ޚިޔާލުފާޅުކުރުމަކީ ތަންމިނަށް އޮތްކަމެއްނޫން ކަމަށާއި އެއީ ހުދޫދެއްގެ ތެރޭގައި އޮންނަކަމެއްކަމަށް ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް އޮންނަން ޖެހޭކަމަށް މިހާތަނަށް ވަކާލާތު ކުރަމުންދިޔަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އާސްކް ސްޕީކަރގެ ނަމުގައި އެމަނިކުފާނުގެ އިސްނެންގެވުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމުގެ 5 ވަނަ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދަކީ ވެރިކަން އައުމުގެ ކުރިން ރާއްޖޭގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ނެތްކަމަށްބުނެ މުޒާހަރާކޮށް އަޑު އުފުލައި ހެއްދެވި ބޭފުޅެކެވެ. އަދި ނަޝީދަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ތައްމިނަށް ހުޅުވާލެވިފައިވާންޖެހޭކަމަށް ވިދާޅުވެފައެވެ.
އާސްކް ސްޕީކަރގެ 5 ވަނަ ޕްރޮގްރާމުގައި ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާކަމަށް ބުނެ އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތްކުރައްވާކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި، އަދި އެކަމަށް މަސައްކަތްކުރާތަނެއްވެސް ފެނިވަޑައިނުގަންވާކަމަށެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހައްދެއްނެތް މިންވަރަށް އޮތްކަމެއްނޫންކަން ޤާނޫނު އަސާސީން ވަރަށް ސާފުކޮށް އެނގޭނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ޚިޔާލު ފާޅުކުރުމަކީވެސް ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަންޖެހޭކަމެއްކަމަށެވެ. އަދި ދޭދޭ ޤައުމުތަކާއި ރާއްޖެއާއި އޮންނަ ޚާރިޖީ ގުޅުމަށް ބުރުއަރާ ބާވަތްތަކުގެ ކަންކަމަކީ ޚިޔާލު ފާޅުކުރުމުގެ ނަމުގައި ކުރެވޭނެކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޚިޔާލުފާޅުކުރުމަކީ ތަންމިނަށް އޮތްކަމެއްނޫން. ހުދޫދެއްގެ ތެރޭގައި އޮންނަކަމެއް. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ޚިޔާލު ފާޅުކުރެވޭ. އެއްވެސް ބޭފުޅަކު އަޅުގަނޑުމެންގެ އަވައްޓެރި ޤައުމަކާ ގުޅިގެން އަދި އެހެން ޤައުމަކާވެސް ގުޅިގެން އެ ބާވަތުގެ ނޭދެވޭ ވާހަކަތައް ދައްކަމުން ދިއުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއްނޫން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ މަޖިލީހުންވަނީ ހެއްކާއިބެހޭ ބިލުން ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ވަނީ ބިލުފާކޮށްފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ހެއްކާއި ބެހޭ ބިލުގައި 136 ވަނަ މާއްދާގައި ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ މާއްދާގެ (ހ) ގައިވާ ބަޔާންކުރަނީ، ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިންމީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކުކަން ހާމަނުކުރާނެކަމަށް އެނޫސްވެރިޔާއަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެކަމަށެވެ.
އަދި މި މާއްދާގެ (ށ)ގައި ބަޔާންކުރަނީ މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް ޢާންމު މަސްލަހަތު އަންނަނިވި ކަންކަމަށް ވުރެން ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވޭނެކަމަށެވެ.
އެމް.ޑީ.ޕީ ދޫކޮށް އަމިއްލަގޮތުން ރިޔާސީ އިންތިޚާބަށް ނުކުމެދާނެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އެމް.ޑީ.ޕީގެ މެންބަރެއްކަމަށާއި، އެނޫން ޕާޓީއަކުން ދުވަހަކުވެސް ނުފެންނާނެކަމަށެވެ.
އެމްޑީޕީ ނޫން ތަނަކުން އަޅުގަނޑު ދުވަހަކުވެސް ދުވަހަކުވެސް ދުވަހަކުވެސް ނުފެންނާނެ. އަޅުގަނޑަކީ އެމްޑީޕީގެ މެންބަރެއް. އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑު މަރުވެދާނީވެސް އެގޮތުގައިކަމަށް. އެނޫންގޮތަކަށް އެކަމެއް ނުފެންނާނެ. މި ޕާޓީއަކީ ދުރުވިސްނޭ ޕާޓީއެއް، ފުޅާ ވިސްނުން ހޯދާނެ ޕާޓީއެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި، އިޖްތިމާޢީ ދާއިރާއިންނާއި މަޖިލީހުގެ އެކި މަސައްކަތްތަކާއި ގުޅޭގޮތުން އާއްމުންގެ ފަރާތުން އެމަނިކުފާނަށް ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މިދިޔަ 2 ދައުރުގައި ކުރެވުނު މަސައްކަތްތަކަކީ އޭގެ ކުރީގެ ދައުރުތަކަށްވުރެ ތަފާތު، މުހިއްމު ގިނަ ކަންތައްތަކެއް ކުރެވުނު 2 ދައުރުކަމަށެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ވަޒީރުންނާއި ގިނަ އަދަދަކަށް ސުވާލުކުރެވި، މުހިއްމު ބިލްތަކަކެއްގެ މަސައްކަތް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ މަސައްކަތް ނިމުނުއިރު، އެމަނިކުފާނަށް އެންމެ ބޮޑަށް ފާހަގަކުރެވުނު މަސައްކަތަކީ ހެއްކާބެހޭ ޤާނޫނުގެ މަސައްކަތްކަމަށެވެ. މިއީ ޤާނޫނީ ދާއިރާގެ ބޭފުޅުންގެ އިތުރުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މިފަދަ ޤާނޫނެއް ލިބުމުގެ ސަބަބުން ދެން ލިބޭނެ އިންސާފާއި، ލިބޭނެ ހިތްހަމަޖެހުން ޤަބޫލުކުރާނެ މަސައްކަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
One Response
ބަލަ ކަލެއެއްނޫންތަ އެއީ ތަންމިނައް އޮންނަންޖެހޭ ކަމެއްކަމައް ދައުވާ ކޮއްމުޅި ގައުމު ސުންނާފަތިކުރީ، މިހާރު ކަލެޔާ ޖެހުނީމަ ރާގު ބަދަލުވީ، ކޮބާކަލޭ ބުނި ދުލާ ގަލަމުގެ މިނިވަންކަން