މާލޭގެ ރައްޔިތުންގެ އިޚުސާސްތައް އެނގޭ، ބޯހިޔާ ވަހިކަމަށް ހައްލު އަންނާނެ: އަސްލަމް

މާލޭގެ ރައްޔިތުންގެ އިޚުސާސްތައް އެނގޭ، ބޯހިޔާ ވަހިކަމަށް ހައްލު އަންނާނެ: އަސްލަމް

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގައި ލަސްތަކެއް ވަމުންދާތީ އެކަމުގައި މާލޭގެ ރައްޔިތުންގެ އިހުސާސްތައް ހުރިގޮތް ރަނގަޅަށް ސާފުވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ މިވީ ދުވަސްތަކުގައި އެއްވެސް މަސައްކަތެއް ވެފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަސް ޖަވާބު ދެއްވަމުންނެވެ.

އާޒިމް ވިދާޅުވީ ސަރުކާރުގައި ބާކީ އޮތީ އަހަރެއްހަ ދުވަސް ކަމަށާއި، މިއޮތް ދުވަސް ތަކުގައި މާލޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދިދާނެ ކަމާއިމެދު އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ. ޚާއްސަކޮށް، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދިދާނެތޯ އާޒިމް ވަނީ މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.

އާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާ ވެހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ވެފައިވަ ވައުދާއި އެއްގޮތަށް އަންނަ މަހު 1000 ފްލެޓަށް އިއުލާން ކުރެވިގެންދާނެކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދާއި އެއްގޮތަށް މާލޭގެ ރައްޔިތުންގެ ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ވެގެންދާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި އެއްގޮތަށް ހުޅުމާލެއިން ޚާއްސަކުރާ 1000 ގޯތި ދޭނެ ސަރަހައްދު އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައެވެ. އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށްވެސް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި ދަތި ޙާލުގައި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެންޖެހުމެވެ. މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރެއިން 2159 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އަދި 2023 ވަނަ އަހަރު 2429 ޔުނިޓު ނިމޭނެކަމަށާއި 2024 ގެ ނިޔަލަށް 3361 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *