ބައެއް ސިޔާސީ ފަރާތްތަކުން ރައީސް މައުމޫންގެ ނަންފުޅު ބޭނުންކޮށް ދޮގު ވާހަކަ ފަތުރާ ކަމުގެ ކަންބޮޑުވުން

ބައެއް ސިޔާސީ ފަރާތްތަކުން ރައީސް މައުމޫންގެ ނަންފުޅު ބޭނުންކޮށް ދޮގު ވާހަކަ ފަތުރާ ކަމުގެ ކަންބޮޑުވުން

ބައެއް ސިޔާސީ ބޭފުޅުން، އާންމުންނާއި ބައްދަލުކުރާއިރު ރައީސް މަައުމޫން މިހާރު ތާއީދު ކުރައްވަނީ އެ ބޭފުޅުންގެ ސިޔާސީ ވިސްނުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ސިޔާސީ ބައެއް ފަރާތްތަކުގެ ކިބައި މިފަދަ ކަންކަން ފެންނާތީ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުނޫމްގެ ފަރާތްޕުޅުން ރޭ ވަނީ ނޫސްބަޔާނެއް ނެރުންވާފައެވެ.

މި ބަޔާނުގައި ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން، އާންމުންނާއި ބައްދަލުކުރާއިރު އަދި ހާއްސަކޮށް ރައީސް މައުމޫނަށް ތާއީދު ކުރާ ރައްޔިތުންނާއި ބައްދަލުކޮށް މައުމޫން މިހާރު ތާއީދު ކުރައްވަނީ އެ ބޭފުޅުންގެ ސިޔާސީ ވިސްނުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އެކި ފަރާތްތަކުން ހިއްސާ ކުރަމުންދާ ކަމަށެވެ.

އެއީ ސިޔާސީ ގޮތުން ކިތަންމެ ގާތް ބޭފުޅެއް ނަމަވެސް އަދި ކުރީން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ނަމަވެސް އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް ކަމަށް މި ބަޔާނުގައި ރައީސް މައުމޫން ވަނީ ވިދާޅުވެފަވެ.

"މިހާރު އަޅުގަނޑަކީ ހަމައެކަނި އެމްއާރްއެމްގެ މެންބަރެކެވެ. އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫނެވެ. އެހެން ޕާޓީއަކަށް ތާއީދުކުރާ މީހަކީމެއްވެސް ނޫނެވެ."

– ރައީސް މައުމޫން

ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ އެމަނިކުފާނު އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓަކީ ދިވެހިން އެދޭ އިސްލާހީ ބަދަލުތަކެއް ހާސިލުކުރުމަށް އުފެދިފައިވާ އުންމީދީ ޕާޓީއެއެއް ކަމަށާއި އެމްއާރްއެމްގެ އަސާސްތަކަކީ ދިވެހިންގެ ތެރޭގައި އިހު އޮތް ދާހީލީ ހަމަޖެހުމާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި އީޖާދީ ހިޔާލުތަކާއެކު ފުދުންތެރި އަމާން މާދަމައެއް ބިނާ ކުރުމަށް ކުރެހެމުންދާ މަގެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ އަޅުގަނޑަށާއި މި ޕާޓީގެ އަސާސްތަކާއި ދުރުވިސްނުމަށް ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު ސިޔާސީ ވާދަވެރިންގެ މަކަރުވެރި ވާހަކަތަކުގައި ޖެހިވަޑައިނުގެން އެމްއާރްއެމްއަށް ތާއީދު ކޮށްދެއްވައި މި ޕާޓީއާއެކު ތިއްބެވުމަށެވެ،" ރައީސް މައުމޫންގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *