ދިގުލައިގެންދާ ޔޫކުރެއިން ހަނގުރާމައިން ކުރިމަތި ވެދާނެ އިގްތިސާދީ ދައްޗަށް ތައްޔާރުތަ؟

ދިގުލައިގެންދާ ޔޫކުރެއިން ހަނގުރާމައިން ކުރިމަތި ވެދާނެ އިގްތިސާދީ ދައްޗަށް ތައްޔާރުތަ؟

މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑްގެ ނުރައްކާތެރި އާލަމީ ވަބާއަށްފަހު، ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް އެކީ ހުޅުވާނުލެވިގެން އުޅެނިކޮށް ދުނިޔެ ކުރިމަތިލާން ޖެހުނީ އެއަށްވުރެ ވަކީން ކުޑަ ކާރިސާއަކާ ނޫނެވެ. އެއީ މިހާރު ފެށުނުތާ ދެ މަހާއި ގާތް ކޮށްފައިވާ ޔޫކުރެއިން ހަގުރާމައިގެ ކަޅު ވިލާގަޑެވެ.

ފާއިތުވެދިޔަ ފެބްރުއަރީމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކަށް، އެގައުމުން ކުރިން ހީކުރިގޮތަށް ކާމިޔާބު ނުލިބި، ޔޫކުރެއިންގައި ރަޝިއާއިން ހިންގަމުންދާ އަސްކަރީ ހަރަކާތައް މިހާރުވަނީ 56 ދުވަސް ފާއިތުވެގެން ގޮސްފައެވެ.

ނަތީޖާއެއްގެ ގޮތުން، މިހާރު ގަބޫލު ކުރެވިފައިވަނީ، ކުރިން ހީކުރެވިފައިގޮތާއި ޚިލާފަށް މި ހަނގުރާމަ ވަރަށްވެސް ބޮޑަށް ދިގުލައިގެން ދާނެކަމަށެވެ.

އަދި މި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ގިނަ ގައުމުތަކުން ރަޝިއާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާ، އަދި އެގައުމުން އެތެރެކުރާ ގޭހާއި ތެޔޮ ބައެއް ގައުމުތަކަށް އޮތެރުކުރުން ހުއްޓާލުމާއި ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުކޮށް، ދަތުރު ފަތުރާއި ޚިދުމަތުގެ އަގުތައް ވަނީ އުފުލިގެން ގޮސްފައެވެ.

ހަމަ އެފަދައިން، މި ހަނގުރާމައިގެ އަސަރު ދުނިޔޭގެ ކާބޯތަކެތީގެ އިންޑަސްޓްރީއަށްކޮށް، ކެއިން ބުއިމަށް ބޭނުންވާ އަސާސީ ކާބޯތަކެއްތެތީގެ ދަތިކަންވެސް މުޅި ދުނިޔެއަަށް ކުރިމަތިވާނެކަމަށް މިހާރު ބެލެވެން ފަށާފައި ވާއިރު، ގަބޫލު ކުރެވޭ ގޮތުގައި މިހަނގުރާމައިގެ އަސަރު ދުނިޔޭގެ ފައިނޭޝަލް މާރކެޓަށްވެސް މުރިން ހީކުރެވިފައިވާ މިންވަރަށްވުރެ ބޮޑަށް ކުރާނެ ކަމަށް މިހާރުވަނީ ބެލެވިފައެވެ.

ޔޫކުރެއިން ހަގުރާމައިގެ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ކުރާނޭކަމަށް އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުން

 

ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައިއަށް ބޮޑު އަސަރެއް ކުރާނެ!

ރަޝިއާއި ޔޫކުރެއިންއަކީ، ދުނިޔޭގެ ކެއިން ބުއިމަށް ބޭނުންވާ ކާބޯތަކެތީގެ ވަރަށް މުހިންމު ބާވަތްތައް ހައްދާ ދެގައުމެވެ. މިގޮތުން، ދުނިޔޭގެ މާރކެޓަށް ސަޕްލައި ކުރަމުންދާ ވީޓް އާއި ބާރްލީގެ (ކުދިބަތާއި ގޮދަނނައިގެ ބާވަތްތައް) %30 ހިއްސާ ކުރަމުންދަނީ ރަޝިއާއާއި ޔޫކުރެއިންއިންނެވެ. އަދި މީގެ އިތުރުން، ދުނިޔެއަށް ސަޕްލައި ކުރާ ޒުވާރީގެ ފަސްބައިކޮށްފަ އެއްބައި ރަޝިއާއި ޔޫކުރެއިން ސަޕްލައި ކުރާއިރު، ދުނިޔޭގެ މާރކެޓްތަކަށް ސަޕްލައި ކުރަމުންދާ ސަން ފްލާވާރ އޮއިލްގެ %50 ސަޕްލައި ކުރަމުންދަނީވެސް މިދެގައުމުންނެވެ. އަދި ހަމަ އެއާއެކު، ރަޝިއާއި، އެގައުމުގެ އަވައްޓެރި ބެލަރޫސްއަކީ މުޅި ދުނިޔެއަށް ސަޕްލައިކުރަމުންދާ ފާރޓިލައިޒަރ (ގަސްކާނާ)ގެ ފަސްބައިކޮށްފަ އެއްބައިސަޕްލައި ކުރަމުންދާ ދެގައުމެވެ.

