ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބު އަހަރެއްހާ ދުވަހަށް ގާތްވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އެންމެ ފަހުން ހާމަ ކުރެއްވި ލީޑަރަކަށް ވެގެން މިދިޔައީ އިދިކޮޅު ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުالله ޔާމިންއެވެ.
މިގޮތުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓް ކައުންސިލްއިން މިވަނީ އިއްޔެ ރޭގަ ބޭއްވުނު އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ޕާޓީގެ ރައީސަށް 2023ގެ ރިޔާސީ ޓިކެޓް އަރުވާފައެވެ. ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް އަރުވާފައި މިވަނީ، މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާޓީގެ އަސާސީ ގަވާދަށް ބަދަލުތަކެއް ގެނައުމަށްފަހުއެވެ.
މާނައަކީ، ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް އަރުވާފައި މިވަނީ ޕްރައިމަރީއަކާވެސް ނުލާ، އަދި ޕާޓީގެ ކޮންގްރެސްއެއްވެސް ބޭއްވުމަކާ ނުލާ، އަދި ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވުނު ކަމަށް ބުނާ ބަދަލުތައް ޕާޓީ ކޮންގެރެސްއިން އެންޑޯސް ކުރުމަކާވެސް ނުލައެވެ.
އެހެންނަމަވެސް، ރައީސް ޔާމިނަށް ޕާޓީގެ 2023ގެ ރިޔާސީ ޓިކެޓް އެރުވުމަށްފަހު، ޕީއެންސީގެ ރައީސް، އަދި ޖޮއިންޓް ކައުންސިލްގެ ކޯ ޗެއަރކަން ކުރައްވަމަނުން ގެންދަވާ އަބުދުއްރަހީމް ވިދާޅުވެފައިވަނީ، ރައީސް ޔާމިނަށް ޕާޓީގެ 2023ގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި، ކިތައްމެ ގިނަ ބަޔަކު ޖެހިލުން ވިޔަސްވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމިން ކަމުގައެވެ.
ރައީސް ޔާމިންއަށް ޕްރައިމަރީއަކާ ނުލާ ރިޔާސީ ޓިކެޓް ދިނުމާއި ގުޅޭގޮތުން، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އާދަމް ޝަރީފް ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވި ނަމަވެސް ޕްރައިމަރީގައި ރައީސް ޔާމިންއާއި ވާދަކުރާނޭ މީހަކު އެޕާޓީގައި ނުހުންނާނޭ ކަމުގައެވެ.

ކޮންމެއަކަށް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމިން އެރުވުމަށްފަހު، އެޕާޓީގެ އިސް ބައެއް ފަރާތްތަކުން ކުރަމުންދާ ޓުވީޓު ތަކުންނާއި އަދި މީޑިއާތަކަށް ދީފައިވާ ކޮމެންޓްތަކަށް ބަލާއިރު، ރައީސް ޔާމިނަށް ރިޔާސީ ޓިކެޓް ދިނުމަށް އެއްބަސްވެފައިވަނީ ޖޮއިންޓް ކައުންސިލްގެ އިއްތިފާގުންކަން އެގެން އެބައޮތެވެ. އަދި މި ކައުންސިލްގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މާޒީން ފެންނާން އޮތީ، އެކަނި އެކަކަށް އިންތިޚާބު ކާމިޔާބު ނުކުރެވޭތަން!
ދިވެހިރާއްޖޭއަށް ޑިމޮކްރަސީ އައުމަށް ސިޔާސީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް މުޅި މުޖުތަމަޢު ބައިބައިވެފައި އޮން މިންވަރަށް ބަލާއިރު، އެއްވެސް ސިޔާސީ ލީޑަރަކީ ގިނިކަންޏާ އައުލަބިއްޔަތުގެ ތާއީދު އޮތް ލީޑަރެއް ނޫންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން 2008 ވަނަ އަހަރަށްފަހު ފާއިތުވެދިޔަ 14 ވަރަކަށް އަހަރަށް ބާލާއިރު، އެންމެ ފުރަތަމަ ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމަށްފަހު، 2008 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކާއި ގިނިކަންޏާ ވާދަކޮށް އެއަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މައުމޫން މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް %50 އާއި އިތުރު އެއްވޯޓު، މުޅި ދައުލަތް އެކަމަނިކްފާނުގެ މުށުތެރޭގައި އޮވެގެންވެސް ހޯއްދެވިފައެއެއް ނުވެއެވެ.
އެހަރުގެ ރިޔާސީ އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާފައިވަނީ ރައީސް މައުމޫނާއި ދެކޮޅަށް ނިކުންވެވި ހުރިހާ ޕާޓީތަކާއި ލީޑަރުން އެއްގަލަަކަށް އަރުއްވައިގެން، އިދިކޮޅު ކޯލިޝަނެއް ހައްދަވައިގެންނެވެ.
އެއަށްފަހު ޖެހިގެން އައި 2013ގެ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިޚާބަށް ނިކުންނެވީ އޭރުގެ ސަރުކާރާއި ދެކޮޅަށް ގިނިކަންޏާއެވެ. ރައީސް ނަޝީދާއި ދެކޮޅަށް އެހެން ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްގަލަކަށް އަރާ، ގުޅިފައިވާ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޔާމިންއެވެ. ނަތީޖާ ނިކުމެފައިވަނީ ގިނިކަންޏާ ވާދަކުރެއްވި، ރައީސް ނަޝީދަށް ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެން، ކޯލިޝަން ކެނޑިޑޭޓަށް އިންތިޚާބު ކާމިޔާބު ވެގެންނެވެ.
ޖެހިގެން އައީ 2018ވަނަ އަހަރުގެ ރިޔަސީ އިންތިޚާބެވެ. އޭރު ވެރިކަމުގައި ރައީސް ޔާމިން ހުންނެވީ ނުފޫޒުގަދަ ވެރިއެއްގެ ގޮތުގައެވެ. ދައުލަތުގެ ހުރިހާ މުވައްސަސާތަކެއް މުށުތެރެއަށް ލެއްވުމުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ތިއްބެވީ ޖަލުގައެވެ. މަޖިލިސް ފުރިހަމަ ކޮންޓްރޯލްގައި އޮވެފައި، ދައުލަތުގެ މިނިވަން މުވައްސަސާތަކުގައި ތިއްބެވީ ރައީސް ޔާމިންގެ ވަފާތެރިންނެވެ.

އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އެހާލަތު ބަދަލުކޮށް، ރައީސް ޔާމިންގެ ވެރިކަން ބަދަލު ކުރުރުމަށް އިދިކޮޅު ހުރިހާ ފަރާތްތަކަށް އެއްގަލަކަށް އެރުމަށް މަޖުބޫރު ވެގެން ދިއުމެވެ. ޒަމާންވީ ހަތުރުވެރިކަން ހަނދާން ނައްތާލާ، ރައީސް މައުމޫންއާއި ރައީސް ނަޝީދުގެ އިތުރުން އަދާލަތު ޕާޓީއާއި ޖުމުހޫރީ ޕާޓީ އެއްގަލަކަށް އަރާ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނިކުންނެވީ މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހުއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ގިނިކަންޏާ ނިކުންނެވި ރައީސް ޔާމިން ބަލިކުރައްވާ، ކޯލިޝަން ކެނޑިޑޭޓް ރައީސް އިބުރާހިމް މުހައްމަދު ސާލިހުއެވެ.
މިއީ ރާއްޖޭގެ ޑިމޮކްރަސީގެ، ފާއިތުވެދިޔަ ކުރު ހަޔާތުގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބުތަކުގެ ތަޖުރިބާއެވެ. އަދި މި ރިޔާސީ އިންތިޚާބުތަކުން ނުކުމެފައިވާ ނަތީޖާތަކުގެ މައްޗަށް ރަގަޅަށް ވިސްނާ ނަޒަރެއް ހިންގާލާއިރު، އެއްބަޔަކު އެއްވެ އެއްވާނެއްގައި ނިކުތުން ނަތީޖާތައް ނިކުމެގައި ހުރި ގޮތްވެސްމެއެވެ.
ރައީސް ޔާމިންގެ ކެނޑިޑަސީއަށް ތާއީކުރާނެ އެހެން ލީޑަރުންތަކެއް އެބަ ތިބިތަ؟
ސިޔާސީ މަސްރަހަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް، ޑީލްތައް ހެދުމާއި، ކަންކަން ގުރުބާން (ކޮމްޕްރޮމައިސް) ކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ މަސްރަހެއް ކަމުގައި ދެންނެވިދާނެއެވެ.
އޭގެ މާނައަކީ ހަގީގަތުގައިވެސް ސިޔާސީ މަސްރަހުގައި ހަތުރުންނާއި މިތުރުންނެއް ނުތިބޭނެކަމުގައި ގަބޫލުކުރަން ޖެހެއެވެ. އަދި އަމުދުން ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައި އޮތް، އުސޫލުތަކުގެ މައްޗަށް ބިނާވެފައި ނެތް ޑިމޮކްރަސީއެއް އޮތް ގައުމެއްގައި، ހަތުރުން މިތުރުންނަށް ވުމާއި، މިތުރުން ހަތުރުންނަށް ވުން މިއޮންނަނީ އާންމު ކަމަށް ވެފައެވެ.
އިއްޔެ ވަގަށް ގޮވި މީހާ، މިއަދު ތެދުވެރި ތަގުވާވެރިއަކަށް ވެގެން ދިއުމާއި، ތިމާގެ އަމިއްލަ މަސްހަތުގައި ހުރިހާކަމެއް، ހުރިހާ އެއްޗެއް ގުރުބާން ކޮށްލުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް އާންމު ސަގާފަތެއްކަން ވަށައިގެން މިއޮތީ ފެންނާށެވެ.
އެހެންނަމަވެސް، މިހުރިހާ ހަގީގަތްތަކެއް މި ގޮތުގައި ހުރިނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދެކޮޅުވެރިކަން މިހާރު އޮތް ނިސްބަތަށް ބަލާއިރު، 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކާމިޔާބު ހޯދާ ދިނުމުގެ މަގްސަދުގައި ޕީޕިއެމްއާއި ބައިއަތު ހިފާނޭ ސިޔާސީ ލީޑަރުން ރައްޖޭގެ މިހާރުގެ ސިޔާސީ މަސްރަހުގައި މަދުކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އެއް ސަބަބަކީ، ސިޔާސީ މަސްރަހުގައި ތިއްބެވި ގިނަ ސިޔާސީ ލީޑަރުންނަކީ، ރައީސް ޔާމިންގެ ވެރިކަމުގެ ދައުރުގައި ނުހައްގުން ޖަލަށް ލެވިފައިތިއްބެވި ބޭބޭފުޅުންނަށް ވުމެވެ. އަދި 2018ގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަތުމަށްފަހު، އިދިކޮޅު ލީޑަރެއްގެ ގޮތުގައި ފާއިތުވެދާ 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް މިއިން އެއްވެސް ސިޔާސީ ލީޑަރަކު، ފާއިތުވެދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް، ޕީޕީއެމްއާ އެއް ޕްލެޓްފޯމަށް އައިސް، އެކީގައި މަސައްކަތް ކުރަންޖެހޭފަދަ އެއްވެސް ހާލަތެއް އިދިކޮޅު ޕީޕީއެމްއަށް އުފެއްދިފައެއް ނެތެވެ.
ރައީސް ޔާމިން ޖަލުން ސަލާމަތްވުމަށްފަހު، ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކްފާނުގެ މައިގަޑު އެއް ސިޔާސަތެއްގެ ގޮތުގައި ފެންނާން އޮތީ، ޕީޕީއެމް ނޫން އެހެން ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަދިވެސް ގޮންޖެއްސެވުމާއި، އިންޒާރުތައް ދެއްވުމާއި، ހިތްޕުޅުގައިވާ އުދާސްތައް ބަންޑުން ކުރައްވަމުން ގެންދެވުމެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް ޔާމިން އިދިކޮޅު ލީޑަރެއްގެ ގޮތުގައި ފުރިހަމަ ކުރައްވަމުން ގެންދަވާ މި 5 އަހަރުގެ ތެރޭގައި ހަގީގަތުގައި ފެންނާން އޮތް ތަނަކީ، ސިޔާސީ އެހެން ހުރިހާ ލީޑަރުންނާވެސް އެމަނިކފާނާ ދެމެދު އޮތް ހަތުރުވެރިކަން އިތުރުވަމުން ދިޔަ ތަނެވެ. އެކީގައި ދުވަހަކުވެސް މަސައްކަތް ނުކުރެއްވޭނޭ ހާލަތު ކުރިމަވަމުން އައިސްފައިވާ ތަނެވެ. އޮތް ހަތުރުވެރިކަން އޭގެ އިންތިހާއަށް ދަތުރު ކުރަމުން އައިތަނެވެ.
އެހެންކަމުން މިހުރިހާ ހަގީގަތްތަކުގެ މައްޗަށް ބުރަވާއިރު، ބެލެވޭ ގޮތުގައ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމިނަށް ލިބިވަޑައިގެންފިނަމަ، އެމަނިކްފާނު މިއިންތިޚާބުގައި ވާދަކުރައްވާނީ ގިނިކަންޏާ ވާދަކުރައްވާ ކެނޑިޑޭޓޭއްގެ ގޮތުގައި ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ސަޕޯޓަރުންނާއި އިސް ލީޑަރޝިޕް އަނެއް 5 އަހަރު މަގުމަތީގައި ތިބެން ޖެހިދާނެ!
ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ޕާޓީގެ އަސާސީ ގަވާއިދުވެސް ބަދަލުކޮށްގެން، ޕްރައިމަރީއަކާ ނުލާ ދޭގޮތަށް ރައީސް ޔާމީނަށް ދޭން ނިންމުމާއެކު، ލީޑަރޝިޕްގައި ތިބި ބިނަ ބަޔަކު އާންމު ސޯޝަލް މީޑިއާގައި ރައީސް ޔާމިނަށް ސަނާ ކިޔަމުން ދިޔަ ނަމަވެސް، ގިނަ ބޭބޭފުޅުންގެ ބޮޑެތި އުދާސްތަކެއް ހުރިކަން، މިއީ އެންމެވެސް ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ކަމެކެވެ.
އަދި ޚަބަރު އޮންލައިނާއި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން މިއުދާސްތައް މިބީދައިން ހިއްސާ ކޮށްފައިވެސް ވޭމެއެވެ.

ސަބަބަކީ، ރައީސް ޔާމިނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލު ކުރެވުނު ހިސާބުން، ދެން ޕީޕީއެމްއަށް ދަތުރުކުރަންޖެހޭނީ ގަދަ ކަނޑެއްގައި ގިނިކަންޏާކަން ޔަގީންވެގެން ދިއުމެވެ. އަދި، ސިޔާސީ ގޮތުން އިންތިހާއަށް ބައިބައިވުން އޮތް މަސްރަހުގައި ގިނިކަންޏާ ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ކާމިޔާބު ކުރެވޭނޭކަމުގެ ޔަގީންކަން ކުޑަވުމެވެ.
އެހެންނަމަވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބު ވުމަށްވުރެ ބޮޑަށް ރައީސް ޔާމިން ޖައްސާވާފައިވާ ދެހިސާބެއް، ރިޔާސީ ޓިކެޓް ނެންގެވުމުގެ ފަހަތުގައި އެބައޮތެވެ.
އެއްސަބަބަކީ މިހާރުވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އޮތް ދައުވާތަކުން ސަލާމަތް ވެވޭނޭ މަގު ފަހިކުރުމެވެ. އަނެއް ސަބަބަކީ އަމިއްލަފުޅު ޕާޓީ އަމިއްލަފުޅު އެސެޓެއްގެ ގޮތުގައި ބޭއްވޭނެ މަގު ފަހިކުރުމެވެ. ރިޔާސީ އިންތިޚާބުން ބަލިވެވަޑައިގަތަސް، އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި، ކުރެވޭ ތުހުމަތުކާއި ހަގުރާމަކޮށް، ޕިޕީއެމްގެ ރައީސްގެ ގޮތުގައި، އަދި އިދިކޮޅު ލީޑަރުގެ ގޮތުގައި ދެމިހުންނެވުމެވެ.
އެހެންނަމަވެސް ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ، ޕީޕީއެމްއަށް 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވި ދިއުމުގެ ރިސްކު އޮތްނަމަ އެއީ، ފާއިތުވެދިޔަ 5 އަހަރު މަގުމަތީގައި އުޅެންޖެހުނު އެތަކެއް އެކްޓިވިސްޓުންނެއްގެ މުސްތަގުބަލާއި ގުޅިފައިވާ ބޮޑު ރިސްކެއް ކަމެވެ.
އަދި ޕީޕީއެމްއަށާއި ރައީސް ޔާމިނަށްވެސް އެންމެ މޮޅު ގޮތަކީ ވެރިކަމަށް އާދެެވުން ކަމުގައިވި ނަމަވެސް، އިދިކޮޅު ޕީޕީއެމް މިހާރު އޮތް ހާލަތަށް ބަލާއިރު، އަދި އިދިކޮޅުން މިވަގުތަށް ފެންނާން އޮތް ފޯމިއުލާގެ ތެރެއިން އެއީ ވުން ދުރުކަމެއްކަމުގައި ދެކޭ މީހުންވެސް ވަރަށްވެސް ގިނަކަމުގައި ދަންނަވާން ޖެހެއެވެ.
ކޮމެންޓު ފޮނުވާ