ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ކޯލިޝަންއަކާއެކު، ރައީސް އިބުރާހިމް މުހައްމަދު ސާލިހު، 2018ވަނަ އަހަރު ރާއްޖޭގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތުމަށްފަހު، އަމިއްލަފުޅު ޕާޓީ އެމްޑީޕީވެސް ހިމެނޭގޮތުން، ހުރިހާ ޕާޓީއެއް އެއް އޮޑިއެއްގައި އަމާންކަމާއެކު ދަތުރު ކުރެއްވިފައިވަނީ އަހަރެއްހާ ދުވަހުގެ މުއްދަތަކަށް ކަމުގައި ދެންނެވިދާނެއެވެ.
އެހެންނަމަވެސް، ރައީސް ސާލިހުގެ ވެރިކަމުގެ "ހަނީމޫން" ނިމިގެން ދިއުމާއެކު، ކުރިން ގިނަ ބަޔަކަށް ހީކުރެވުނު ގޮތާއި ޚިލާފަށް، އެމަނިކްފާނުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާން ފެށީ، ކޯލިޝަން ޕާޓީތަކުގެ ފަރާތުންނެއް ނޫނެވެ. ފާއިތުވެދިޔަ ދައުރުތަކާއި ޚިލާފަށް، ރައީސް ސާލިހުގެ ސަރުކާރަށް ގޮންޖެހުންތަކާއި ކުރިމަތިވާން ފެށީ އަމިއްލަފުޅު ޕާޓީގެ ތެރެއިންނެވެ. އަދި އެއީވެސް، "އެންމެ ގާތް" އެކުރެވިޔާކަމަށް މީގެ ކުރިން ވިދާޅުވަމުން ވަޑައިގެންނެވި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނެވެ.
މިގޮތުން، ފާހަގަވާން އޮތް ކަމަކީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އަލުން ހިތްވަރެއް ލައްވާފަ ސަރުކާރަށް ފާޑުވިދާޅުވާން ފައްޓަވާފައިވާއިރު، މިއީ ނަޝީދު ރައީސް ސާލިހަށް ސީދާކޮށް ފާޑު ވިދާޅުވާން ފެއްޓެވި ފުރަތަމަ ފަހަރު ނޫންކަމެވެ.
ފާއިތުވެދިޔަ އަހަރުގެ މެދުތެރޭގައި، ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ގައުމަށް ބޭރަށް ވަޑައިގެން ހުންނަވާ، އޭރު ނަޝީދުވަނީ، ދެން ރައީސް ސާލިހާއެކީ ސިޔާސީ މަސައްކަތް އިތުރަށް ނުކުރައްވާނޭކަމަށް ވިދާޅުވެ، އާންމު ބައެއް ވަޓްސްއަޕް ގުރޫޕްތަކުގައި އެކަން އިއުލާން ކުރައްވާފައެވެ. އަދި އެއާއެކު، ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންވަނީ މަޖިލިސް ފްލޯގައި ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.
އެހެންނަމަވެސް، ނަޝީދުގެ ޖަޒްބާތުތަކަށް ރައީސް ސާލިހު ފާޅުގައި ޖަވާބު ދެއްވުމުން، ދޫދެއްވާ އަނެއްކާ އަލުން، ގޮތް ދޫކުރައްވާ ނަޝީދުވަނީ، ފަރުވާއިން މާލެ ވަޑައިގަތުމަށްފަހު ރައީސް ސާލިހުއާއި ބައްދަލު ކުރައްވާ، ޖަޒުބާތުތަކުން ދުރަށް ވަޑައިގެން، ރާގު މުޅިން ބަދަލު ކުރައްވާފައެވެ. އެއަށްފަހު ސަރުކާރާއި ރައީސް ސާލިހަށް ތާއީދުކުރައްވާ ނަޝީދު ވާހަކަވެސް ދައްކަވާފައި ވެއެވެ.
ދެވަނަފަހަރަށް، ސޯޝަލް މީޑިއާ ގުރޫޕްތަކުގައި ޖަޒުބާތު ބައްޑުން ކޮށްލުން!
ފާއިތިވެދިޔަ އަހަރުގެ މެދުތެރޭގައި ފާޅުގައި ރައީސް ސާލިހަށް ފާޑު ވިދާޅުވުމަށްފަހު، މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބާއި ހަމައަށް މިބީދައިން ނަޝީދުގެ ފާޑިކިއުންތައް ރައީސް ސާލިހަށް ހަމައަށް ސީދާ އަމާޒުކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް، މިހާރު ކުރިޔަށްދާ، އެމްޑީޕީގެ ވާދަވެރި، ޗެއަރޕާރސަން އިންތިޚާބުގެ ވާދަވެރިކަމުގައި، ނަޝީދު ގެންދަވަނީ، ރައީސް ސާލިހަށް އަމާޒުކޮށް ފާޑު ވިދާޅުވުންތަކާއި، ސިޔާސީގޮތުން އެކި ބާވަތުގެ އިންޒާރުތައްވެސް ދެއްވަމުންނެވެ. އަދި މިފަހަރުގެ އިންޒާރުތައް ގިނައިން ރައީސް ސާލިހަށާއި ސަރުކާރަށް ނަޝީދު އަމާޒު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައެވެ.
މީގެތެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ، އެމްޑީޕިއަށް އެންމެ ރަގަޅު ގޮތަކީ، "ފެތެމުންދާ" މި ސަރުކާރާ ދުރަށް ދިއުންކަމަށް ވިދާޅުވެ ނަޝީދު އެޕްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕަށް ފޮނުއްވާފައިވާ މެސެޖާއި، އަދި އޭގެ އިތުރުން، ނަޝީދުގެ ތާއީދާއެކީ އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވަމުން ގެންދަވާ އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމުން ރައީސް ސާލިހުގެ އުފަންރަށް، ހިންނަވަރަށް ވަޑައިގަތުމުން ބަހުގެ ހަމަލާތައް އެޓީމަށް ރައްދުކޮށްފައިވާ ކަމަށް ވިދާޅުވެ، ރައީސް ސާލިހަށް ނަޝީދު ދެއްވާފައިވާ އިންޒާރެވެ.
ރައީސް ނަޝީދު އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕުގައި ވިދާޅުވީ މިގޮތަށް ދިމާކޮށް، މީހުން ފޮނުވައިގެން ދިމާކުރެވޭނަމަ، ގަލޮޅަށް ރައީސް ޞާލިހު ވަޑާއިގަތުމުން ރައީސް ޞާލިހާއިވެސް ދިމާ ކޮށްލަންޖެހިދާނެ ކަމަށެވެ.
ހިންނަވަރަށް އީވާ ދިއުމުން މީހުން ފޮނުވައިގެން "ބެވީ" ދެން އިބޫ (ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު) އަށް ގަލޮޅުން އެހެން ހަދަންވީތަ؟
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮންމެއަކަސް، މިހާރު ކުރިޔަށްދާ ޗެއަރޕާރސަން އިންތިޚާބުގެ ވާދަވެރިކަމުގައި، ނަޝީދުގެ ޖަޒުބާތު އަނެއްކާ އަލުން ސޯޝަލް މީޑިއާ ގުރޫޕްތަކުގައި ސަރުކާރާ އަދި ޚުދު ރައީސް ސާލިހާއިވެސް ދެކޮޅަށް ބަންޑުން ކުރަމުންދާއިރު، މިއީ މިބީދައިން ނަޝީދުގެ ޖަޒުބާތުތައް "ގޯނިން ބޭރުވި" ދަވަނަ ފަހަރުކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އަސްލު މައްސަލައަކީ ކޮބާ؟
އެމްޑީޕިއަށާއި ރައީސް ސާލިހަށްވެސް ތާއީދު ކުރާ ގިނަފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި، މަޖިލިސް ރައީސްކަމުގައި ނަޝީދު ހޭދަ ކުރެއްވި މުއްދަތުގައި، ހަގީގަތުގައި މަޖިލިސް ރިޔާސަތުގައި އިންނަވައިގެން ނަޝީދު ސަރުކާރަށް ހަގީގީ އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެއެވެ.
އަދި، މަޖިލިސް ރިޔާސަތުގައި ނަޝީދު ހޭދަ ކުރައްވާފައިވާ މުއްދަތުގައި ކަން ހިނގާފައިވާ އުސޫލުތަކަށް ރަގަޅަށް ބަލާ ނަޒަރެއް ހިންގާލުމުން ސާފުވާން އޮތް ހަގީގަތަކީވެސް މިއީ ކަމުގައި ދެންނެވިދާނެއެވެ. ސަބަބަކީ، ގިނަފަހަރަށް މަޖިލިސް ރިޔާސަތުގައި އިންނަވައިގެން، ސަރުކާރަށް ފާޑު ވިދާޅުވުމާއި، އަދި ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން، އިންޒާރުތައް ދެއްވުމާއި، ބިރު ދެއްކުމާއި، އަދި އޭގެ އިތުރުން، މަޖިލިހުގެ ކޮމިޓީތަކުގެ ބޭނުން ކުރައްވައިގެން ސަރުކާރަށް ނިސްބަތްވާގޮތަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުއްކޮށް، ނަޝީދު ހިތްޕުޅާ ނުވާ މީސްމީހުން ކޮމިޓީތަކަށް ހާޒިރު ކުރުންފަދަ އެތައްކަމެއް ފާއިތިވެދިޔަ ތަނުގައި މަޖިލިހުގެ ތެރޭގައި ވަރަށްވެސް ރަގަޅަށް ތަމްސީލު ވެގެން ގޮސްފައިވާތީއެވެ.
އަދި މިފަދަ ހުރިހާ މައްސަލައަކާއި ތުހުމަތެއްގެ ފޫޅު ސަރުކާރަށް ކަނޑާ، ނަޝީދުގެ ރިޔާސަތުގައި، ރައްޔިތުންގެ މަޖީލިހުގެ ތެރެއިން ސަރުކާރަށް ކުރިމަތިވެގެން ގޮސްފައިވަނީ، އެހީތެރިކަމަށްވުރެ ބޮޑަށް ގޮންޖެހުންތައްކަން މިއީ ފާހަގަވާން އޮތް ކަމެކެވެ. އަދި ރައީސް ސާލިހާއި ނަޝީދާއި ދެބޭފުޅުންގެ މެދުގައި ޕާލަމެންޓްރީ ގުރޫޕް ދެބަޔަކަށް ބެހިގެން ގޮސްފައިވާއިރު، ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުން އިދިކޮޅު ޕީޕީއެމްއާއެކު މަޖިލިހުގައި ވަނީ އެންމެފަހުން ވޯޓުވެސް ދޭން ފަށާފައެވެ.
މިހުރިހާ ކަންކަން ފުރިހަމައަށް ތަރުޖަމާކޮށް، ފާއިތުވެދިޔަ ތަނުގައި މަޖިލިސް ރައީސް މުހައްމަދު ނަޝިދުގެ ފަރާތްތަޕުޅުން ސަރުކާރަށް ކުރިމަތިވަމުންއައި ހަގީގީ ގޮންޖެހުންތަކުގެ އަސްލަކީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކޮށްލުމަށް ކުރައްވަން ފެއްޓެވި މަސައްކަތްތަކަށް ނަޝީދު ބޭނުންފުޅުވީ ގޮތަށް ރައީސް ސާލިހުގެ އެއްބާރުލެއްވުން ލިބިވަޑައި ނުގެންނެވި ނުގެންނެވުންކަމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުންވެސް މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.
ނަން ހާމަކުރަން ބޭނުންނުވާ، އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ނަޝީދުގެ އެންމެ ފުރަތަމަ އަމާޒަކަށްވީ، ރައްޔިތުންގެ އާންމު ވޯޓަކަށްވެސް ނުގޮސް، މަޖިލިހުގައި އޮތް އެޕާޓީގެ ސުޕަރ މެޖޯރިޓީގެ ބޭނުން ކުރައްވައިގެން، ވެރިކަމުގެ ނިޒާމު ބަދަލު ކޮށްލުމެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރިމަތިވި ގޮންޖެހުންތަކާއި، އަދި ދެން އެމަގަށް މަގުފަހި ނުވާނޭކަން ޔަގީން ވުމުން، އަނެއްކާވެސް ސަރުކާރާ ދެކޮޅަށް ނިކުންނެވީ.
