާޖު ވަޙީދު (ދަފްތަރު ނަންބަރ، ރސ 13520/ކ. މާލެ)އާއި ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައި އޭރު ހުރި އަޙްމަދު ޞާލިޙު ނާޞިރު (މޫންލައިޓް ހައުސް / ސ. މަރަދޫފޭދޫ)އާއި ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙުމަދު ޢަޒްލީމް (ރޯޒްގާޑަން / ސ. ހުޅުދޫ)ގެ މައްޗަށެވެ.
މި ހަތަރު މީހުންގެ މައްޗަށް ދަޢުވާކުރަނީ ޤާނޫނު ނަންބަރު 2/2000(ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ތުހުމަތުގައާއި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ތުހުމަތުގައެވެ.
ކޮމެންޓު ފޮނުވާ