ރާއްޖެއިން ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ޔޫއެންގައި ވޯޓު ދޭނެކަމަށް ނިންމަވާފައިވާކަން ރާއްޖެއިން ހާމަކުރުމާއެކު، މިމައްސަލަ މިއަދު ވެފައިވަނީ، ރައްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑަށް ބަހުސް ކުރެވޭ މައްސަލަ ކަމުގައެވެ.
ދިވެހިރާއްޖޭގެ ދެކުނުން، މޮރިޝަސްގެ މައި ބިމުން އިރު އުތުރުން 2،200 ކިލޯމީޓަރު ދުރުގައި އޮންނަ 60 ކިލޯމީޓަރުގެ (ބިންތިރި 55 ރަށުގެ މައްޗަށް އެކުލެވޭ) މިއަތޮޅަކީ މޮރިޝަސްގެ އިހުތިސާސްގައި ހިމެނޭ އަތޮޅެއް ކަމުގައި، ޔޫއެންގެ ކޯޓު އޮފް ޖަސްޓިސްއިންނާއ އަދި އޭގެ އިތުރުން ޔޫއެން ޖެނެރަލް އެސެމްބްލީންވެސް ނިންމާފަ އޮތް މައްސަލައެއްގައި، ދިވެހި ސަރުކާރުން މީގެ ކުރިން މިމައްސަލާގައި މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދީފައިވަނިކޮށް އެނިންމުން ބަދަލުކޮށް، ފޯޅަވައްސަކީ މޮރިޝަސްގެ އިހުތިސާސްގައި ހިމެނޭ ގައުމެއްކަމަށް ނިންމާ، ސްޓޭންޑް ބަދަލުކޮށް، ސިޔާސަތައް ގެނައި ބަދަލާއި ގުޅިގެން، އާންމު އުސޫލުން މިމައްސަލަ މިހާރު ވެގެން ގޮސްފައިވަނީ، އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ މިނިވަންކަމާ ގުޅުންހުރި މައްސަލައަކަށެވެ.
މިގޮތުން މީގެ ކުރިން އެއްވެސް ޒަމާނެއްގައި މޮރިޝަސްގެ މިލްކުވެރިކަމާމެދު ރާއްޖެއިން ދައުވާ ކޮށްފައި ނުވިނަމަވެސް، ރާއްޖޭ ސިޔާސީ ބައެއް ފަރާތްތަކުން މޮރިޝަސްގެ މިލްކުވެރިކަމަށްވެސް މިހާރު ދައުވާކޮށް، އެއީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި ދެކޭ ފަރާތްތަކުންވެސް މިމައްސަލާގައި މިއަދުވަނީ މިމޭރުމުން އަޑު އުފުލާން ފަށާފައެވެ.
އަދި މިމައްސަލާގެ އަސްލަކީ ރާއްޖޭގެ ކަނޑުފުޅުތައް ވިއްލާލުން ކަމަށާއި، ފޯޅަވަހީގެ އިހުތިސާސްއާއި ގުޅޭގޮތުން ފާއިތުވެދިޔަ އެއްވެސް ޒަމާނެއްގައިވެސް ރާއްޖެއިން ދައުވާކޮށްފައި ނުވިނަމަވެސް، ޚުދު ރައްޔިތުންގެ މަޖިލިހުގައިވެސް ބައެއް މެމްބަރުން މިހާރުވަނީ މި އޮތޮޅުގެ މިލްކުވެރިކަމާއި ގުޅޭގޮތުންވެސް އަޑުއުފުލާންވެސް ފަށާފައެވެ.
އެހެންނަމަވެސް، މިމައްސަލާއިގެ އެންމެ ފުނަށް ފީނާލާއިރު ފާހަގަވާން އޮތް އެއްކަމަކީ، ފޯޅަވަހީގެ މައްސަލާގައި ފާއިތުވެދިޔަ ތަނުގައި ދެކެވިގެންދިޔަ އެއްވެސް ވާހަކައެއްގައި އެއްވެސް އިރަކު އެއީ ރާއްޖޭގެ ސަރަހައްދެއްކަމުގައި ރާއްޖެއިން ދައުވާ ކޮށްފައި ނުވާކަމެވެ. ޔޫއެންގެ އާންމު މަޖިލިހުގައި އިނގިރޭސިންނާ އެއްކޮޅަށް ރާއްޖެއިން ވޯޓު ދީފައިވަނީވެސް އެއީ ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ދައުވާ ކުރާތީއެއް ނޫނެވެ.
އޭރުވެސް މިހާރުވެސް ދިވެހިރާއްޖޭގެ ސިޔާސަތަކަށް ވެފައިއޮތީ ފޯޅަވަހީގެ އިހުތިސާސްގެ މައްސަލަ ކޮންމެ ގޮތަކަށް ނިމިގެންދިޔަ ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައުންޑަރީއަށް ބަދަލެއް އައިސްގެން ނުވާނޭ ކަމުގައެވެ.
އެތައް ދުވަހަކަށްފަހު، ސިޔާސީ ބައެއް ބޭބޭފުޅުން ނިދިން ހޭލުން؟
ފޯޅަވަހީގެ މައްސަލަ ފެންމަތިވެގެން ދިއުމާއެކު ފާހަގަވެގެންދިޔަ އެއްކަމަކީ، މިމައްސަލާގައި ސިޔާސީ ބައެއް ބޭފުޅުން ކުރިޔަށް ނުކުންނަވާ މިމައްސަލައާއި ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކެވެ.
މީގެތެރެެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔަ އެއް ބޭފުޅަކީ، ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. މުނައްވަރެވެ. އޭނާ ގެންދަވަނީ މިމައްސަލާގައި ސަރުކާރަށް ފާޑުވިދާޅުވެ، އަދި އެއަށްފަހު މިމައްސަލައަށް ޚާއްސަކޮށްގެން ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވަވާފައެވެ. މުނައްވަރުގެ ހުރިހާ ފާޑުކިޔުމެއްވެސް އަމާޒު ކުރެއްވީ މިސަރުކާރުގެ ވެރީންނަށެވެ.
ކުރީގެ ސަރުކާރުތަކުން އަމަލު ކުރެއްވި ގޮތެއްގެ ވާހަކައެއް، އަދި ވަކީން ޚާއްސަކޮށް، ރައީސް މައުމޫނުގެ ވެރިކަމުގައި، އޭނާގެ ބަންޑާރަނައިބު ކަމުގައި ފޯޅަވަހީގެ މައްސަލައާއި ގުޅޭގޮތުން އަމަލުކުރި ގޮތުގެ ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ.
މިގޮތުން، މިއިން ޒަމާނަކުވެސް ސިޔާސީ ކަމެއްގައި ނޫޅުއްވާ ހުންނެވުމަށްފަހު، އަދި ފާއިތުވެދިޔަ 5 އަަހަރުވެސް ހަމަހިމޭން ކަމުގައި ހުންނަވާފަ، ޑރ. މުނައްވަރު ކުއްލިގޮތަކަށް ނިދިން ހޭލައްވާލި މައްސަލައަކަށް ވެގެންދިޔައީ ފޯޅަވަހީގެ މައްސަލައެވެ. ރައީސް ޔާމިންގެ ދައުރުގައި ހިނގި ގާނޫނާ ޚިލާފައެތައް ކަމެއް ހިގައިދިޔައިރުވެސް، އަދި އޭގެފަހުންވެސް ގައުމުގައި ހިގައިދިޔަ ނޭއްގާނީ އެއްވެސް ކަމަކަށް ފާޑުވިދާޅު ނުވެ ހުންނެވި ޑރ. މުނައްވަރުވަނީ، މިމައްސަލާގައި ސަރުކާރަށް ފާޑު ވިދާޅުވަމުން، މައްސަލާއިގެ ހަގީގައި އެއްކައިރީގައި ބާއްވަވާ، ރާއްޖެއިން އެއްބަސްވެގެން އުޅެނީ ގައުމުން ބައެއް ވިއްކާލުމަށް ކަމަށް މޭރުންކޮށް ވާހަކަ ދައްކަވާފައެވެ.
އަދި، ފޯޅަވަހީގެ މައްސަލާގައި ޔޫއެންގެ އާންމު މަޖިލީހުގައި ނެގިގެން ދިޔައީ ނޮން ބައިންޑިން ވޯޓެއްކަމުގައި ވިދާޅުވެ، ފޯޅަވަހީގެ އިހުތިސާސްއާއި ގުޅޭ ޔޫއެންގެ ނިންމުމެއް ނެތްކަމަށް މި ޕްރެސް ކޮންފަރެސްގައި ޑރ. މުވައްވަރު ވިދާޅުވިއިރު، ޔޫއެން ޖެނެރަލް އެސެމްބްލީގައި ދުނިޔޭގެ މެޖޯރިޓީ ގައުމުތަކުން ވޯޓު ދީގެން ގަރާރެއް ފާސްކުރުމުން އެ ގަރާރުގެ ބުރަދަން ހުންނާނޭ ގޮތާއި އޭގެ މިންވަރު ވަޒަން ނުކުރެވި ހަގީގަތުގައިވެސް ޑރ. މުނައްވަރު މިވާހަކަ ދައްކަވާނޭކަމަށް ގަބޫލެއް ނުކުރެވެއެވެ.
އެހެންނަމަވެސް ފާހަގަވާން އޮތްކަމަކީ، ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި މި ސަރުކާރުން ހައްލުކުރުމަށް ނުވަތަ ވަކާލާތު ކުރަމުންދާ މައްސަލައެއް ނޫންކަމެވެ. މިމައްސަލައަކީ ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކުންވެސް ރާއްޖޭގެ ކަޑުގެ ހިމާޔަތުގައި ވަކާލާތުކޮށް، އަދި ފޯޅަވަހީގެ ހައްގުވެރީންނަކީ ދިވެހިރާއްޖެ ނޫންކަމަށް އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ރުހި ގަބޫލުވެގެން ތިބި ކަމެއް ކަމުގައި ތާރީޚު ހެކިދެއެވެ.
މިގޮތުން، ދިވެހިރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން މިހާރު ފޯޅަވަހީގެ މިނިވަންކަމަށް ވަކާލާތު ކުރަމުންދާ މައްސަލައާއި ގުޅޭގޮތުން މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި، ފޯޅަވަހީގެ މައްސަލާގައި މި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޑރ. މުވައްވަރުގެ ބަންޑާރަނައިބު ކަމުގައި އޭނާވަނީ ފޯޅަވައްސާއި ރާއްޖެއާއި ދެމެދުގެ އިން ވަކިކުރުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާ ކޮށްފައެވެ.
1992 ގަ އޭރުގެ އެޓާރނީ ޖެނެރަލް ކީއްވެތޯ އިނގިރޭސިވިލާތާއެކު ދިވެހިރއްޖެއާ ފޯޅަވަހީގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަދެކެވުނީ؟
— Fayyaz Ismail (@faya_i) October 25, 2022
އޭގެ މާނައަކީ ޑރ. މުވައްވަރުގެ ބަންޑާރަނައިބު ކަމުގައިވެސް ދިވެހިރާއްޖެއިން ބަލައިގެންފަ އޮތީ މޮރިޝަސްގެ މިލްކުވެރިމަަށް ދިވެހިރާއްޖެއިން ވަކާލާތު ނުކުރުމުގެ ސިޔާސަތުކަން އެގެން އެބައޮތް ކަމެވެ.
މިމައްސަލާގައި ޑރ. މުނައްވަރު މިހަފްތާގަ ބާއްވަވަން ނިންމެވި ޕްރެސް ކޮންފަރެންސަށް ކުރީގެ ބަންޑާރަނައިބުކަން ކުރެއްވި، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުގެ ކުރީގެ އަނބިކަބަލުން ދިޔާނާ ސައީދުވެސް ބައިވެރިވެވަޑައިގަންނަވާނޭކަން ކުރިން މީޑިއާތަކާ މައުލޫމާތު ހިއްސާ ކޮށްފައި ވެއެވެ.
އެހެންނަމަވެސް މި ޕްރެސް ކޮންފަރެންސްގައި ދިޔާނާ ސައީދު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.
ނަޝީދު ވިދާޅުވަނީ ފޯޅަވައްސަކީ ދިވެހީންގެ ހައްގެއް ކަމަށް، ނަމަވެސް އަމިއްލަފުޅު ވެރިކަމުގަ އަމަލުކުރެއްވީ ތަފާތުކޮށް!
ފޯޅަވަހީގެ މައްސަލަ ސިޔާސީ ފަރާތްތަކުގެ ގަދަ ހިފުމަކަށް ބަދަލުވެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލަަތައް ބަލައިގަނެ އެ މަޖިލީހުގައި މިމައްސަލައާއި ގުޅޭގޮތުން ބަހުސް ކުރެވެމުން ފެށުމުން، މި ބަހުސްތަކުން ސާފުވެގެންދިޔަ އެއްކަމަކީ، މިމައްސަލަވެސް މިހާރު އެމްޑީޕީގެ ދެފެކްޝަންގެ މެދުގައި އޮތް ބޮޑު ވާދަވެރިކަމަކަށް ބަދަލުވެގެން ގޮސްފައި އޮތްކަމެވެ.
މިގޮތުން މަޖިލިސް ރިޔާސަތުގައި އިންނަވައިގެން ވާހަކަ ދައްކަވަމުން، ފޯޅައްވަސަކީ އެ އަތޮޅުގެ އިހުތިސާސްއާއި ގުޅޭގޮތުން ރާއްޖެއަށް ވަކާލާތު ކުރެވެން އޮތް ތަނެއްކަމުގައި ނަޝީދު ވިދާޅުވިއިރު، އަމިއްލަފުޅު ވެރިކަމުގައި، މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅުގައި ފޯޅަވަހީގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރާއި ދެކޮޅަށް ވާހަކަ ދައްކަވާ، އެއީ މޮރިޝަސްގެ އަތޮޅެއް ކަމުގައި ރާއްޖެއިން ދެކޭކަމަށް ވިދާޅުވެ ނަޝީދު ވާހަކަ ދައްކަވާފައިވާކަން މިހާރުވަނީ ހާމަވެގެން ގޮސްފައެވެ.
ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު މާޗް 11-13 އަށް މޮރިޝަސްގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ނަވިންޗަންދުރަ ރަމްގޫލަމްގެ ދައުވަތަކަށް އެގައުމަށް ނަޝީދު ޒިޔާރަތް ކުރައްވާފައި ވެއެވެ.
މިދަތުރުފުޅިގައި އެގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ އެ ބައްދަލުވުންތަކަށް ފަހު ނެރުނު "ޖޮއިންޓް ކޮމިނިކިއު"އިން އެގެން އޮންނަ ގޮތުގައި، ބޮޑުވަޒީރާ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވެފައިވަނީ ޗާގޮސްގެ ރަށްތަކުގެ ވަށައިގެންވާ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަަށް ނުވަތަ މެރިން ޕްރޮޓެކްޓެޑް އޭރިއާއެއްކަމަށް އިނގިރޭސި ވިލާތުން ކަނޑައެޅުމަކީ ދެ ލީޑަރުންވެސް ދެކޮޅު ހައްދަވާ ކަމެއް ކަމުގައެވެ.
އަދި އިނގިރޭސިވިލާތުގެ މި ނިންމުމާއި ދެކޮޅަށް، އެއްވިސްނުމެއްގައި ދެގައުމުން މަސައްކަތް ކުރުމަށް އެއްބަސްވެފައި ވާކަމަށްވެސް އެގެން އޮވެއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަތުމަކީ ރާއްޖޭގެ އިންތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެބަސްވުން ކަމުގައި މޭރުންކޮށް ވާހަކަ ދައްކަވާފައެވެ.
އޭގެ އިތުރުންވެސް ނަޝީދު ގެންދަވަނީ، ފޯޅަވައްސަކީ ތާރީޚީގޮތުން ރާއްޖޭގެ ބައެއްކަމުގައި އެގެން ހުރިކަމަށް ބުނާ ތާރީޚީ ބައެއް މައުލޫމާތުވެސް އާންމު ކުރައްވަމުންނެވެ.
އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ނަޝީދުގެ ފެކްޝަނަށް ތާއީދުކުރާ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުން ރައްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ވިއްކާލުމަށް ރައީސް ސާލިހު ނިންމަވާފައި ވާކަމުގައެވެ. މިމައްސަލައާއި ގުޅޭގޮތުން މިމޭރުމުން ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި، ނަޝީދުގެ ފެކްޝަނަށް ތާއީދުކުރާ މެމްބަރުން ކަމުގައިވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.
އެހެންނަަމަވެސް، މޮރިޝަސްއަކީ ރާއްޖޭގެ ބައެއްކަމަށް ގަބޫލުކުރެއްވި، އެކަމަށް ހުރިހާ މާނައެއްގައިވެސް އެންމެ ބޮޑަށް ވަކާލާތު ކުރުމުގެ ފުރުސަތު ނަޝީދަށްވުރެ ބޮޑަށް ލިބިވަޑައިގެންނެވި ބޭފަޅުކު ނެތެވެ. އެހެންނަމަވެސް ފެންނާން އޮތް ހަގީގަތަކީ، އަމިއްލަފުޅު ވެރިކަމުގައި ނަޝީދު މިކަމަށް ވަކާލާތު ކުރައްވާފައި ނުވާކަމެވެ.
އެންމެ ފަހުން ސިޔާސީ ގަދަ ހިފުމަކަށް!
ފޯޅަވައްސަކީ ރާއްޖޭގެ ގާނޫނީ އިހުތިސާސްގައި ހިމެނޭ ބަޔަކަށް ނުވާތީ މިމައްސަލާގައި ރާއްޖެއިން، ޔޫއެންގައި މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދޭން ދިނުމާއި، އިންޓަރނޭޝަނަލް ޓްރައިބިއުނަލްގައި ރާއްޖޭގެ ކަނޑުގެ އިހުތިސާސްއާއި ގުޅޭގޮތުން ވަކާލާތު ކުރަމުންދާ މައްސަލައަކީ ގުޅުމެއް ނެތް ތަފާތު ދެ މައްސަލައެއްކަމުގައި ވިދާޅުވެ އެކަން ސަރުކާރުން ސާފު ކޮށްދިންނަމަވެސް، އިދިކޮޅު ފަރާތްތަކުގެ ޝަކުވާއަކީ މި ސަރުކާރުން ގައުމުގެ ބައެއް ވިއްކާލުމުގެ ޝަކުވާއެވެ.
އަދި މައްސަލައަކީ އާންމު ރައްޔިތުންގެ ޖަޒްބާތާއި ގުޅުންހުރި މައްސަލަކަށް ވުމާއެކު، ބައެއް ސިޔާސީ ޕާޓީތަކުން މިމައްސަލާގައި ނޫސް ބަޔާންތައް ނެރުމާއި، ކަމުގެ ހަގީގަތް އޮތް ގޮތް ސާފުވިނަމަވެސް، ގިނަ ސިޔާސީ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލިހުގެވެސް ބައެއް މެމްބަރުންވެސް ވަކާލާތު ކުރައްވަމުން ގެންދަވަނީ މިސަރުކާރުން ގައުމު ވިއްކާލާފައިވާކަމަށް ވިދާޅުވެއެވެ.
ހަމައެއާއެކު މިމައްސަލާގައި، ފޯޅަވަހީގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދޫކޮށް ނުލާނޭކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ގައުމުން ބައެއް މިސަރުކާރުން ވިއްކާލާފައި ވާކަމުގައެވެ.
ކޮންމެއަކަސް، އާންމު އުސޫލުން، ފޯޅަވަހީގެ މައްސަލަވެސް އެންމެ ފަހުން ވެގެން މިދިޔައީ ސިޔާސީ ގަދަ ހިފުމަކަށެވެ. މުޅި ފޯޅަވަހީގެ މައްސަލައަށް ވެގެން އުޅޭގޮތް ފަހުމް ނުވާމީހާގެވެސް އެންމެ އިސް ވާޖިބެއް ކަމުގައި ދެކެމުންދާތަން މިއަދު ފެންނާން އޮތީ، މައްސަލަ ސިޔާސީކޮށް، ޖަޒުބާތު ބަންޑުން ކޮށްލުމެވެ. އަމިއްލަފުޅު ވެރިކަމުގައި ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް، ނުވަތަ އިނގިރޭސިންގެ ބައެއްކަމަށް އެއްބަސްވެ، އެގޮތުގެ މަތީން އިން ވަކުރުމަށް މަސައްކަތް ކުރެއްވި ބޭބޭފުޅުންވެސް މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމީހަކަށް ދެއްކުނުހާ މޮޅު ވާހަކައެއް ދައްކައިގެން ސަރުކާރަށް ފާޑު ވިދާޅުވުމެވެ.
އެހެންނަމަވެސް، މިއީ ދިވެހީންގެ އުސޫލުކަމުގައިވެ، އަމިއްލަ ވިސްނުމާއި ފިކުރު ކަންކަމުގެ މައްޗަށް އާފިލްކޮށް، ތިމާމެންނަކީ ލިބިފައިވާ ސިނކުޑީގެ އަގުމާތްވި ޖައުހަރުގެ ބޭނުން ނުކުރާ، ތާއަބަދު ޖަޒްބާތުގައި، ހަމަ ކޮންމެ މައްސަލައެއްމެ ސިޔާސީ ކޮށްލުމުގެ ވިސްނުމުގައި ތިބޭ ބަޔަކަށް ވެގެން ދިއުމުން ދެން ގައުމަށް ވެގެންދާނޭ ގޮތާއި، ވަމުންދާ ގޮތް ވަޒަން ކޮށްލުމަކީ ފަސޭހަކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.
One Response
އެއްވެސްވެރިއަކު އެތަށްހޯދަށްއުޅެފަވާކަމެންއެގިފަޔެންނެތް މަލިކަކީވެސްރާޖޭގެ ތަނެކޭބުނާއޑުއިވޭ ކިހިނެއްވެފާއޮތްކަމެއްކަން ހުރިހާދިވެހިންނަށްއެގެންވާނެނު