ރައީސް ނަޝީދު އަނެއްކާވެސް ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވާން ފެއްޓެވި ފެއްޓެވުމަށް އިޝާރާތް ކުރައްވާ، އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް، ރައީސް ސާލިހު މީގެކުރިން ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ހަމައެކަނި އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށާއި، އެނޫން އުސޫލަކުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމަނިކްފާނު ތާއީދު ނުކުރައްވާނޭ ކަމުގައެވެ.
ދެންވާނީ ކިހިނެއް؟
ރައީސް ސާލިހާއި ރައީސް ނަޝީދާއި ދެބޭފުޅުން ސިޔާސީ ކޯޅުމުގެ އެނެމް ފަހުގެ ޗެޕްޓަރއަކަށް ވެގެން ގޮސްފައި މިވަނީ، މިހާރު ކުރިޔަށްދާ އެޕާޓީގެ ޗެއަރޕާރސަން އިންތިޚާބެވެ. މިއިންތިޚާބުގައި ރައީސް ސާލިހުގެ ތާއީދު މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އޮތް އިރު، ނަޝީދު ފާޅުގައި ތާއީދު ކުރައްވަމުން ގެންދަވަނީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީއަށެވެ.
އެހެންކަމުން، ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކާ، ރައީސް ސާލިހަށްވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް އިންތިހާއަށް މުހިންމުވާއިރު، ޕާޓީ އަތުން ދޫވެގެން ދިޔަ ނުދިނުމަށްޓަކާ، އެޕާޓީގެ ޗެއަރޕާސަންކަމުގެ މަގާމަށް އިމްތިޔާޒު ފަހުމީ އިންތިޚާވުން ނަޝީދަށްވެސް ވެގެންދާނީ އިންތިހާއަށް މުހިންމު ކަމަށެވެ.
މިގޮތުން، މިހާރު އެމްޑީޕީގެ އެތެރޭގައި އޮތް ކެމްޕޭންގެ ވާދަވެރިކަމާއެކު، ރައީސް ސާލިހުގެވެސް، އަދި ނަޝީދުގެވެސް ސިޔާސީ ކުރިމަގު ވަރަށްވެސް ބޮޑަށް ގުޅި ލާމެހިގެން ދަނީ މިއިންތިޚާބުގެ ނަތީޖާއާއެވެ. އަދި މޭމަހުގެ 14ވަނަ ދުވަހުގެ ވޯޓާއެކު، ކުރިލިބިގެންދާ ފެކްޝަނަކަށް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ޕާޓީގެ ޓިކެޓް ކަށަވަރު ކުރުމުގެ ފުރުސަތު އެޕާޓީގެ ތެރެއިން އިންތިހާއަށް ބޮޑަށް ފަހިވެގެން ދާއިރު، މިއީ ރައީސް ސާލިހާއި ރައީސް ނަޝީދާ ދެބޭފުޅުންގެވެސް މެދުގައި އޮތް ސިޔާސީ ވާދެވެރިކަމުގެ އެންމެ ބޮޑު އަމާޒެއް މިވަގުތަށް ހުއްޓިފައިވާ ދިމާ ކަމުގައި ދަންނަވާން ޖެހެއެވެ. އަދި އެމްޑީޕީގެ ދުވެލިވެސް ދެން މިސްރާބުވެގެން ދާނޭގޮތެއްގެ އަންދާޒާއަކީ މިއިންތިޚާބުގެ ނަތީޖާއަށް ބަރޯސާވެފައޮތް އަންދާޒާއެއްކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
2 Responses
ކޮސްކަލޭގެ ބަލަކަލޭގެބަފާގެތަރިކަމުދާގަޑެއްތައް ޕާޓީއަކީ ކަލޭބޭނުހާގޮތަކަހަދަން
Mi nasheedhuge kibain mi qaumu salaamaiykoh dhevvandheyve. Aameen