ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ދެކޭނަމަ އެވާހަކަ ދައްކަން ފުރުޞަތު ލިބުނީ ޔާމީން ސަރުކާރަށް: ޢިމްރާން

ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ދެކޭނަމަ އެވާހަކަ ދައްކަން ފުރުޞަތު ލިބުނީ ޔާމީން ސަރުކާރަށް: ޢިމްރާން

Author
މުޙައްމަދު ޖިމީ
01 ނޮވެމްބަރ 2022 08:28
0

ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމުގައި ދެކޭނަމަ، އެ ވާހަކަ ދުނިޔެއަށް އަޑު އިވޭވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުޞަތު ލިބުނީ ރއީސް ޔާމީންގެ ސަރުކާރަށްކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ފުށުއަރާ މައްސަލައާއި ގުޅިގެން ސަރުކާރުގެ ސްޓޭންޑަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ޗާގޯސްއަކީ މޮރީޝަސްގެ ތަނެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށް ވަނީ ވޯޓް ދީފައެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރ ޢިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގައި ދެކޭނަމަ އެ ވާހަކަ ދުނިޔެއަށް އަޑުއިވޭވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުޞަތު ލިބުނީ 2016 އަދި 2017ގައިކަމަށެވެ.

މިއަދުވެސް އެވާހަހަކަ ދައްކަވާ ބޭފުޅުން ފުރިހަމަ ހެލި ގެންނެވުމުން އެންމެން، އެވާހަކަ ދައްކަންވީއެވެ.

– ޢިމްރާންގެ ޓްވީޓްގައިވެއެވެ.

ޗާގޯސް މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވީ ރާއްޖެއިން ޢަމަލުކުރަމުން އަންނަނީ މީގެ 30 އަހަރުކުރިންވެސް ދިވެހި ދައުލަތުން ނިންމެވި ނިންމެވުންކަމަށެވެ. އަދި މި މައްސަލާގައި ރާއްޖެއިން އަމަލުކުރަނީ ރާއްޖެއަށް އެންމެ ފައިދާ އޮތްގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން ޗާގޯސް މައްސަލައިގައި މި އަހަރު އދ.ގައި ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވައިފައެވެ.

އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަންގާފައިވާ ގޮތަށް، ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ނަގާ ވޯޓެކެވެ. އެ ވޯޓުގެ ސަބަބުން، ރާއްޖެ އާއި ފޯޅަވައްސާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ރަށީދު ދެކުނު ތިލަ
މިމީހުން ހީކުރަނީ މިގައުމުގައި ތިބީ މޮޔައިން ނުވަތަ ގަމާރުން ކަމައްތަ ނޫން އެހެން އެކަން ވާނެ ކަމައްހީކުރާނަމަ އެއީ އިމްރާނަޢ ހީވާ ކުއް ހީ އެއް