މިސްކިތެއްގައި ބިދޭސިންތަކެއް ދިރިއުޅެމުންދަނީ ކަމަށް ބުނެ ވީޑިއޯ އާއްމުކުރި އިމާރާތަކީ ގަބުރުމަތީގައި އަޅާފައި ހުރި މިސްކިތެއްކަން އެނގިގެން ނަމާދުކުރުން ހުއްޓާލައި، މިސްކިތްތަކުގެ ދަފްތަރުން ވެސް 2017 ގައި އުވާލާފައިވާ ތަނެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ޓުވީޓް ކުރެއްވި ވީޑިއޯއަކުން ފެންނަނީ މިސްކިތުގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަޑި އަޅައިގެން ތިބި ތަނެވެ. މިސްކިތުގެ ފެންޑާ ތެރެ އާއި ގޯތި ތެރޭގައި ރޯނު ދަމައިގެން އަންނައުނު ހިއްކަން އަޅާފައި ހުރިއިރު، ތުވާލި އަނދެގެން ބައެއް ބިދޭސީން އުޅޭ މަންޒަރު ވެސް ފެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިމިސްކިތް ބަންދުކޮށްފައިވަނީ ދަރަނބޫދޫގައި އަލަށް އިމާރާތްކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމުން ކަމަށެވެ.
ފ. ދަރަނބޫދޫގައި ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކުރި މިއިމާރާތުގައި ބިދޭސީ މަސައްކަތު މީހުން އުޅޭ ވީޑިއޯއެއް ސޯޝަލް މިޑިއާގައި އާއްމުވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ މިސްކިތް ބަންދުކުރެވުނު ހިސާބުން ފެށިގެން އެއިމާރާތް ކައުންސިލާ ހަވާލުކުރެވުނު ކަމަށެވެ. އަދި މިސްކިތް ބަންދުކުރިފަހުން އެތަނުގައި ޤުރުއާން ކްލާސް ހިންގިކަން މިނިސްޓްރީއަށް އެނގިފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެތަނުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ދިިރިއުޅެމުންދާފަދަ މަންޒަރުތައް ފެނެއެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން މިސްކިތްތެރޭގައި އޮށޯވެ ތިބޭ މަންޒަރާއި، މިއިމާރާތުގެ ގޯތިތެރެއާއި ވަޅުމަތީގައި އަންނައުނު ހިއްކަން އަޅާފައި ހުރި މަންޒަރުވެސް މިވީޑިއޯއިން ފެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއިމާރާތުގައި ދިރިއުޅެމުންދަނީ އެރަށުގައި ހިންގާ ނަރުދަމާގެ މަޝްރޫއަށް ގެނެސްފައިވާ އިންޑިއާ މީހުންނެވެ.