މާލެއިން ކަރަންޓް ދިއުމަށް ދިމާވި މައްސަލަ މުޅިން ހައްލުކުރުމަށް ދެ ދުވަސްވަރު ނަގާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މާލެއިން ގިނަ ގަޑިއިރުތަކެއްވަންދެން ކަރަންޓު ކެނޑުމުގެ ސަބަބުން ޢާއްމުންގެ ގިނަ ޝަކުވާތަކެއް ހުރުމާއެކު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިމައްސަލައާއި ގުޅޭގޮތުން ޢާއްމުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މާލެއިން ކަރަންޓު ކެނޑިފައިވަނީ ސްޓެލްކޯގެ ކެޕޭސިޓީ ނެތިގެން ނޫންކަމަށެވެ. ކަރަންޓު ކެނޑިފައިވަނީ ދިމާވި އާތް ފޯލްޓެއްގެ ސަބަބުންކަން ފާހަގަކުރައްވާ ޝަރީފްވަނީ ކަރަންޓު އެންމެ ފުރަތަމަ ކެނޑުނުގޮތާއި އޭގެފަހުން މުޅި މާލެއިން ކަރަންޓު ދިޔަގޮތް ވަރަށް ތަފްސީލުކޮށް ކިޔާދެއްވާފައެވެ.
11 ކޭވީކޭބަލް އަކަށް ދިމާވި މައްސަލައަކުން ފުރަތަމަ ކަރަންޓު ކެނޑުނީ. އެއީ އަމީނީ މަގުން ގައުކޮށި ކައިރީ ހުންނަ 102 ނަމްބަރު ސަބްސްޓޭޝަންއަށް ދާ ކޭބަލްގަ މައްސަލަ ޖެހުނީ. މީގެއިން ކޮންމެވެސް އެއް ކޭބަލަކުން މަސައްކަތް ކުރުމުގެ ތެރޭގައި ލިބިފައި ހުރި ގެއްލުމެއްގެ ސަބަބުން ދުވަސްތަކަކަށްފަހުގައި ބިމަށް އާތުފޯލްޓެއްގެ ގޮތުގައި އެ އައިސްފައި މިއިންނަނީ. އެ އާތު ފޯލްޓުގެ ސަބަބުން އަސްލުގައި ކަރަންޓް އެ ދިޔައީ.
– ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިއީ މިސަބްސްޓޭޝަން ކޭބަލްއަށް ގެއްލުމެއް ލިބި އެކަން ޙައްލުނުކުރެވި ހުއްޓާ ވާރޭވެހި މައްސަލަ ބޮޑުވީކަމަށް ބެލެވޭކަމަށެވެ. އެގޮތުން ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުން މަގުތައް ކޮނުމުގައި ކޭބަލްތަކަށް ގެއްލުންވީނަމަވެސް އެކަން ސްޓެލްކޯއަށް ނާންގާކަމުގެ ކަންބޮޑުވުން ޝަރީފްވަނީ ފާޅުކުރެއްވިއެވެ. އޭގެ ސަބަބުން ނުރައްކާތެރި ޙާލަތްތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.
ޝަރީފް ވިދާޅުވީ މުޅި މާލެއިން ކަރަންޓު ކެނޑިފައިވަނީ މައްސަލަ ދިމާވީ ސީދާ ކޮން ފީޑަރަކުންކަން ނޭނގި މައްސަލަ ޙައްލުކުރުމަށް ކަރަންޓު ދިނުމުގެ ސަބަބުންކަމަށެވެ. އަދި ކަރަންޓު ފޯރުކޮށްދިނުން ލަސްވީ މިގޮތަށް ދެވަނަ ފަހަރަށް ޢަމަލުކޮށްފިނަމަ އިޔާދަ ނުކުރެވޭނެފަދަ ގެއްލުމެއް ފީޑަރުތަކަށް ކުރިމަތިވެދާނެކަމުގެ ބިރު އޮތުމުންކަމަށެވެ. އެހެންކަމުން ކަރަންޓު ދެމުންދިޔައީ ވަކިވަކި ފީޑަރުތައް ސިސްޓަމްތަކުން ޗެކްކުރުމަށްފަހުކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު ކަރަންޓު ދީފައިވަނީ ވަގުތީ ޙައްލެއްގެ ދަށުންނެވެ. ދާއިމީ ހައްލެއް ގެނައުމަށްޓަކައި މައްސަލަ ދިމާވި ފީޑަރުގެ މައްސަލަ ޙައްލުކުރުމަށް މިހާރު ކޭބަލް ވަޅުލުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ދެދުވަހު ކަރަންޓު ކަނޑާލަންޖެހުމުގެ ފުރުސަތު އޮތްކަން އޭނަވަނީ ފާހަގަކުރައްވާފައެވެ.