ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް: މިނިސްޓަރ

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް: މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2022 04:37
0

ކީރިތި ރަސޫލާއަކީ އެންމެހާ މީސްތަކުންނަށްވާ ނަމޫނާއެކަމަށާއި އެކަލޭގެފާނު ގެންނެވި ޝަރީޢަތް، ޢަމަލުފުޅުން ދައްކަވާފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ފޯރަމްގައި ”އެންމެ ހެޔޮ އިންސާނާގެ ޙަޔާތްޕުޅުގައި ޢިޖުތިމާއީ ގުޅުން ” މި މައުޟޫއަށް ތަޤްރީރުކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލެވެ. މި މައުޟޫއަށް ވާހަކަފުޅުކުރިއަށް ގެންދަވަމުން މިނިސްޓަރ ވިދާޅުވީ ޤުރުއާނުގައި ބާވާލައްވާފައިވާ ހުރިހާ ކަންތައްތަކެއް އެކަލޭގެފާނުވަނީ ޢަމަލުފުޅުން ދައްކަވައި، އަދި ފަސޭހައިން އެނގޭ ގޮތަށް މީސްތަކުންނަށް ކިޔައިދެއްވާފައިކަމަށެވެ.

އެކަލޭގެފާނު ގެންނެވި ޝަރީޢަތަކީ އެއީ އެންމެ ފަހުގެ ރިސާލަތުކަމަށާއި އެއްވެސް އުނި އިތުރުކަމެއްނައިސް މި ޝަރީޢަތް ޤިޔާމަތާ ހަމައަށް ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ. ކީރިތި ރަސޫލާ ގެނެސްދެއްވި ރިސާލަތު މީސްތަކުންނާހަމައަށް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނު މީސްތަކުންނާ މުޚާތަބުކޮށް ދެއްކެވި ޝަރީޢަތާގުޅޭ ވާހަކަ މިނިސްޓަރ ވަނީ ކިޔައިދެއްވާފައެވެ.

އަދި ކީރިތި ޤުރުއާނުގައި އެކަލޭގެފާނާ ގުޅޭ ގޮތުންވާ ވާހަކަތަކަށް ބައްލަވާލައްވަމުން ކީރިތި ރަސޫލާ އަކީ މީސްތަކުންނަށް ވާ ނަމޫނާއެއްކަމަށް ވިދާޅުވިއެވެ. އިސްލާމްދީނުގައި އަޚްލާޤަށް ވަރަށް މަތިވެރިކަމެއް ދެއްވާފައިވާއިރު ކީރިތި ރަސޫލާ އަކީ އެންމެ ރިވެތި އަޚްލާގުގެ ވެރިޔާކަމަށްވެސް ވިދާޅުވިއެވެ.

އިންސާނުން މިނެކިރާ މީޒާނުގައި އެންމެ ބަރު އެއްޗަކަށް ވާނީ ރިވެތި އަޚްލާގުކަން ފާހަގަކުރައްވާ މީސްތަކުންގެ ތެރެއިން އެންމެ ގިނަބަޔަކު ސުވަރުގެ ވައްދަވާ އެއްސަބަބަކީވެސް ރިވެތި އަޚްލާޤުކަމަށް ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް ބައްލަވާލައްވަމުން އެކަލޭގެފާނު ރިވެތި އަޚްލާގުގެ ސިފަތަކުން ޒީނަތްތެރިކޮށްދެއްވާތޯ ދުޢާކުރައްވާކަމަށް ވިދާޅުވަމުން މިނިސްޓަރ ވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް ރިވެތި އަޚްލާޤު ލިބިގަތުމަށް ވާރިދުވެފައިވާ ދުޢާތަކަށް ބައްލަވާލައްވާފައެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ނަމޫނާ ދައްކަވަމުން އެކަލޭގެފާނު އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި އެކިކަންކަމުގައި އަނބިއަނބި ކަނބަލުންނާ މަޝްވަރާކުރައްވާކަން ފާހަގަކުރެއްވިއެވެ. ހަމައެގޮތަށް އަނބިއަނބި ކަނބަލުންނަށް އެންމެ ލޯބިވާ ނަމުން މުޚާތަބް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިކަންތައްތަކަށް ބައްލަވާލައްވާ، މިނިސްޓަރ ވިދާޅުވީ ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް ވިސްނައި އެކަލޭގެފާނު ކަންތައް ކުރެއްވިގޮތަށް ކަންކަން އެބަކުރެވޭތޯ ވިސްނާލަން ޖެހޭކަމަށެވެ. އެގޮތުން މީސްތަކުންނަށް އޯގާތެރިވުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި، މިކަންކަމަށް ވިސްނައި، އަޅުގަނޑުމެން އެކަލޭގެފާނު ނަމޫނާއަކަށް ބަލަންޖެހޭކަމަށާއި އެގޮތަށް އަމަލުކޮށް އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށް އުޅެން ޖެހޭކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.