އެހެންކަމުން، މިހާރު ހިގަމުންދާ ޔޫކުރެއިން ހަނގުރާމައަކީ، ސީދާ ގޮތެއްގައި، ރަޝިއާ ޔޫކުރެއިން އަދި ބެލަރޫސްވެސް މިހަގުރާމާގައި ބައިވެރިވަމުންދާ ހަގުރާމައަކަށް ވުމާއެކު، މި ގައުމުތަކުން ދުނިޔޭގެ މާރކެޓަށް ސަޕްލައި ކުރަމުންދާ، ކާބޯތަކެއްޗާއި ގުޅުންހުރި ބާވަތްތަކުގެ ސަޕްލައިއަށް މިހާރުވެސް ވަނީ ނޭދެވޭ އަސަރު ކުރަން ފަށާފައިކަމަށް ޔޫއެންއިން މިހާރުވެސް ވަނީ ބުނެފައެވެ.

ޔުނައިޓެޑް ނޭޝަންސް ފުޑް އެންޑް އެގްރިކަލްޗަރ އޯގަނިޒޭޝަން (FAO)އިން، މި ހިނގާ އެޕްރިލްމަހުގެ 8ވަނަ ދުވަހު އާންމު ކޮށްފައިވާ އެޖަމިއްޔާގެ ތިންވަ ރެކޯޑް ފުޑް ޕްރައިސް އިންޑެކްސްގައި ހާމަ ކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ކާބޯތެކެތީގެ އަގުތައް، ފާއިތުވެދިޔަ އަހަރުގެ މި ދުވަސްކޮޅާއި އަޅާ ބަލާއިރު، މިހާރުވަނީ %34 މަތިވެގެން ގޮސްފައެވެ. އަދި މިއ ީ(FAO)އިން، ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ރެކޯޑްކޮށް ބަލަހައްޓަން ފެށިފަހުންވެސް، މި މިންވަރަށް އަގުތައް މަތިވެގެން ގޮސްފައި ހަމައެކަނި ފަހަރުކަންވެސް އެޖަމިއްޔާއިން ފާހަގަ ކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން ރަޝިއާއި ބެލަރޫސްއަކީ ގިނަ އަދަދަކަށް ގަސްކާނާގެ ބާވަތްތައް އެކްސްޕޯޓު ކުރާ ދެގައުކަމަށް ވުމާއެކު، ގަސްކާނާގެ އަގުތައްވަނީ ދެގުނައަށް މިހާރު މަތިވެގެން ގޮސްފައެވެ.

ރަޝިއާއާއި ޔޫކުރެއިންއަކީ ގިދަނުގެ ބާވަތްތައް ދުނިޔޭގައި އެންމެ ގިނައިން ހައްދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެގައުމު

 

ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް!

ރަޝިއާއަކީ، ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އެކްސްޕޯޓުކުރާ ގައުމެވެ. އަދި އެގައުމަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ގައުމުވެސްމެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމާއެކު، އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އިތުރުންވެސް ކެނެޑާ ޖަޕާންފަދަ ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ރަޝިއާއި ދެކޮޅަށް އަޅަންފެށި އިގްތިސާދީގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކުގެ އަސަރުތައް ދުނިޔޭގެ ތެލުގެ އިންޑްސްޓްރީން ދަނީ ވަރަށްވެސް ބޮޑަށް ފެންނަމުންނެވެ. މިގޮތުން، ދުނިޔޭގެ ބާޒާރުގައި ކުރޫޑް އޮއިލް (ސާފު ނުކުރާ ތެޔޮ)ގެ އަގު މިހާރުވަނީ %60 އުފުލިގެން ގޮސްފައެވެ.

