މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުކުރު ދުވަހު ( 28 އޮކްޓޯބަރު 2022) ގައި އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި އިމާމްވެ ހުކުރު ނަމާދުވެސް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:
– މާލެ- އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި
– ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި
– އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި
– ހުޅުމާލެ- އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި.
– މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ.
މި ދަރުސްތައް އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. މުފްތީ މެންކްގެ ދަރުސްތަކުގެ މައުޟޫޢުތައް ޚާއްސަކޮށްފައިވަނީ މުޖުތަމަޢުގައި ހުރި މުހިންމުކަންތައްތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން މާތް ރަސްކަލާންގެއާއި އިންސާނާއާއި ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތަކާއި، ޑިޕްރެޝަންއާއި އެންޒައިޓީފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައްފަދަ މުހިންމު މައުޟޫޢުތައް ހިމެނެއެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގެންފި.
މުފްތީ މެންކަށް ރާއްޖެއިން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީއާއި މިނިސްޓްރީގެ އިސްވެރިން. pic.twitter.com/PFPYEMg9hM— Ministry of Islamic Affairs (@MVIaffairs) October 27, 2022
މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މިދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
މުފްތީ މެންކަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ޢިލްމު ފެތުރުމަށްޓަކައި މަސައްކަތްކުރައްވަމުންދާ ޒިންބާބުވޭގެ ދީނީ ޢިލްމުވެރިއެކެވެ.