މަޝްހޫރު ފިލްމީ ތަރި ޖޮނީ ޑެޕް އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑާއި ދެކޮޅަށް ކުރި ދައުވާ ޖޮނީ ކާމިޔާބު ކޮށްފިއެވެ.
އެމްބާ ހާޑް މީގެ ތިން އަހަރު ކުރިން ޖޮނީ ގާތުން ވަރިވީ ޑެޕް ގެވެށި އަނިޔާކުރާކަމަށް ބުނެއެވެ. ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ޖޮނީ ގެވެށި އަނިޔާކުރިކަމަށް ބުނެ 2018 ވަނަ އަހަރު "ވޮޝިންޓަން ޕޯސްޓް" އަށް އެމްބާ ހާޑް ވަނީ ބޮޑު އިންޓަރިވިއުއެއް ދީފައެވެ. މި އިންޓަރވިއުގެ ސަބަބުން ޖޮނީގެ އަބަރު ގެއްލި ކުޅެން ތައްޔާރުވަމުން ދިޔަ އެތައް ފިލްމެއް ގެއްލިފައިވާކަމަށް ބުނެ އަބުރުގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށް ޖޮނީ ވާޖިނިއާގެ ކޯޓަކަށް މައްސަލަ ހުށައެޅިއެވެ.
ޑެޕް، އެމްބާގެ މައްޗަށް އަބުރާއި ބެހުމުގެ ދައުވާ އުފުލުމުން އެމްބާ ވެސް ވަނީ ޑެޕް އާއި ދެކޮޅަށް އަބުރާއި ބެހުމުގެ ދައުވާއެއް އުފުލާފައެވެ. އެމްބާ އެދުނީ ޑެޕްގެ އަތުން 100 މިލިއަން ޑޮލަރުގެ ބަދަލެއް ނަގައި ދިނުމަށެވެ. އެމައްސަލައިގައި ކޯޓުން ނިންމީ ޑެޕް ވެސް އެމްބާގެ އަބުރާއި ބެހުނުކަން ސާބިތުވާކަމަށާއި އެހެންކަމުން ދެމިލިއަން ޑޮލަރު ޑެޕް، އެމްބާއަށް ދައްކަން ޖެހޭނެ ކަމަށެވެ.
މިދިޔަ މަހު ފެށި ޝަރީއަތް އެތައް ދުވަހަކަށް ކުރިޔަށް ދިޔުމަށްފަހު މައްސަލަ ނިމުނީ ޑެޕަށް ކާމިޔާބު ލިބިގެންނެވެ. މައްސަލަ ނިންމާ އިއްވިި ހުކުމްގައި ބުނެފައިވަނީ އެމްބާ ހާޑް ޖޮނީގެ އަބުރު ގެއްލޭ ގޮތަށް ވާހަކަ ދައްކާފައިވާކަމަށެވެ. އެހެންކަމުން އަބުރުގެ ބަދަލެއްގެ ގޮތުގައި 15 މިލިއަން ދިނުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެމްބާގެ ހުށައެޅުންތަކަށް ބަލާ ޑެޕްގެ ވަކީލުން ދެއްކި ވާހަތަކުން އެމްބާގެވެސް އަބުރަށް ގެއްލުން ލިބިފައިވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި މިކަމުގެ ބަދަލެއްގެ ގޮތުގައި 2 މިލިއަން ރުފިޔާ އެމްބާ އަށް ޖޮނީ ޑެޕް ދައްކަން ޖެހެއެވެ.
މި މައްސަލާގައި ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ "ވޮޝިންޓަން ޕޯސްޓް" އެމްބާ ހާޑް ލިޔުނު ލިޔުމުގައި ޖޮނީގެ ނަން ޖަހާފައި ނެތްނަމަވެސް އެ ލިޔުން ނިސްބަތްކޮށްފައިވަނީ ޑެޕަށްކަން އެނގޭކަމަށެވެ. އެހެންނަމަވެސް އެމްބާ ހާޑަށް ޖޮނީ އަނިޔާކުރިކަން އެމްބާއަށް ސާބިތުކޮށްދެވިފައި ނުވާކަންވެސް ކޯޓުގެ ނިންމުމުގައިވެއެވެ.
"ޕައިރޭޓްސް އޮފް ދި ކެރީބިއަން" އަކީ ޖޮނީ އެންމެ މަޝްހޫރުވެގެން ދިޔަ އެއް ފިލްމެވެ. މި ސިރީޒްގެ އެންމެ ފަހު ފިލްމުން ޖޮނީ ވަކިކުރީ އެމްބާގެ މި ތުހުމަތުތަކާއި ގުޅިގެންނެވެ. އެމްބާގެ ތުހުމަތުތަކާއި ގުޅިގެން ގިނަ ފިލްމުތަކެއް ގެއްލުނުކަމަށް ޑެޕް ބުނެފައިވެއެވެ.
މި މައްސަލަ ނިމުމަކާއި ގާތަށް އައިއިރު ޑެޕް އިތުރު ފިލްމަކަށް ސޮއިކުރިކަމުގެ ހަބަރުތައް ވަނީ އިވެން ފަށާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޑެޕް ސޮއިކުރީ ޓިމް ބާޓަންގެ ފެންޓަސީ ޑްރާމާ "ބީޓްލްޖޫސް" ގެ ދެވަނަބައިގެ ރޯލަކަށެވެ. މި ވާހަކަތަކަށް ޑެޕްވެސް "ބީޓްލްޖޫސް" ގެ ޕްރޮޑަކްޝަން ޓީމުންވެސް އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.
ކޮމެންޓު ފޮނުވާ