އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މާވެލް ސްޓޫޑިއޯސްގެ "ބްލެކް ޕެންތާ"ގެ ސީކުއެލްގެ ޓްރެއިލާ ދައްކާލައިފިއެވެ.
މިއީ ފިލްމުގެ އޮފިޝިއަލް ޓްރެއިލާއެވެ. ޓީޒާ ޓްރެއިލާގެ ގޮތުގައި މި ޓްރެއިލާ ދައްކާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ނިންމާލި ކޮމިކް ކޮން 2022 ގައެވެ.
"ބްލެކް ޕެންތާ: ވަކަންޑާ ފޯ އެވާ"ގެ ނަމުން ނަން ދީފައިވާ ފިލްމުގެ ޓްރެއިލާ ގެނެސްދީފައި ވަނީ ވަރަށް ޝައުގުވެރިކޮށް، ފިލްމުގެ ޖާދޫގައި ވަރަށް ބޮޑަށް ޖައްސާނެ ފަދަ ގޮތަކަށެވެ.
2018 ގައި ނެރުނު ބްލެކް ޕެންތާގެ ފުރަތަމަ ފިލްމަކީ މިހާތަނަށް އެ ސްޓޫޑިއޯ އިން ތައްޔާރުކުރި ފިލްމުތަކުގެ ތެރެއިން އެންމެ މަތިން ރޭޓިން ލިބުނު އެއް ފިލްމެވެ.
ޓީޒާ އިން ވަނީ 2018 ގެ "ބްލެކް ޕެންތާ"ގެ މައިގަނޑު ރޯލު ކުޅުނު އަދި 2020 ގައި ކެންސަރު ބަލީގައި މަރުވި އެކްޓަރު ޗަޑްވިކް ބޯސްމަންގެ މަންޒަރުތަކެއް ވެސް ދައްކާލައިފައެވެ.
WAKANDA FOREVER pic.twitter.com/ozNVPsFQRm
— Marvel Studios (@MarvelStudios) July 24, 2022
އަންނަ ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ފުރަތަމަ ބައިވެސް ލިޔެ ޑައިރެކްޓުކުރި ރަޔަން ކޫގްލާއެވެ.
"ބްލެކް ޕެންތާ: ވަކަންޑާ ފޯ އެވާ" ގައި ކުރީގެ ބައެއް ތަރިންނާއެކު އިތުރު އައު ބޮޑު ކާސްޓެއްވެސް ފެންނާނެއެވެ. އޭގެ ތެރޭގައި ލެޓީޝިއާ ރައިޓް، ލުޕިޓާ ނިއޮންގޯ، ވިސްޓަން ޑޫކް، އެންޖެލާ ބެސޭ އަދި ޑާނިއާ ގްރީރާ ފަދަ ތަރިން ހިމެނެއެވެ.