ގޮޓާބަޔަ ރާއްޖެ ވަޑައިގަތުމުން އާންމުން ރަތަށް، ސަރުކާރު ހަމަހިމޭނުން!

ގޮޓާބަޔަ ރާއްޖެ ވަޑައިގަތުމުން އާންމުން ރަތަށް، ސަރުކާރު ހަމަހިމޭނުން!

ސްރީލަންކާގެ ރައީސް ގޮޔަބަޔާ ރާޖަޕަކްސް ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގެންނެވުމުން ގިނަ ބައެއްގެ ނުރުހުން ދިވެހި ސަރުކާރަށް އަމާޒުވެއްޖެއެވެ.

ސްރީލަންކާގެ އިޤްތިޞާދީ ހާލަތާ ގުޅިގެން ވެރިރަށް ކޮލަމްބޯގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެ ތަން ހިސާރު ކުރުމާ ގުޅިގެން ރާޖަޕަކްސަ ވަނީ އިސްތިޢުފާ ދެއްވައި، އައު ސަރުކާރެއް އެކުލަވައިލުމަށް ފުރުޞަތު ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، އޭގާ ކުރިން، އޭނާ މި ވަނީ ފިއްލަވައިގެން ފުރާވަޑައިގަންނަވާފައެވެ. އޭނާއާއެކު އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިން ދަތުރު ކުރާ ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ.

ސްރީލަންކާގެ އިމިގްރޭޝަންގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ބުނީ، ވެރިކަމުގައި ހުންނެވި އެއްވެސް ރައީސަކު ފުރާވަޑައިގަތުމަށް ހުރަސް އެޅުމަކީ ޤާނޫނީ ގޮތުން އިމިގްރޭޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި އޭނާ ފުރާވަޑައިގަތުން މަނާ ކުރުމަށް އެއްވެސް ޤާނޫނީ އިދާރާއަކުން ނުވަތަ ޝަރުޢީ ކޯޓަކުން އަންގާފައި ނެތް ކަމަށެވެ.

ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި އޮތީ ހިމޭނުންނެވެ. އެކަމަކު ސީއެންއެން އިން ބުނާގޮތުން ގޮޓާބަޔަ ދަތުރުކުރެއްވި ލަންކާގެ އަސްކަރީ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ފުރަތަމަ ހުއްދަ ނުދިނަސް އެ ކަން އެހެން ގޮތަކަށް ބަދަލުވެ، ރާއްޖެ އިން ގޮޓާބަޔަ އަށް މަރުހަބާ ކިޔާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަދެވަޑައިގަތުމުންނެވެ. ނަޝީދު އެ މައްސަލައިގައި އަދި ހުންނެވީ ހިމޭނުންނެވެ.

ސްރީ ލަންކާގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ބޭފުޅުން ވެސް ދަނީ ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމުން އެކަމަށް ފާޑުކިޔަމުންނެވެ. ދެ ގައުމުގެ އާންމުން ތިބީ ރަތަށް އަރައިފަ އެވެ. ބައެއް މީހުން ދެ ގައުމުގެ ޒަމާންވީ ގުޅުމަށް ރުހުން އޮތަސް ގޮޓާބަޔަ ފަދަ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އަދި ފުރުން މަނާކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާ ބޭފުޅަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމަކީ ވަރަށް ގޯހުން ދިޔަ ކަމެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މިމައްސަލާގަިއ ފާޑުކީ ލަންކާ ބައެއް މީހުން ވަނީ ގޮޓާބަޔަ އަލުން ލަންކާއަށް ފޮނުވައި ދިނުމަށް އެދިފައެވެ. އަދި ދިވެހިން މިމައްސަލައިގެ ތެރެއަށް ވަންނަން ނުޖެހޭކަމަށް ވިދާޅުވެ ވަނީ ފާޑު ކިޔާފައެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅޭ ޤައުމަކަށްވުމުން މިކަމުގެ ސަބަބުން އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް މިކަމުގައި ނުރަނގަޅު އަސަރުކޮށްފާނެކަމަށް ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް ލަންކާގެ މަޝްރަހު އިންތިހާއަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި އެޤައުމުގެ ރައްޔިތުންގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ބޭފުޅަކަށް ރާއްޖެއިން ހިމާޔަތް ދިނުމަކީ އޭގެ ނުރައްކާ ލަންކާގައި ތިބި ދިވެހިންނަށް ކޮށްފާނެ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބައެއް މީހުން މި މައްސަލައިގައި ނަފުރަތު ކުރަނީ ކުރީގެ ރައީސް ނަޝީދަށެވެ. ސަބަބަކީ ގޮޓާބަޔަ އަށް ރާއްޖެ އެތެރެވެވުނީ ނަޝީދުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާތީއެވެ. އެހެންވެ، އެ ކަމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭނެ ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް މިހާތަނަށް މިކަމުގައި ނަޝީދުވެސް އަދި އަދި ރާއްޖޭގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުންވެސް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި މި ވަނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ. އެ ޤައުމުން ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ.

ސްރީލަންކާގެ ހާލަތު ގޯސްވެ ކުރިމަތިވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސް ވަނީ މޭ މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އޭނާ މި ވަގުތު ހުންނެވީ ކޮލަމްބޯގައެވެ. އަދި، ކުރީގެ މާލީ ވަޒީރު ކަމުގައިވާ ބަސިލް ރާޖަޕަކްސަ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *