ބޭނުން ކޮންމެ ކަމެއްގައި ގަރާރުތަކާ، ހުކުމްތަކާ، އަމުރުތައް ނެރުމުގެ ބާރެއް މިހާރަކު ނޯންނާނެ: އުޝާމް

ބޭނުން ކޮންމެ ކަމެއްގައި ގަރާރުތަކާ، ހުކުމްތަކާ، އަމުރުތައް ނެރުމުގެ ބާރެއް މިހާރަކު ނޯންނާނެ: އުޝާމް

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2022 09:23
0

ބޭނުން ކޮންމެ ކަމެއްގައި ގަރާރުތަކާ ހުކުމްތަކާ އަމުރުތައް ނެރުމުގެ ބާރު ރައީސަކަށް ހުންނަ މީހަކަށް ލިބިގެން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސައްހަކަމާ ބެހޭ ގޮތުން ބައެއް ގާނޫނީ ވަކީލުން ދަނީ ސުވާލު އުފައްދަމުންނެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން މިބާރުތައް ވެރިކަން ކުރާ ރައީސުންނަށް ބޭނުން އިރަކު ޤަރާރުނެރެ ހުކުމް ނެރުމަކީ ލިބިގެންވާ ބާރެއް ނޫންކަމަށް ޤާނޫނީ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

ޤާނޫނީ ވަކީލުންގެ ވާހަކަތަކަށް ތާއީދު ކުރައްވައި އުޝާމް ވިދާޅުވީ ރައީސަކަށް ހުންނަ މީހަކު ބޭނުންވީމާ، ހުކުމްތަކާއި، ޤަރަރުނެރުމަކީ 2008 ގެ ކުރިން ވެރިޔަކަށް ހުންނަ މީހަކަށް ލިބިދީފައިވާ ބާރެއްކަމަށެވެ. ނަމަވެސް 2008 ގެ ފަހުން އެބާރެއް ލިބިދީފައި ނުވާކަމަށް އުޝާމް ވިދާޅުވިއެވެ.

ސަރުކާރު ހިންގުމަށް އެއިރަކަށް ބޭނުންވާ ހުކުމްތަކާއި އަމުރުތައް ނެރުމުގެ ބާރު އެއީ 2008ގެ ކުރިން އަމަލުކުރަމުންދިޔަ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް ބާރެއް. 2008ގައި އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކޮންމެ ކަމެއްގައި ގަރާރުތަކާ ހުކުމްތަކާ އަމުރުތައް ނެރުމުގެ ބާރެއް ނެތް.

– އުޝާމް ވިދާޅުވިއެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށެވެ.

ރައީސްގެ ޤަރާރާއި ގުޅިގެން އެންމެ ބޮޑަށް ސުވާލު އުފެއްދި އެއްބޭފުޅަކީ ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދެވެ. ދިޔާނާ ވިދާޅުވީ ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ޤާނޫނާއި އެއްފަދަ އެއްޗަކަށް ވާހިދު ޤާނޫނު ހެދުމުގެ ބާރަކީ ކޮންވެންޝަނަލީ މަޖިލިސް އަށް ޚާއްސަވެފައި އޮންނަ ކަމަކަށްވާތީ، މަޖިލިސްގެ ދައުރެއް އޭގައި ނޯންނަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނުނެރެއްވޭނެކަންވެސް ސާފުވާކަމަށެވެ.

އެގޮތުން މިސާލު ނަންގަވަމުން ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނެރެވޭ އިޝޫ އިސްވެ ބުނެ ފުރަތަމަ ހަލަތާއި ދެވަނަ ހާލަތުގައިވެސް އެ ޤަރާރު މަޖިލިސްގައި ޓެބަލްކޮށް ފާސްކުރަންޖެހޭކަމަށެވެ. ޤަރާރު ހުއްދަވާ ތިންވަނަ ހާލަތަކީ މަޖިލިސް ފާސްކުރާ ޤާނޫނެއްގެ ދަށުން ކަމަށްވާތީ އެކަމުގައި މަޖިލިސްގެ ދައުރު އޮންނަނީ ޝާމިލުވެފައި ކަމަށް ދިޔާނާ ވިދާޅުވިއެވެ.

މިނުކުތާތަކުގައި މިހެން ބުނެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ހުއްދަކުރާ ސާފު ޤާނޫނީ މަސްދަރެއް އޮންނަން ޖެހޭކަމާއި، އެ ޤަރާރު އޮންނަން ޖެހޭނީ އެ މަސްދަރުން ކަނޑައަޅާ ހުދޫދުގެ ތެރޭގައި ކަމާއި އަދި އެ ޤަރާރު އެއީ މަޖިލިސްއިން ފާސްވާން ޖެހޭ އެއްޗެއްކަން ސާފުވާކަމަށް ދިޔާނާ ވިދާޅުވިއެވެ.

"އިންޑިއާއައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ނެރުއްވި ޤަރާރަކީ ޤާނޫނު އަސާސީއާއިވެސް ތަޢާރަޒުވާ ޤަރާރެއްކަމަށް ޤާނޫނީ ގިނަ ބޭފުޅުން ދަނީ ފާހަގަ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.