ރާއްޖޭގެ އިޤްތިޞާދު ބަނގުތޫޓް ނުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި، އިޤްތިޞާދު އޮތީ ވަރުގަދަކޮށްކަމަށް މިނިސްޓަރ އޮފް ފިނޭނެސް އިބްރާޙިމް އަމީރް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ދަރަނި ނުދެއްކޭނެ ފަދަ ހާލަތަކަށް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހިނގައިދާނެކަމަށް ބުނެ ބައެއް ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯގަން ޗޭސް އިން ދިން އިންޒާރާއި ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި އަމީރު ވިދާޅުވީ، ޖޭޕީ މޯގަންއިން ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ނެރުނުކަމަށް ބުނާ ރިޕޯޓަކީ ރަސްމީ ސިފައެއްގައި ދިރާސާކޮށްގެން ނެރެފައިވާ ރިޕޯޓެއް ނޫންކަމަށެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ކަން ހިނގަމުންދާ ގޮތް ތަފާތުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދު އާރާސްތުވަމުން އަންނަ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ ދަރަނިވެރި ވެދާނެފަދަ އެއްވެސް ހާލަތެއް މިވަގުތު ނެތްކަމަށާ އެއަށްވުރެ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުކަމަށެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ދަރަނި ނުދެއްކޭފަދަ ހާލަތަކަށް ދިއުމުގެ ބިރު ކޯވިޑް ތެރޭގައި ކުރިމަތިވިނަމަވެސް، އެފަހަރުވެސް ދައްކަންޖެހުނު ހުރިހާ ދަރަންޏެއް ސަރުކާރުން ދައްކާފައިވާކަމަށެވެ.
ކޮވިޑް ޙާލަތާއެކު ރާއްޖޭގެ އިޤްތިޞާދަށް އެރި ލޮޅުމުގައި ދަރަނީގެ އެންމެ ބޮޑު "ރިސްކް"އެއް އޮތީ މިދިޔަ އަހަރު. އެއީ މިއަހަރުގެ ޖޫންއަށް ދައްކަން ޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުމަށް. ނަމަވެސް 2021ގެ ސްކޫކް ލައިބިލިޓީ މެނޭޖްމަންޓާއެކު، މީގެތެރެއިން 192 މިލިއަން ރުފިޔާ މިހާރު ވަނީ ދައްކާފައި. އަދި އިންޓްރެސްޓަރއެކު ބާކީ ދައްކަންޖެހޭ 62 މިލިއަން ރުފިޔާގެ ފަންޑުވެސް މިހާރު އެބަހުރި. އެ ފައިސާވެސް ޖޫންމަހުގެ ފުރަތަމަ ހަފްތާގައި ދައްކާނެ
– އިބްރާހީމް އަމީރު
އަމީރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި 800 މިލިއަން ޑޮލަރު އެބަހުރިކަމަށެވެ. އަދި މިހާރު ނަގާފައިވާ ދަރަންޏަށް ބަލާއިރު ދެން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރުކަމަށާއި، ނަމަވެސް އެ ފައިސާ ނުދެއްކިދާނެކަމުގެ އެއްވެސް ބިރެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިއްމު ސިނާއަތްކަމަށްވާ ފަތުރުވެރިކަންވެސް ކޯވިޑްގެ ކުރިން އޮތް ހިސާބަށް ގެންދެވިފައިވާކަމަށެވެ. މިއާއެކު މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަމީރް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިވަގުތުވެސް ހުރީ 12 އިންސައްތަ އާއި 18 އިންސައްތައާ ދެމެދުގައިކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ދުވެލި 13 އިންސައްތައާއި 19 އިންސައްތައާ ދެމެދުގެ އަދަދަކުން މައްޗަށް ޖެހޭނެކަމަށް އެމްއެމްއޭއިންވެސް ލަފާކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަމީރް ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވުމުން އިޤްތިޞާދު ކުރިއަރުވަމުން ހުރަސްތަކެއް ހުރިނަމަވެސް ރާއްޖެއަކީ އިޤްތިޞާދީ ކާރިސާއަކުން އެންމެ ރަނގަޅަށް އަރައިގަނެވޭނެ ޤައުމެއްކަން ސާބިތުކޮށްދީފައިވާކަމަށެވެ. އަމީރު ވިދާޅުވީ މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު "ރިސްކް"އަކީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަކަމަށެވެ. ނަމަވެސް މިކަމުގެ އަސަރު އާއްމު ރައްޔިތުންނާއި ހަމައަށް ފޯރިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާކަމަށް އަމީރް ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ރަޝިޔާ ހަނގުރާމައިގެ ސަބަބުން ތެލުގެ ސްޓޮކާއި އަގަށް ކުރިމަތިވެދާނެ ލޮޅުމަކަށް ތައްޔާރުވުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މި މައްސަލައާއި މެދު ރައީސުލްޖުމްހޫރިއްޔާއާއި ހަމައިންވެސް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ތެލުގެ އަގުބޮޑުވިނަމަވެސް ރާއްޖޭގެ ތަރައްޤީއަށް ހިންގާ އެއްވެސް މަޝްރޫޢުއެއް ހުއްޓާލަންޖެހޭ ޖެހޭ ޙާލަތަށް ނުދާނެކަމަށެވެ. އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތާއި ފެނާ ނަރުދަމާފަދަ ބޮޑެތި މަޝްރޫޢުތަކަކީ ރާއްޖެއިން ބޭރުން ފައިސާ ޔަގީންވެފައިވާ މަޝްރޫޢުތައްކަން ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި އެނެލިސިސްއެއް ޖޭޕީމޯގަން އިން އިއްޔެ ވަނީ އާންމުކޮށްފައެވެ. އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ޖޭޕީމޯގަންގެ އެނެލިސްގައިވާ ގޮތުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތަކެއް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް %10 ގައުމަށް ދަރަނީގެ މައްސަލަތައް މި އަހަރުގެ ތެރޭގައި ކުރިމަތިވާނެއެވެ.
މި ރިޕޯޓުގައި އަލިއަޅުވާލާފައިވާ 52 ޤައުމަށްވެސް ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު އޭގެތެރެއިން 8 ޤައުމެއްގެ ރިޒާވް އަންނަ އަހަރުގެ ނިޔަލަށް ހުސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުކަމަށް އެ ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ޤައުމުތަކުގެ ލިސްޓުގައި 1 ވަނައަށް އަވަށްޓްރި ސްރީ ލަންކާ އޮތް އިރު ދެވަނަ އަށް އޮތީ ދިވެހިރާއްޖެއެވެ. ސްރީލަންކާ މިހާރުވަނީ ބޭރު ޤައުމުތަކަށް ދަރާފައިވާ ދަރަނި ނުދެއްކި ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އިއުލާންކޮށްފައެވެ. ދެން އެ ލިސްޓުގައި ހުރި ޤައުމުތަކަކީ، ބަހާމާސް، ބެލީޒް، ސެނެގާލް، ރުވާންޑާ، ގްރެނޭޑާ އަދި އިތިއޯޕިއާއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 91.4 ބިލިއަނަށް އަރާފައެވެ. އޭގެ ތެރެއިން 50 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި 41 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. މީގެ ތެރޭގައި އަދި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި ނުހިމެނެއެވެ.
ކޮމެންޓު ފޮނުވާ