ދެ ވަޒީރާކާއި ގަވަރުނަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަނީ

ދެ ވަޒީރާކާއި ގަވަރުނަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަނީ

Author
ހުސެއިން
23 މެއި 2022 10:08
0

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތު ރާއްޖެއަށް ކުރިމަތިވެގެން ދިޔަ ނުދިނުމަށްޓަކާ އަޅުއްވަންޖެހޭ ފިޔަވަޅުތަކާއި އަދި އެހާލަތު ރާއްޖެއަށް ކުރިމަތިވެގެން ނުދާނޭކަމުގެ ޔަގީންކަން ސަރުކާރުގައި އޮތީ ކޮން މިންވަރަކަށްތޯ ދެނެގަތުމަށްޓަކާ، ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމަށް އެކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.

އެމްއެންޕީގެ ނާއިބު ރައީސް، އަދި ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަބުދުﷲ ރިޔާޒު ހުށަހަޅުއްވާ، އެމްޑީޕީގެ މެމްބަރުންގެވެސް ތާއީދާއެކީ މިއަދު މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ސްރީ ލަންކާއަށް އައިސްފައިވާ އިގްތިސާދީ ކާރިސާފަދަ ކާރިސާއަކާއި އިގްތިސާދީގޮތުން ރާއްޖެ ކުރިމަތިލާން ނުޖެހޭނޭ ކަމުގެ ޔަގީންކަން ސަރުކާރަށް އޮތް މިންވަރު ދެނެގަތުމާއި އަދި އޭގެއިތުރުން ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

މި ތިންބޭފުޅުން ކޮމިޓީއަށް ހާޒިރު ކުުރުމަށް ކޮމިޓީން މިއަދު ނިންމާފައި ވިނަމަވެސް، ހާޒިރު ކުރާނެ ތާޜީޚެއް ކޮމިޓީން ނިންމާފައެއް ނުވެއެވެ.

ސްރީ ލަންކާއަށް މިހާރު ކުރިމަތި ވެފައިވާ އިގްތިސާދީ ކާރިސާއަކީ 1948ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނު ފަހުން އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އެންމެ ބޮޑު ކާރިސާއެވެ. އަދި މީގެ އިތުރުން ސްރީ ލަންކާ ހިމެނިގެން ގޮސްފައިވަނީ، ފާއިތުވި 23 އަހަރުތެރޭ، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން، ބޭރުގެ ދަރަނި ނުދެެއްކި، ސޯވެރިންގ ޑީފޯލްޓަކަށް ދިޔަ ފުރަތަމަ ގައުމު ކަމުގައެވެ،

ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައި އިގްތިސާދީ ކާރިސާއަކީ އެގައުމުގެ ދަރަނި ބޮޑުވެ، 2019ވަނަ އަހަރުގެ އީސްޓަރ ބޮމުގެ ހާދިސާއާއި، ފަހުން އައި ކޯވިޑް ކާރިސާގެ ނަތީޖާއެއްގެ ގޮތުން އެގައުމުގެ ފަތުރުވެރިކަން ފުނޑި، ގައުމަށް ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއެކެވެ. އަދި އެގައުމުގެ މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސް ވެރިކަމާއި ހަވާލުވުމަށްފަހު، ދައުލަތަށް ނަގަމުންއައި ޓެކްސް ދަށްކުރުމުގެ ސަބަބަން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް ދަށަށް ދިއުމުގެ އިތުރުން، ގޮޓަބަޔަ ވެރިކަމަށް ވަޑައިގެން، އެގައުމަށް ކެމިކަލް ގަސްކާނާ އެތެރެކުރުން ހުއްޓާލުމުގެ ސަބަބުން ގައުމުގެ ދަނޑިވެރިކަމުގެ ސިނާއަތު ވަނީ އިނދަޖެހިގެން ގޮސްފައެވެ.

ސްރީ ލާންކާއެކޭ އެއްފަދައި ރާއްޖެއަކީ ދައުލަތުގެ ދަރަނި އިންތިޖާއަށް މަތި ގައުމެކެވެ. 2022 ވަނަ އަހަރަށް ލާފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލިހަށް ހުށަހަޅުވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، 2021 ވަނައަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި 94 ބިލިއަށް އަރާނެ ކަމުގައެވެ. މިއީ ޖީޑީގެ ނިސްބަތުން %122 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.