ހައްޖަށްދާން ހުށަހަޅާ، އައިޑީ ކޮޕީ ބޭނުންކޮށް އަދާލަތަށް މީހުންވައްދާ ކަމުގެ ތުހުމަތު!

ހައްޖަށްދާން ހުށަހަޅާ، އައިޑީ ކޮޕީ ބޭނުންކޮށް އަދާލަތަށް މީހުންވައްދާ ކަމުގެ ތުހުމަތު!

Author
މުޙައްމަދު ޝަޒައިމް
31 މެއި 2022 10:18
0

ހައްޖުގެ މަތިވެރި އަޅުކަން އަދަކުރުމަށް ހުށަހަޅާ އައިޑީ ކާޑުގެ ކޮޕީ ބޭނުންކޮށްގެން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް މެމްބަރުން ވައްދާކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ކުރައްވައިފިއެވެ.

މެމްބަރު މޯޑު މިފަދަ ތުހުމަތެއް ކުރެއްވީ މެމްބަރުންނަށް ނޭގި އެއްޕާޓީން އަނެއްޕާޓީއަށް ބަދަލު ކުރާ ކަމުގެ ތުހުމަތުތަކާއި، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރަކު އެމްއެންޕީގެ ރަޖިސްޓްރީގައި އޮތުމުން އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މެމްބަރު މޯޑު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ މިންވަރަށް ޕާޓީތަކުގައި މެމްބަރުން ހަމަ ކުރުމަށްޓަކައި އެކިއެކި އުކުޅުތައް ބޭނުން ކުރަމުންދާކަމަށެވެ. އެގޮތުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދަލަތު ޕާޓީން އެޕާޓީއަށް ދިހަ ހާސް މެމްބަރުން ހަމަކުރުމަށްޓަކައި ހައްޖަށް ދިއުމަށްޓަކައި، ހައްޖު ކޯޕަރޭޝަނަށް ހުށަހަޅާ މީހުންގެ އައިޑީކާޑުގެ ކޮޕީ ބޭނުން ކުރަމުންދާކަމަށެވެ. އަދި މިއީ އެޕަޓީން ކުރަމުންދާ ވަރަށް ދެރަ ކަމެއްކަމަށް މޯޑު ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން ރަޖިސްޓްރީ ކުރީމާ، ލިބޭ އައިޑީ ކޮޕީ ބޭނުންކޮށްގެން އަދާލަތު ޕާޓީއަށް މީހުން ވެއްދުމަކީ ދެރަ ކަމެއް. 10 ހާސް ހަމަ ކުރަންވެސް މިފަދަ ހުތުރު ކަންކަން ނުކުރުމަށް ގޮވާލަން. މެމްބަރު މޯޑު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. މިޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މިހާރު ފައިސާ ދޫކޮށްފައެވެ. އަދާލަތު ޕާޓީގެ 10،554 މެމްބަރުންނަށް ދައުލަތުން ވަނީ 2،900،903.79 ރުފިޔާ ދޫކޮށްފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއަކީ އެމްއެންޕީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.