ޔޫކުރެއިން ހަނގުރާމަ ފެށުމާއި ހަމައަށް ރަޝިއާއަކީ މުޅި ޔޫރަޕް ބައްރުގެ %40 ހަކަތަ ސަޕްލައި ކޮށްދޭ ގައުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރަޝިއާއިން ގޭހާއި ތެޔޮ އެތެރެކުރުން ޔޫރަޕަށް ކުއްލިއަކަށް ހުއްޓާ ނުލެވުނު ނަމަވެސް، މިއަހަރު ނިމިގެން ދާއިރު، ރަޝިއާގެ ގޭހާއި ތެލަށް ބަރޯސާވުން ވަރަށް ބޮޑުތަނުން ކުޑަކުރުމަށް ޔޫރަޕްގެ އިއްތިހާދުންވަނީ ނިންމާފައެވެ.

މިއަހަރު ފެށިގެން އައިއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފިފާއެއްގެ އަގު ހުރެފައިވަނީ 75 އެމެރިކާ ޑޮލަރުގައެވެ. އަދި މިއަހަރު ތެރޭގައި ތެލުގެ އަގު މަތިވެގެންވެސް އެވުރެޖު ގޮތެއްގައި ހުންނާނީ 80 ވަރަކަށް އެމެރިކާ ޑޮލަރުގައި ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ލަފާ ކޮށްފައިވި ނަމަވެސް، ރަޝިއާ ޔޫކުރެއިން ހަގުރާމައިގެ ވިލާގަޑު ބޯމަތިވެ، ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުކޮށް، މި ހަގުރާމެ ފެށުނު ދުވަހާއި ހަމައަށް ތެޔޮ ފިފާއެއްގެ އަގުވަނީ 92 ޑޮލަރަށް އަރާފައެވެ.

އަދި، ގެއްލުން ބޮޑު މި ހަގުރާމައަށް ދެމަސް ފުރިގެންދާއިރު،  ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިވަނީ މިހާރު 103 އެމެރިކާ ޑޮލަރަށް އަރާފައެވެ. އަދި ރަޝިއާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ޔޫރަޕަށް ތެޔޮ އެތެރެކުރުން ހުއްޓާލުމާމެދު އަދިވެސް ވާހަކަ ދެކެވެމުދާތީ، އީޔޫއިން މިފަދަ ފިޔަވަޅެއް އަޅާއިފިނަމަ، ދުނިޔޭގެ ބާޒާރުގައި ޔެތޮ ފީފާއެއްގެ އަގު، ފީފާއަކަށް 185 އަށް އުފުލިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް ޖޭޕީމޯރގަންއިން ވަނީ ލަފާ ކޮށްފައެވެ.

ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގައިވެސް ތެލުގެ އަގު ދަނީ އުފުލެމުން

އެހެންކަމުން، ދުނިޔޭގެ ތެލުގެ ބާޒާރަށް މިއަންނަ ނުރަގަޅު ބަދަލުގެ އަސަަރު، ކަނޑުމަގުންނާއި ވައިގެ މަގުން ކުރާ ދަތުރުތަކަށް ކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި، އެސްޓީއޯއިން ވިއްކަމުންދާ ތެލުގެ އަގު 3 ފަހަރަށް ބޮޑުކުރަން ވަނީ ޖެހިގެން ގޮސްފައެވެ. އަދި ވަކީން ޚާއްސަކޮށް ޔޫރަޕުން އެތެރެކުރާ މުދަލުގެ އަގު މިހާރުވެސް އުފުލިގެން ގޮސްފައިވާކަން މުފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

 

އިގްތިސާދީގޮތުން ދާނީ ދަތިވަމުން! ދަތިތަކަށް ހޭލާ ތިބުން މުހިންމު!

ރާއްޖޭގެ ފަތުރުވެރިކަމުގެ ލިސްޓުގެ ދެވަނާގައި އޮތް ރަޝިއާގެ އިގުތިސާދު، ހަގުރާމައާއި ގުޅިގެން އިނދަ ޖައްސާލުމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުންނާއި، އަދި އެގައުމުގެ ދަތުރުފަތުރު ކުރުމުގެ މުޅި ނިޒާމު އެކީ ހުއްޓުމަކަށް އައިސްފައިވާ ވުމުގެ ނަތިޖާއެއްގެ ގޮތުން، މިފިޔަވަޅުތަކުގެ އަސަރު ރާއްޖެއަށް ނުކޮށް ނުދާނޭކަމީ ކަށަވަރުވެ ޔަގީންވާން އޮތްް ކަމެކެވެ.

