ޔޯގާ ހުއްޓުވާކަށް ފުލުހުންނަށް ސިޓީއެއް ނުފޮނުވަން: މިިނިސްޓްރީ

ޔޯގާ ހުއްޓުވާކަށް ފުލުހުންނަށް ސިޓީއެއް ނުފޮނުވަން: މިިނިސްޓްރީ

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2022 12:06
0

ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއަކީ އެ ހަރަކާތާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ހުއްޓުވައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

އިސްލާމިކް މިނިސްޓްރީޏް ނެރުނު ބަޔާނުގައި ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ މެޑިޓޭޝަން ނުވަތަ ކަސްރަތެއްގެ ގޮތުގައި އަދި ރާއްޖޭގައި ވެސް ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާ އެއީ ހިންދޫގެ އަޅުކަމާއި ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށް ސިޓީގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެސިޓީގައި ހިމެނިފައިވާ ފަތުވާ ނެރަފައިވަނީ އެ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރަމަށް ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ޚިލާފުގޮތަށްކަމަށް ބަޔާނުގައިވެއެވެ. މީގެއިތުރުން ޔޯގާގެ ޝަރުޢީ ޙުކުމާއިމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށްފަހު އާއްމުކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ހަރަކާތަށް ބަޔަކު ވަނީ ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ. އަދި އެ ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުޤީޤްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.