ސަރުކާރުން ބޭނުންވާ ވަކި މީޑިއާތަކަށް ފައިސާދީގެން ޚަބަރު ފެތުރުމަކީ މީޑިއާ އަޅުވެތިކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ މިދިޔަ އަހަރަށް ވުރެ 15 ދަރަޖަ ފަހަތަށް ވެއްޓުމުން، އެކަމާއި ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.
މިފާޑުކިޔުންތަކުގައި އެންމެ ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންދަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ އިސްބޭފުޅުންކަންވެސް ފާހަގަކޮށްލެވެއެވެ.
މެމްބަރު އުޝާމް ވިދާޅުވީ މީޑިއާގެ މިނިވަންކަން ރާއްޖޭގައި އޮތް މިންވަރު ޕްރެސް ފްރީޑަމް ރިޕޯޓުން ހާމަވާކަމަށެވެ. މިގޮތަށް މިކަންވެފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ޚަބަރު ގެނެސް ދިނުމަށް ބޭނުންވާ ވަކި މީޑިއާތަކަކަށް ޤާނޫނާއި، ގަވާއިދާއި ޚިލާފަށް ފައިސާދީގެން ޚަބަރު ފެތުރުމަށް މަސައްކަތް ކުރުމުންކަމަށް އުޝާމް ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް ހަބަރުތައް ގެނެސްދިނުމަށް ޝަރުތުކޮށް ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ސަރުކާރުން ބޭނުންވާ ނޫސްތަކަށް ފައިސާ ބެހުމަކީ ނޫސްވެރިކަމަށް މިނިވަންކަން ދިނުމެއް ނޫން. އެއީ ނޫސްވެރިކަން އަޅުވެތިކުރުން. ޕްރެސް ފްރީޑަމް އިންޑެކްސް ބަލާލުމުން މިކަން ވަރަށް ސާފު.
– އުޝާމް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން އާންމުކުރި އިންޑެކްސްގައިވާ ގޮތުން، މި އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. މިދިޔަ އަހަރުގެ އެ އިންޑެކްސްގައި ރާއްޖެ އޮތީ 72 ވަނައިގައެވެ. އެހެންކަމުން އެއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.
މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި، އެ އިންޑެކްސްގައި ރާއްޖެ އެންމެ ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. އެ އިންޑެކްސްގައި 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނައިގަ އެވެ އަދި 2019 ވަނަ އަހަރު 98 ވަނައިގައި އޮތް އިރު، 2020 ވަނަ އަހަރު އޮތީ 79 ވަނައިގައެވެ.
އިންޑެކްސްގައި ލިޔެފައިވާ ގޮތުން، ރާއްޖެ ފަހަތަށް ވެއްޓުނީ ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުގައި ހުށަހަޅާފައި ވާތީއެވެ. އެއީ ނޫސްވެރިން ލިޔާ ޚަބަރުތައް ނުވަތަ ރިޕޯޓުތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހަޅާފައި ވާތީ ކަމަށް ބުންޏެވެ.
މިސާލެއްގެ ގޮތުން ނޫހެއްގައި މިދިޔަ އަހަރު ލިޔުނު ރިޕޯޓެއްގެ މަސްދަރު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން މަސައްކަތް ކުރިކަމެވެ. މީގެ އިތުރުން ހަރުކަށި ފިކުރާއި ގޭންގުތަކުގައި އުޅޭ ކުށްވެރިންގެ ފަރާތުން ނޫސްވެރިންނަށް ބިރު ދެއްކުމާއި ހަރުކަށި ފިކުރުގެ މީހުންގެ އަމާޒަކަށްވެ، "މިނިވަން" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި އޭނާގެ ގާތް އެކުވެރިޔާ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި ހާދިސާ ފާހަގަކޮށްފައިވެއެވެ.