މިގޮތުން ބަލާއިރު، ރަޝިއާއިން ޔޫކުރެއިންއަށް ފާއިތުވެދިޔަ ފެބުރުއަރީމަހުގެ 24ވަނަ ދުވަހު ހަމަލާ ދޭން ފެށުމުގެ ކުރީ ހަފްތާގައި ރަޝިއާއިން 6،469 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ. ހަގުރާމް ފެށުމަށްފަހު ޖެހިގެން އައި ހަފްތާގައި ރަޝިއާއިން ރާއްޖެއަށް ރަޝިއާއިން ޒިޔާރަތް ކޮށްފައިވަނީ، 4،395 ފަތުރުވެރިންނެވެ. ހަގުރާމަ ދިގުލައިގެން ގޮސްފައިވާއިރު، ފާއިތުވި އޭޕްރިލް 6ވަނަ ދުވަހަށްފަހު، ފާއިތުވެދިޔަ އެޕްރިލް 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އެންމެ 706 ފަތުރުވެރިންނެވެ.

އަދި ރާއްޖެއަށް ފަތުރުވެރިން އުފުލާދޭ ފްލައިޓެއް ކަމުގައިވާ ރަޝިއާގެ ގައުމީ އެއަރލައިން އޭރޯފްލޮޓްގެ ބައިނަލްއަގުވާމީ ހުރިހާ ދަތުރުތައް މިހާރު ހުއްޓުމަކަށް ގެނެސްފައިވުމުގެ ނަތީޖާއެއްގެ ގޮތުން، ގަބޫލުކުރެވޭ ގޮތުގައި، ރަޝިއާއިން ރާއްޖެއަށް ދަތުރުކުރާ ފަރުވެރިންގެ އަދަދު ކުރިޔަށް އޮތްތަނުގައި ބޮޑުތަނުން ދަށްވެގެން ދާނެއެވެ. އަދި މި ހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން، އެންމެ ރަގަޅު 10 މާރކެޓްގެ ތެރޭގައި އޮތް ރަޝިއާއި ޔޫކުރެއިން މިލިސްޓުން އުނިވެގެން ދިއުމަކީ ވުން އެންމެ ގާތްކަމެއް ކަމުގައި މިދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކޮންމެއަކަސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ، ސީދާ ގޮތުން ދިވެހި އިގްތިސާދުގައި ޖީޑީޕީގެ ނިސްބަތުން 26.3 އިންސަތަ މިއަދު ހިއްސާ ކުރަމުންދާ ސިނާއަތެކެވެ. ނުސީދާގޮތުން ޖީޑީޕީގެ 70 އިންސައްތަ މި ސިނާއަތުގެ ހިއްސާ ދިވެހި އިގްތިސާދުގައި އެބަ އޮތެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖެއަށް ވަންނަމުންދާ ބޭރު ފައިސާގެ 90 އިންސައްތަ ވަންނަމުންދާ މައި ދޮރާށިވެސް މެއެވެ.

ހަގުރާމައިގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރުވެސް ދަނީ ކުރަމުން

އެހެންކަމުން، ޔޫކުރެއިން ހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން، ރަޝިއާއަދި ޔޫކުރެއިނުން އަންނަ ފަތުރުވެރިން އަދަދަށް ނެދެވޭ އަސަރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ވަރުގަދަ މާރކެޓަކަށް މިގޮތުން ކުރާ އަސަރަކީ، ހުރިހާ ގޮތަކުން ބަލާއިރުވެސް، ރާއްޖޭގެ އިގްތިސާދަށް އޭގެ ސީދާ އަސަރު ނުކޮށް ނުދާނޭ ކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.

ހަމައެއާއެކު، މުޅި ދުނިޔޭގެ ކާބޯތަކެތީގެ އަގަށް އައިސްފައިވާ ނުރަގަޅު ބަދަލުތަކާއި، ތެލުގެ އަގު އުފެލެމުންދާ ދިއުމާއި، އަދި މުޅި ދުނިޔޭގެ ދަތުރުފަތުރަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ އަސަރު ވަކިވަކި ފަރުދުންނާއި ހަމައައިން ކުރިޔަށް އޮތްތަކުގައި ފެނިގެންދާނޭކަމުގައި އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މިއީ މި ނުރަގަޅު ބަދަލުތަކަށް ހޭލާ ނުތިބެއްޖެނަމަ، މިހާރުވެސް ދަރަނިން ފޫބައްދަމުންދާ ދިވެހި އިގްތިސާދަށް އިތުރު އަޑިގުޑަންތަކާއި ކުރިމަތި ވެގެންދާނޭ ބޮޑެތި ގޮންޖެހުންތަކެއް ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *