ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ވަކީލް ނާޒިމް ސައްތާރު މިއަދު ކްރިމިނަލް ކޯޓުގައި އިއުތިރާފްވެއްޖެއެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވީ މައްސަލައިގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ.
މި އަޑުއެހުމުގައި ނާޒިމް ވަނީ އަލްމަގީރާއެކު ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައެވެ. އެއާއެކު ކްރިމިނަލް ކޯޓުން ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނާޒިމްގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް އިއުތިރާފްވުމާ އެކު މި ހަފްތާގައި ހުކުމް ކުރަން ކޯޓުން ވަނީ ނިންމައިފައެވެ. މި މައްސަލާގައި ހިމެނޭ އަލަމްގީރު ވެސް އޭނާގެ މައްޗަށް އިއްވި ތިން ދައުވާއަށް ވަނީ އިއުތިރާފް ވެފައެވެ. ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ވާތީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
މި މައްސަލާގައި ހިމެނޭ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެއެވެ. އެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ލިބޭ އަދަބު އެތައް ގުނައެއް ބޮޑުވާނެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނަމަ ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ. ނުރުހުމުގައި ނަމަ އެކަން ކުރި މީހަކަށް 7-10 އަހަރުގެ ޖަލު ހުކުމެކެވެ.
އަލަންގިރް އާއެއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެހެން ބައެއް މީހުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ ޝަރީއަތް ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ.